އޭޑީކޭ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް މިއަދު ހުޅުވައިފި އެވެ.
މިކަމާގުޅިގެން އޭޑީކޭއިން ބުނެފައިވަނީ ހުން އައިސް ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާތީ ހިދުމަތް އަވަސްކޮށް ދިނުމަށް "ފީވާ ކްލިނިކް"ގެ ނަމުގައި އެތަން ހުޅުވީ އެ ހޮސްޕިޓަލުގެ ލޮބީގައި ކަމަށެވެ.
"ފީވާ ކްލިނިކް" ހުޅުވާފައި ހުންނާނީ މެންދުރު ފަހު 2 އިން ދަންވަރު 2 އާ ހަމައަށެވެ. ހުން ޖެހިގެން އަންނަ މީހުން، ލޮބީގައި ހުންނަ އެކަމަށް ކަނޑައަޅާފައިވާ މޭޒު ކައިރިއަށް ދިޔުމަށް އޭޑީކޭއިން ވަނީ އެދިފައެވެ.
އޭޑީކޭއިން ބުނީ މި މަހު 1- 16 އަށް، ހުން ޖެހިފައިވާ މީހުންގެ އަދަދު، ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވެސް އިތުރުވެފައިވާއިރު، މިދިޔަ އަންގާރަ ދުވަހު އެކަނި ވެސް 115 މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.
ވައިރަލް ހުމާއެކު ޑެންގީހުން އިތުރުވަމުންދާ ކަމަށްވެސް އޭޑީކޭއިން ވަނީ ފާހަގަކޮށްފަ އެވެ.