ނިޕާ ވައިރަހަކީ ޓެރޯޕަސް އާއިލާގެ ވާ (ފުރުޓް ބެޓްސް) އާއި އޫރުން، އިންސާނުންނަށް ޖެހޭ ބައްޔެކެވެ.
މިބާވަތުގެ ވާ ކައިފައިވާ މޭވާ ނުވަތަ ވާލުގެ ކުޅު ނުވަތަ ކުޑަކަމުދާ އެއްޗެހި ޖެހިފައިވާ ކާނާ ބޭނުން ކުރުމުން އިންސާނުންނަށް ބަލި ފެތުރެއެވެ. މީގެ އިތުރުން މިބަލި ޖެހިފައިވާ މީހުންނާއި ގާތްކޮށް އުޅޭ ފަރާތްތަކަށް ވެސް ބަލި ފެތުރުމުގެ ފުރުސަތު ބޮޑެވެ.
މިބަލި ޖެހުމުން ބައެއް މީހުންނަށް އެއްވެސް އަލާމާތެއް ނުފެނި ހިނގައިދާނެއެވެ. މިބަލިޖެހޭ ގިނަ މީހުންނަށް އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ގައިގާ ރިއްސުމާ ކަރުތެރެ ސަކަރާތްވުން ހިމެނެއެވެ.
ބަލިޖެހޭ ބައެއް މީހުންގެ ސިކުނޑިއަށް ބަލީގެ އަސަރުކޮށް ބޯއެނބުރުމާއި ހެއަށް ގޮތްވުން އަދި ފިޓު ޖެހުން ފަދަ އަލާމާތްތައް ވެސް ފެނެއެވެ.
މިބައްޔަށް ވަކި ޚާއްސަ ފަރުވާއެއް އަދި ފެނިފައެއް ނުވެއެވެ. ޑެންގީ، ޒިކާ ފަދަ ބަލިތައް ފަދައިން މިބައްޔަށް ވެސް ފަރުވާ ދެވެނީ އޭގެ އަލާމާތްތަކަށެވެ.
ނިޕާ އިން ރައްކާތެރިވުމަށް މިކަންކަމަށް ސަމާލުކަން ދެވިދާނެއެވެ.
- ގަސްގަހުގައިވާ މޭވާ ވާލުން ރައްކާތެރި ކުރުން.
- ރުކުރާ ނެގުމުގައި ވާލުން ރައްކާތެރި ކުރުން.
- މޭވާ ބޭނުން ކުރުމާއި ވިއްކުމުގައި އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުން. (މޭވާ މަށައިގެން އަދި ރަނގަޅަށް ދޮވެގެން ބޭނުން ކުރުން. އަދި އެއްވެސް ތަންކޮޅެއް ހަލާކުވެފައިވާ މޭވާ ބޭނުން ނުކުރުން)
މަސްދަރު: އެޗްޕީއޭ ގެ ބަޔާން