ރާއްޖޭގެ ހުރިހާ ޝައިޚުން ހުއްޓުވި ނަމަވެސް ރާއްޖޭގެ ތައުލީމީ ސިޔާސަތުގައި މައްސަލަތަކެއް ނެތް ކަމަކަށް ނުވާނެއެވެ. އަދި ޝައިޚުން ހުއްޓުވުމަކުން ތައުލީމީ ސިޔާސަތުގައި ހުރި ހުރިހާ މައްސަލަތައް އިޞްލާޙެއްވެސް ނުވާނެއެވެ.
ރާއްޖޭގެ ތައުލީމީ ސިޔާސަތުގައި މައްސަލަތަކެއް އެބަހުރިކަން އެނގެނީ ސާނަވީ ނިންމާ ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުންނަށް ނަމާދުކުރަން ނުއެނގޭތީއެވެ. ކީރިތި ޤްރްއާން ކިޔަވަން ނުއެނގޭތީއެވެ. ހިތުގައި އިސްލާމް ދީނަށް ޅޯތްބެއް ނުއޮންނާތީއެވެ.
ދެން ބަލަންވީ މި މައްސަލަތައް ހުރި ދަރުވަރުންގެ އިންސައްތައަށެވެ. ރަމަޟާން ނޫން މަސްތަކުގައި ޖަމާއަތަށް މިސްކިތަށްއަރާ ޒުވާނުންގެ އަދަދަށް ބަލައިލީމާ މައްސަލަ އޮތް މިންވަރާއި އިންސައްތަ ވަރަށް ރަނގަޅަށް ސާފުވާނެއެވެ. ސާނަވީ މަރުހަލާ ނިންމާ ދަރިވަރުންނަށް ހިނައި ޠާހިރުވަން އެނގޭ މިންވަރު ބަލައިލީމާ ވެސް އެނގިގެންދާނެއެވެ.
މީގެ ދެ ދުވަސް ކުރިންވެސް ރާއްޖޭގެ އެންމެ ފުންނާބު އުސް ދީނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އައްޝައިޚް އަޙްމަދު ސަމީރު ވަނީ ސްކޫލްތަކުގައި (ނާޗަރަންގީ އާއި އިބިލީހަށް ނާޗަރަންގީ ކުޅެދިނުމަށް ބޭނުންކުރާ ސާމާނު) މިޔުޒިކާއި މިޔުޒިކް ކުޅޭ ސާމާނު ކިޔަވައިދޭ ގޮތާއި ބެހޭ ގޮތުން ޙައްޤު ބަސްފުޅު ވިދާޅުވެފައެވެ. ސަމީރުގެ ދޫފުޅު ބުރިކޮށްލިއްޔާ އެ މައްސަލަތައް ނެތް ކަމަށް ހެދޭނެ ހެއްޔެވެ؟
ޢިލްމުވެރިންނަށް ފެނިވަޑައިގަންނަވާ ކަންކަމުގެ ވާހަކަފުޅު ދައްކަވާނެއެވެ. ދައްކަވާލެއް އަދިވެސް މާމަދީއެވެ. ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަންހެނާގެ އައުރަ ބަޔާންވެގެންވާއިރު ބޮޑު އެދުރުދައިތަ އެ ހުންނަވާ ގޮތާއިމެދު ވެސް ދީނީ ޢިލްމުވެރިން ފާޑުވިދާޅު ނުވުމަކީވެސް މައްސަލައެކެވެ.
ވަރަށް ފަހުން ވެސް މި މައުޟޫއަށް ދެކެވުނު ވާހަކައެއްގައި އެއް ބޭފުޅަކު ވިދާޅުވީ ކޮންމެހެން ހުރިހާ އަންހެނުން ބުރުގާ އަޅަން ނުޖެހޭ ކަމަށެވެ. ޖަވާބުދައި ދެވަނަ ޢިލްމުވެރިޔާ ހަމަ އެ އިލްމުވެރިޔާއަށް ތާއީދުކުރެއްވީއެވެ.
"ހުރިހާ އަންހެނުންނެއް ނޫން - ހަމަ އެންމެ އަންހެނަކު ބުރުގާ ނުއެޅި ނަމަވެސް ހަމަ ބަރާބަރުވާނެ. ނިވާކުރަން ޖެހޭ ސަރަހައްދެއް އޮތީ. އެއީ ހިލޭ ފިރިހެނުންގެ ކުރިމަތީގައި މޫނާއި ދެ އަތްތިލަ ފިވަޔަވައި އެހެން ހުރިހާ ތަނެއް. އެތަންތަން ނިވައިކޮށްލީމަ ނިމުނީ. ކޮންމެހެން ބުރުގާ ކިޔާ އެއްޗެއް ދުވަހަކު ނުއެޅި ނަމަވެސް މައްސަލައެއް ނެތް." ކަމަށްވެސް ވިދާޅުވިއެވެ.