މީހުން ބިނާކޮށް ކުރިއެރުވުމަށް އެސްޓީއޯއިން ކުރާމަސައްކަތުގެ ތެރެއިން ސިއްހީ ދާއިރާއިން މީހުން ބިނާކޮށް އަދި ހުނަރު އިތުރަށް ތަރައްގީކުރުމަށްޓަކައި އިންސްޓިޓިއުޓެއް އެކުލަވާލުމުގެ އެމްއޯޔޫއެއްގައި ޖީއީ ހެލްތްކެއަރ އާއިއެސްޓީއޯ އާއިދެމެދު ސޮއިކޮށްފިއެވެ. އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 29 މެއި 2018 ގައި ކަމަށް އެސްޓީއޯ އިން ބުނެއެވެ.
މި އެމްއޯޔޫގައި ސޮއިކުރެއްވީ އެސްޓީއޯގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު އާއި ޖީއީ ހެލްތްކެއަރގެ ފަރާތުން އެކުންފުނީގެ އެޑިއުކޭޝަން ސޮލިއުޝަންސް އެންޑް ކަސްޓަމަރ އެންގޭޖްމަންޓްގެ މިސަރަހައްދުގެ ހެޑް، މރ. މަރޫތު ސެތިއާއެވެ.
ސޮއިރުކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އަޙްމަދު ޝަހީރު ވިދާޅުވީ ގޮތުގައި އެސްޓީއޯއަކީ ސިއްހީ ދާއިރާއިން ރާއްޖޭގެ ހުރިހާ ކަންކޮޅެއް ހިމެނޭގޮތަށް ގިނަގުނަ ހިދުމަތްތަކެއް ފޯރުކޮށްދެމުން ގެންދާ ކުންފުންޏެއް ކަމަށެވެ. އަދި މިދާއިރާއިން މީހުން ބިނާ ކުރުމަކީ ކުންފުނިން ވަކިން ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމެއްކަން ބަޔާންކޮށް، މި ޕާޓްނަރޝިޕްގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.
އެސްޓީއޯއާއެކު މިއުފެދުނު ޕާޓްނަރޝިޕަށް އަލިއަޅުވާލައްވަމުން މަރޫތު ސެތިއާ ވިދާޅުވީ ހަމައެކަނި މެޝިނަރީއިން ސިއްހީ ހިދުމަތް ފުރިހަމަ ނުވާނެ ކަމަށާއި، ފަންނީ ތަމްރީނުތަކަކީ އިކުއިޕްމަންޓްގެ ބޭނުން އެކަށޭނަ ގޮތުގައި ހިފައި، ސިއްހީ ފަރުވާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ބޭނުންވާ އަސާސެއްކަމަށެވެ.
މި އެމްއޯޔޫގެ ދަށުންފުރަތަމަފިޔަވަހީގެ މަސައްކަތް އަމާޒުކުރުމަށް ހަމަޖެހިފައިވަނީ އެކްސްރޭ ޓެކްނީޝަނުން އުފެއްދުމަށާއި، މިދާއިރާއިން ހުނަރު އިތުރަށް ތަރައްގީ ކުރުމަށެވެ. އަދި މީގެ އިތުރުން އެސްޓީއޯގެ ސްޓާފުންގެ ހުނަރު އިތުރަށް ބިނާކޮށް ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށް އެސްޓީއޯއިން މިއަދު މައުލޫމާތު ދެއްވިއެވެ.