ޑޮކްޓަރެއްގެ އިހުމާލުން މީހަކު ނިޔާވި ކަމަށް ބުނާ މައްސަލައެއް ދަނީ ބަލަމުން: އޭޑީކޭ

ކިޔުމަށް ހޭދަވާނީ 1މ 42ސ
ޑޮކްޓަރެއްގެ އިހުމާލުން މީހަކު ނިޔާވި ކަމަށް ބުނާ މައްސަލައެއް ދަނީ ބަލަމުން: އޭޑީކޭ
މާލޭގައި އުފެދުނު އެންމެ ފުރަތަމަ އަމިއްލަ ހޮސްޕިޓަލު، އޭޑީކޭ، ގެ އިހުމާލުން މީހަކު ނިޔާވި ކަމަށް އާއިލާއަކުން ބުނާ މައްސަލައެއް އެހޮސްޕިޓަލުން ބަލަން ފަށައިފިއެވެ.

އެހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް މިދިޔަ ހޯމަ ދުވަހުގެ ރޭ ނިޔާވެފައިވަނީ ހ. އުނިގަސްދޮށުގެ އުމުރުން 59 އަހަރުގެ އައިޝަތު އާދަމް އެވެ.



އައިޝަތު އާދަމް ގެ އާއިލާއިން ވަނީ، އެކަން ހިނގިގޮތް ކަމުގައި ބުނެ ބަޔާނެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އަފްއާލް މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އޭޑީކޭ ހޮސްޕިޓަލުން އެމައްސަލަ ބަލަމުން އަންނަ ކަމަށާއި ތަހުގީގު ނިމުމުން އެކަން އާއިލާއާއި ހިއްސާ ކުރާނެ ކަމަށެވެ.
އާއިލާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އައިޝަތު އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނީ މިހިނގާ މެއި މަހުގެ 23 ވަނަ ދުވަހު، ނޭވާލާން އުނދަގޫވާތީއެވެ. އައިޝަތުއަށް ފުރަތަމަ އެމަޖެންސީގައި ފަރުވާ ދިނުމަށްފަހު އެދުވަހުގެ ރޭ އައިސީޔޫ އަށް ބަދަލު ކުރެވުނު ކަމަށް އާއިލާއިން ނެރެފައިވާ ބަޔާނުގައިވެއެވެ.

މިމަހުގެ 24 ވަނަ ދުވަހު ވެސް އައިސީޔޫގައި އޮތް އިރު އައިޝަތުގެ ކަނާއަތް ކޮނޑުހުޅުން ފެށިގެން ވަރަށް ބޮޑަށް ދުޅަވެފައިވާކަން ފާހަގަ ކުރެވުނު ކަމަށާއި އައިސީޔޫގައި ހުރި ނަރުސް ކުއްޖާއަށް އެކަމުގެ ޝަކުވާ ކުރި ކަމަށް އާއިލާއިން ބުނެފައިވެއެވެ. އެދުވަހު އައިޝަތު ކޮޓަރިއަށް ބަދަލު ކުރެވުނުއިރު، އޭނާގެ އަތް ޑޮކްޓަރު ޝަރަދު ބަލާނެ ކަމަށް ނަރުސް ކުއްޖާ ބުނި ނަމަވެސް، އަައިޝަތުގެ އަތް ބަލާފައި ނުވާ ކަމަށް ވެސް އާއިލާއިން ވަނީ ބުނެފައެވެ.

އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޑޮކްޓަރުން އައިސް އައިޝަތު މާކުރިން ނިޔާވެފައިވާ ކަމަށް ބުނިކަމަށާއި އޮޕަރޭޝަނެއް ކުރަން ތިއޭޓަރަށް ވައްދާފައި ނެރުނުއިރު ލޮލުގައި އަޅާފައިވާ ޓެޕް ނައްޓާލުމުން އައިޝަތުގެ ލޯ ބޭރަށް ނިކުމެފައިވާ ކަމަށެވެ.

އެހޮސްޕިޓަލުން ކުރި އޮޕަރޭޝަންގެ ތެރޭގައި އައިޝަތު ނިޔާވެފައިވާކަމަށް ބުނުމުން "ޑޮކްޓަރުން ވަނީ އިސްޖަހާފައި" ކަމަށް ވެސް އާއިލާއިން ބުނެފައިވެއެެވެ.

"މަންމަ ނިޔާވުމުގައި ޑޮކްޓަރުންގެ އިހުމާލުކަމަށް އާއިލާއިން ޤަބޫލުކުރަނީ އައިސީޔޫގައި ތިބި ނަރުސް ކުދިންނާއި މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާ ސުވާލުކުރުމުން، އެމީހުންގެ އިހުމާލު މިކަމުގައި ވާކަމަށް ވަނީ އިއުތިރާފް ވެފައެވެ." އައިޝަތު އާދަމް ގެ އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މިއަދު އޮންލައިން