އދ އިން އަނެއްކާވެސް ފަސްޠީން ރައްޔިތުންނަށް މަލާމާތާއި ފުރައްސާރަކޮށްފިއެވެ. އެކަން ކުރީ މީގެ ކުރިންވެސް އެކަން ކުރާ އުޞޫލުން ފަލަސްޠީނު ރައްޔިތުންނަށް އަނިޔާ ކުރުން ހުއްޓާލުމަށް ގޮވާލާ ޤަރާރެއް ފާސްކޮށްގެންނެވެެ.
120 ޤައުމުގެ ތާއީދާއިއެކު ފާސްކުރި މި ޤަރާރުގައިވެސް ކުޑަކުދިން ގާތު "ދެން ނުތޮޅޭތި" ބުނާ އުޞޫލުން ބަހެއް ބުނުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުފެނެއެވެ.
އަރަބި ޤައުމުތަކުގެ ފަރާތުން ތުރުކީ އާއި އަލްޖީރިއާ އިސްވެ އޮވެ ހުށަހެޅި ޤަރާރަށް 120 ޤައުމުން ވޯޓު ދީފައިވާއިރު ދެކޮޅަށް 8 ޤައުމަކުން ވަނީ ވޯޓުދީފައެވެ. 45 ޤައުމަކުން ވަކި ކޮޅަކަށް ވޯޓުދީފައެއް ނުވެއެވެ.
އދ އިން ފާސްކޮށްފައިވާ މިފަދަ ޤަރާތުތަކުގެ އަދަދު 1000 އިން އެރި ނަމަވެސް އެއިން އެއްވެސް ޤަރާރަކުން ފަލަސްޠީން ރައްޔިތުންނަށްކުރާ އެއްވެސް ފައިދާއެއް ނުފެނެއެވެ. އިޒްރޭލުގެ އަނިޔާވެރިކަން ދަނީ އިތުރުވަމުންނެވެ. ފަލަސްޠީގެ ބިންތަކުގައި ގެދޮރުވެރި ކުރުވުން ވެސް ދަނީ އިތުރު ކުރުވަމުންނެވެ.