މެޑިކަލް ޓޫރިޒަމްގެ ދާއިރާއިން ރާއްޖޭގައި ޚިދުމަތް ދޭން ފަށަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
މެޑިކަލް ޓޫރިޒަމްގެ ދާއިރާއިން ރާއްޖޭގައި ޚިދުމަތް ދޭން ފަށަނީ
މެޑިކަލް ޓޫރިޒަމްގެ ދާއިރާއިން ރާއްޖޭގައި ޚިދުމަތް ދޭން ފެށުމާއި ބެހޭ އެއްބަސްވުމެއްގައި އޭޑީކޭ ހޮސްޕިޓަލާއި އެމްވީ މެޑިކަލްސް އިން ސޮއިކޮށްފިއެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އޭޑީކޭ ހޮސްޕިަލުގެ އެމްޑީ އަޙްމަދު އަފްޢާލް ވިދާޅުވީ މިދިއަ އަހަރަށް ބެލިނަމަވެސް އެކި ޤައުމުތަކުގެ މީހުންނަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމުގެދަށުން އެމްވީ މެޑިކަލްސް އިން ކުރާނެ މަސައްކަތަކީ ތަފާތު ދާއިރާތަކުން ފަރުވާ ހޯދަންޖެހޭ މީހުން އެކި ޤައުމުތަކުން ހޯދައިގެން ރާއްޖެ ގެނައުން ކަމަށެވެ.



އަފްޢާލް ވިދާޅުވީ ޔޫރަޕާއި މެދުއިރުމަތީގެ ފަތުރުވެރިންވެސް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ކަމަށާއި ދެވުނު ފަރުވާއަށް ހުރިހާ ޕޭޝަންޓުން ވެސް ހިތްހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން މެޑިކަލް ޓޫރިޒަމްގެ ދާއިރާއިން ކުރިއަށް ދެވޭނެ ކަމުގެ ޔަޤީންކަން މިހާރުވެސް ލިބިފައިވާ ކަމަށެވެ.

އަފްޢާލް ވިދާޅުވީ ޚިދުމަތް ފަށައިގަންނައިރު 3 ދާއިރާއެއް ޚާއްޞަކޮށްފައިވާ ކަމަށާއި އެއީ އޯތޮޕެޑިކްސް (ކަށީގެ ފަރުވާ)، ކާޑިއޮލޮޖީ (ހިތުގެ ބަލިތައް) ނިޔުރޮލޮޖީ، ނިޔުރޯ ސަރޖަރީ (ނާރުގެ ބަލިތައް) ކަމަށެވެ.

އަފްޢާލް ވިދާޅުވީ މިދާއިރާތަކުން ރާއްޖޭގައި މިހާރު ދެވެންހުރި ޚިދުމަތްތަކަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ދެވެންހުރި ފަދަ ޚިދުމަތްތައް ކަމަށެވެ. އެހެން ކަމުން ފަރުވާ ހޯދަން މިހާރު ރާއްޖެއިން ބޭރަށް ދަނީ ރާއްޖެއިން ފަރުވާ ލިބެން ނެތިގެން ނޫން ކަމަށެވެ. އަދި ދުނިޔޭގެ ނިޞްބަތަށް ބަލާއިރު ރާއްޖެއިން ރަނގަޅު އަގުގައި ފެންވަރު ރަނގަޅު ޚިދުމަތް ދެވޭނެ ކަމަށެވެ.

އެމްވީ މެޑިކަލްސް އިން ބުނީ ކޮންމެ ކަމެއްވެސް އަލަށް ފަށައިގަންނައިރު ގޮންޖެހުންތަކެއް ހުންނާނެ ކަމަށާއި ނަމަވެސް ކުރިއަށް ދިއުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. އަދި ރާއްޖެއަކީ ދަތުރުފަތުރުކުރަން ފަސޭހަ، ފަތުރުވެރިން އައިސް ގޮސް ވުމަށް ފަސޭހަ ޤައުމަކަށްވުމުން ރާއްޖެއަކީ މެޑިކަލް ޓޫރިޒަމްގެ ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރަމޯޓް ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.

ރާއްޖެއަކީ ފަސޭހައިން ވިސާ ލިބޭ ޤައުމަކަށްވުމަކީވެސް މެޑިކަލް ޓޫރިޒަމް ރާއްޖޭގައި ކުރިއަށް ގެންދަން ފަސޭހަވާނެ ސަބަބެއް ކަމަށްވެސް އެމްވީ މެޑިކަލްސް އިން ބުނެފައިވެއެވެ.
މިއަދު އޮންލައިން