ރާއްޖޭގައި ސިޔާސީ ގޮތުން އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލެއް އައިސްފައިވޭތޯ ބެލުމަށް އދ. ގެ ޓީމެއް މިއަދު ރާއްޖެ އަތުވެއްޖެއެވެ.
ރާއްޖޭގެ ސިޔާސީ ހަމަނުޖެހުންތަކާއި ކަންބޮޑުވުންތައް ބެލުމަށް އދ. ގެ ޕޮލިޓިކަލް އެފެއާޒްގެ ވަފުދެއް މިއަހަރުގެ މާރޗް މަހު ވެސް ރާއްޖެ އައިސްފައިވެއެވެ. އދ. ގެ އެޓީމުން އެއިރު މަސައްކަތް ކޮށްފައިވަނީ ސަރުކާރާއި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ފެށޭނެ ގޮތެއް ހޯދުމަށެވެ.
މުޅިއަކު ތިން ދުވަހުގެ މުއްދަތަކަށް ރާއްޖެއަށް ކޮށްފައިވާ މިދަތުރުގެ ބޭނުމަކީ އދ. ގެ ޓީމުން އެއިރު ފާހަގަކުރި ކަންތައްތަކަށް ބަދަލު އައިސްފައިވޭތޯ ބެލުން ކަމަށް މައުލޫމާތު ލިބެއެވެ.
އދ. ގެ މިވަފުދުން ސަރުކާރުގެ އިސް ބޭފުޅުންނާއި ސިޔާސީ ޕާޓީތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކުގެ ބޭފުޅުންނާވެސް ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.