ހިތުގެ އެންމެ ބޮޑު އޮޕަރޭޝަން ވެސް އޭޑީކޭ އިން ކާމިޔާބު ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 42ސ
ހިތުގެ އެންމެ ބޮޑު އޮޕަރޭޝަން ވެސް އޭޑީކޭ އިން ކާމިޔާބު ކޮށްފި
މުޅި ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ހިތުގެ އެންމެ ބޮޑު އޮޕަރޭޝަން، އޭޑީކޭ ގެ ޑޮކްޓަރުން މިދިޔަ ހޮނިހިރު ދުވަހު ކޮށްފިއެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ، ކުއްލި ގޮތަކަށް މީހެއްގެ ހިތުގެ ބައިޕާސް ސަރޖެރީ އެއްވެސް ކޮށްފައިވާ އޭޑީކޭ ހޮސްޕިޓަލުން ކުރިއިރު އެއީ ރާއްޖޭގައި މިހާތަނަށް ކުރި ހިތުގެ އެންމެ ފުރަތަމަ އޮޕަރޭޝަނެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުރި އޮޕަރޭޝަންގައި އޭޑީކޭގެ ކުޅަދާނަ ޑޮކްޓަރުންވަނީ، ހިތުގެ އެތެރޭގައި ލޭ ފޮނުވަން އިންނަ ހަތަރު ވޭލްވްގެ ތެރެއިން އެކަތި ނަގައި މަސްނޫއީ ވޭލްވްއެއް ލައްވާ، މިއޮޕަރޭޝަން ކާމިޔާބު ކޮށްފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއޮޕަރޭޝަނާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އޭޑީކޭއިން ބުނެފައިވަނީ މިއޮޕަރޭޝަން ކުރީ ހިތުގެ އޮޕަރޭޝަނަށް ޚާއްސަ ދިވެހި ޑޮކްޓަރެއް ކަމަށްވާ ޑރ. މުހައްމަދު ޝާފިއު އިސްކޮށް ހުންނަވައިގެން ކަމަށާއި އޭޑީކޭގެ ކާޑިއެކް ޓީމުން މިއޮޕަރޭޝަން ކުރީ އުމުރުން 25 އަހަރުގެ އަންހެނެއްގެ ކަމަށެވެ. އުތުރުގެ ރަށަކަށް ނިސްބަތްވާ އެއަންހެންމީހާގެ ތިން ކުދިން ތިބިކަމަށާއި އޭނާ އޭޑީކޭއަށް ދިޔައީ ހިތުގެ މައްސަލަތަކެއް ހުރި ކަމަށް ލަފާކުރެވިގެން ޓެސްޓުތަކެއް ހެދުމަށް ކަަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޝާފިއު ވިދާޅުވީ އަންހެން މީހާ އޭޑީކޭ އަށް ގެންދިޔައިރު ހިތުގެ އެންމެ މުހިންމު ވޭލްވް މައްސަލަ ޖެހި، ލޭ ޕަމްޕް ނުކުރެވި ހިތް ވަރަށް ބޮދަށް ދުޅަވެފައިވާ ކަމަށެވެ. އެހެންކަމުން ހިތުގެ އެތެރޭގައި އޮންނަ އެވޭލްވް ބަދަލު ކުރަން ހިތް ފަޅާލުން ނޫން ގޮތެއް ނޯންނާނެ ކަމަށް ވެސް ޑރ. ޝާފިއު ވިދާޅުވިއެވެ.

"އޭނާ މިކޮޅަށް ގެނައި އިރު އޮތީ މިހާރު އޮޕަރޭޝަން ނުކޮށްފިއްޔާ ފަހުން ނުކުރެވޭފަދަ ހާލަތެއްގައި. އެކަމަކު ވޭލްވްގެ މައްސަލަ ރަނގަޅުކޮށް ކާމިޔާބު ކަމާއެކު އަޅުގަނޑުމެންނަށް އޮޕަރޭޝަން ނިންމާލެވުން. މިއީ އަނެއްކާވެސް އަޅުގަނޑުމެން ފަޚުރުވެރިވާން ޖެހޭ ދުވަހެއް. ވަރަށް ބޮޑު ކާމިޔާބީއެއް މިއީ" ޑރ. ޝާފިއު ވިދާޅުވިއެވެ.

މިއަދު އޮންލައިން