ރާއްޖޭގައި މިހާރު ތަފާތު ދާއިރާތަކުން ޤާބިލު ޑޮކްޓަރުން އެބަތިބި ކަމަށާއި ބޭނުންވަނީ ޑޮކްޓަރުންގެ ޤާބިލުކަން ރައްޔިތުންނަށް ދައްކައިދިނުމުގެ ފުރުޞަތު ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު އަފްޢާލް ވިދާޅުވެއްޖެއެވެ.
އަފްޢާލް ވިދާޅުވީ ފުރުޞަތު ލިބޭ ވަރަކުން ދިވެހި ޑޮކްޓަރުން ދަނީ އެމީހުންގެ ޤާބިލުކަން ދައްކައިދެމުން ކަމަށްވުމުން ދިވެހި ޑޮކްޓަރުންނަށް އެމީހުންގެ ޤާބިލުކަން ދައްކައިދިނުމަށް ފުރުޞަތު ދިނުމަށް ރައްޔިތުންގެ ކިބައިން ޢަފްޢާލް ވަނީ އެދިވަޑައިގެންފައެވެ.
އޭޑީކޭ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް ޑޮކްޓަރުން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ ބައިޕާސް އޮޕަރޭޝަނަކާއި އޯޕަން ސަރޖަރީ އޮޕަރޭޝަނެއް ވަރަށް ކާމިޔާބު ކަމާއިއެކު ކޮށްފައެވެ. އަދި މީގެ ކުރިން ވެސް ވަނީ ވަރަށް ބޮޑެތި އޮޕަރޭޝަންތައް ކާމިޔާބު ކަމާއިއެކުކޮށްފައެވެ.
ރާއްޖޭގައި މިހާރު ތިބި ފެންވަރުގެ ޤާބިލު ޑޮކްޓަރުންނާއި ވަސީލާތްތައް ނެތްއިރު އިތުބާރު ނުކުރެވުނު ނަމަވެސް ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ގެނެވުނު އިންޤިލާބީ ބަދަލުތަކާއިއެކު ދުނިޔޭގެ ފެންވަރުގައި ޚިދުމަތް ލިބެން މިހާރު އެބަހުރިކަން ޑޮކްޓަރުން ދަނީ ކުރާ ޚިދުމަތުން ދައްކައިދެމުން ކަމަށްވުމުން އިތުބާރު ނުކުރަންވީ އެއްވެސް ސަބަބެއް މިހާރަކު ނެތެވެ.