އޭޑީކޭގައި ތަދުނުވާ ގޮތަށް ވިއްސުމުގެ ހިދުމަތްދޭން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 59ސ
އޭޑީކޭގައި ތަދުނުވާ ގޮތަށް ވިއްސުމުގެ ހިދުމަތްދޭން ފަށައިފި
ޕެއިންލެސް ލޭބާގެ ހިދުމަތް ނުވަތަ ތަދުނުވާ ގޮތަށް ވިއްސުން އޭޑީކޭގައި ދޭން ފަށައިފި އެވެ.

މިހިދުމަތާ ގުޅޭގޮތުން އޭޑީކޭގެ ހޭނައްތާ ޑޮކްޓަރު ދުސޫމާ އަބްދުއްރައްޒާގު މިއަދު "މިހާރު" ނޫހަށް ވިދާޅުވީ ''މިއީ ހަމަ ނޯމަލް ޑެލިވަރީއެއް. އެއްވެސް ތަދެއް ނެތް ނަމަވެސް ދަރިފުޅު ޕުޝްކުރާހާ ބާރު މަންމަގެ ހުންނާނެ. ކޮންޓްރެކްޝަން އަންނާނެ. ވަރަށް ސޭފް ގޮތެއް މިއީ އަދި ބޭބީއަށް ގެއްލުން ނުވާ" ކަމަށެވެ.

ޑރ.ދުސޫމާ ވިދާޅުވީ މަންމަ ވިހަން ތައްޔާރުވުމުން، ބުރަކައްޓަށް އިންޖެކްޝަނެއް ޖަހައި، ކެތީޓާއެއް ލެއްވުމަށް ފަހު ބޭސް ދީގެން ތަދުނުވާ ގޮތް ހަދާނެ ކަމަށެވެ. އެހެންވެ، ވިހެއުމުގެ ވޭންވަރު އަޔަސް، އެއްވެސް ތަދެއް ނެތި މަންމައަށް ވިހެވޭނެ ކަމަށެވެ.

އޭޑީކޭގައި ވަސީލަތްތައް ހަމަވުމާއެކު މި ހިދުމަތް ފެށުމަށް ޕްލޭން ކުރާތާ މިހާރު ދެ މަސްވެއްޖެ ކަމަށާއި އެކަމަކު އިއްޔެ ހިދުމަތް ފެށީ، އެކަމަށް ޕޭޝަންޓަކު އެދުމުން ކަމަށް ޑރ.ދުސޫމާ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު، މާބަނޑު ކޮންމެ މީހަކަށް ވެސް މި ހިދުމަތް ހިޔާރުކުރެވެން ހުންނާނެ ކަމަށް ޑރ. ދުސޫމާ ވިދާޅުވި އެވެ.


މިއަދު އޮންލައިން