މަގުމަތީގަ ފޭރޭ މައްސަލަތަކުގެ ވާހަކަ ފުލުހުން އިނގިރޭސި ބަހުން ޓްވީޓް ކުރީމާ މިކުރެވެނީ ކީއްބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
މަގުމަތީގަ ފޭރޭ މައްސަލަތަކުގެ ވާހަކަ ފުލުހުން އިނގިރޭސި ބަހުން ޓްވީޓް ކުރީމާ މިކުރެވެނީ ކީއްބާ؟
މާލެ އާއި ރާއްޖޭގެ މަގުމަތީގައި ފޭރޭ މައްސަލަތަކުގެ ވާހަކަ ފުލުހުން އިނގިރޭސި ބަހުން ޓްވީޓް ކުރީމާ މިކުރެވެނީ ކީއްކަމާއިމެދު ވިސްނައިލުން ރަނގަޅުވާނެއެވެ.

ފުލުހުންގެ ޓްވިޓަރ ފޮލޯކުރާނީ ދިވެހިން އެކަންޏެއް ނޫނެވެ. ބޭރުގެ ފަރާތްތަކުން ވެސް ފޮލޯކުރާނެއެވެ. އެހެންކަމަށްވާއިރު ސީދާ ފުލުހުން އެބާވަތުގެ ވާހަކަތައް އިނގިރޭސިބަހުން ލިޔެ ޓްވީޓް ކުރުމުން ރާއްޖޭގެ ތަޞައްވުރަށް ވެގެންދާނީ ކިހިނެއްބާވައެވެ!

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ވަނީ ސައިކަލެއްގައި ދިއަ އަންހެނެއްގެ އަތްދަބަސް މީހަކު ފޭރިގެންފައިވާ މައްސަލައެއް ބަލަމުންދާ ކަމަށެވެ. އަދި އެފަދަ ކަންކަމުގެ މައުލޫމާތު، ވީޑިއޯ ސޯޝަލް މީޑިއާތަކުގައި ޢާންމުކުރުމުގެ ބަދަލުގައި ވަގުތުން ފިޔަވަޅު އެޅުމަށްޓަކައި ފުލުހުންނާ ސީދާ ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

އެ ވީޑިއޯ ސޯޝަލް މީޑިއާގައި ޢާންމުކުރުމުން ދެކަމަކަށް ދަނީ ކަންބޮޑުވުން ފައުލުކުރަމުންނެވެ. އެއްކަމަކީ އެކަންކުރިއިރު ފެނުނު މީހުން އެކަމާ އަޅައި ނުލިކަމެވެ. ދެވަނަ ކަމަކީ ދުވާލުގެ ވަގުތުތަކުގައި މާލޭގެ މަގުތަކުގައި މިފަދަ އަމަލުތައް ކުރާއިރު ފުލުހުންނަށް އެމީހުން އަދާކުރަންޖެހޭ ދައުރު އަދާކުރެވޭ މިންވަރެވެ.

ފުލުހުން މިފަދަ ޓްވީޓެއް ކޮށްފައި މިވަނީ ފުލުހުން އަދާކުރަންޖެހޭ، ނުވަތަ ފުލުހުންގެ ކިބައިން ރައްޔިތުން ބޭނުންވާ ކަންކަމުގެ ވާހަކަ ދައްކާތީ ކަމަށްވެސް ވެދާނެއެވެ.

ޢާންމުން މިފަދަ ވީޑިއޯތައް ހާމަކުރަނީ ފުލުހުންނަށް ހުށަހެޅޭ ބައެއް މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ކިބައިން ރައްޔިތުންގެ ގިނަ ބައަކު ޖަވާބު ބޭނުންވާ ސުވާލުތަކަށް ޖަވާބު ނުލިބޭތީ ކަމަށްވެދާނެއެވެ. އެހެންކަމުން އެންމެ ކުޑަމިނުން ވީޑިއޯ ހާމަކުރުމުން އެކަމަށް ރައްޔިތުންގެ ސަމާލުކަން ލިބި ހޭލުންތެރިކަން އިތުރުވާނެ ކަމަށް ބަލައިގެން ކަމަށްވެސް ވެދާނެއެވެ.

އިނގިރޭސިބަހުން ޓްވީޓްކުރުމާއި ބެހޭގޮތުން މިލިޔުމުގައި ބުނެފައިވާ ވާހަކަތަކަކީ ނޫހެއްގައި ލިޔަން އެންމެ ރަނގަޅު ވާހަކަތައް ކަމަށް ނުވެދާނެއެވެ. ސީދާ ފުލުހުންނާއި ހިއްސާ ކުރުން ރަނގަޅު ވާހަކަތަކަކަށްވެސް ވެދާނެއެވެ. އެހެންކަމާއިއެކުވެސް ލިޔަން ޖެހެނީ ފުލުހުންނަށް ސީދާ މެސެޖުކުރި ނަމަވެސް ފޯނު ކުރި ނަމަވެސް ޖަވާބު ނުލިބޭތީ ފުލުހުންގެ މީޑިއާ އާއި މިވަގުތު މުޢާމަލާތު ކުރެވޭނެ ގޮތެއް މިއަދުނޫހަށް ފެންނަން ނެތުމުންނެވެ.



މިއަދު އޮންލައިން