އެސްޓީއޯ އިން ނަރުހުންނާ ޓެކްނީޝަނުން ތަމްރީނުކުރުމުގެ މަސައްކަތް ފަށަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
އެސްޓީއޯ އިން ނަރުހުންނާ ޓެކްނީޝަނުން ތަމްރީނުކުރުމުގެ މަސައްކަތް ފަށަނީ
ރާއްޖޭގެ ޞިއްޙި ދާއިރާއަށް ފުޅައު ދާއިރާއެއްގައި ޚިދުމަތް ކުރަމުން އަންނަ އެސްޓީއޯ އިން ނަރުހުންނާއި ޞިއްޙީ ޚިދުމަތް ދޭނެ ތަފާތު ދާއިރާތަކުގެ ޓެކްނީޝަނުން ތަމްރީނުކުރުމުގެ މަސައްކަތް ފަށަން ނިންމައި އެކަން އިފްތިތާޙްކޮށްފިއެވެ.

"އެސްޓީއޯ ޖީއީ ހެލްތްކެޔަރ އިންސްޓިޓިޔުޓް" އިން މިގޮތުން ފުރަތަމަ ތަމްރީނުކުރަން ހަމަޖެހިފައިވާ އެކްސްރޭ ނަގާމީހުން ތަމްރީނުކުރުމަށްޓަކައި އިންޑިއާގެ ޖީއީ އާއިއެކު ސޮއިކުރުމަށް މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީނިއަރ ޖެނެރަލް މެނޭޖަރ ފާޠިމަތު އާޝާން ވިދާޅުވީ ފުރަތަމަ ހުޅުވާލަނީ 25 ފުރުޞަތު ކަމަށެވެ. އަދި ތަޖުރިބާއަށް ބަލައި ފުރުޞަތުތައް އިތުރުކުރާނެ ކަމަށެވެ.

އާޝާން ވިދާޅުވީ މިކަމަށް ބޭނުންވާ އަމަލީ ތަމްރީނު ދިނުމަށްޓަކައި ސްކިލް ލެބެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރެވެމުން ކަމަށެވެ. "މިހާރު އެކްސްރޭ ނަގަން ވެސް ބޭނުން މިކުރަނީ އެންމެ ޒަމަނީ ޓެކްނޮލޮޖީގެ އުފެއްދުންތައް. އެހެންވީމާ ރަށްރަށުގައި ޚިދުމަތް ކުރަންވެސް ގިނަ ބައަކު ބޭނުންވެފައި މިވަނީ."

އާޝާން ވިދާޅުވީ އަމިއްލަ ގޮތުން ރާއްޖެއިން ބޭރުގައި ކިޔަވާނަމަ މި ކޯހުގެ ކޯސް ފީއެއްގެ ގޮތުގައި އެކަނިވެސް 53،000 ރުފިޔާ ވަރު ޚަރަދުކުރަންޖެހޭނެ ކަމަށާއި ނަމަވެސް އެފަދަ ބޮޑު ޚަރަދެއް ނުކޮށް ޢާއިލާ އާއިއެކު ރާއްޖޭގައި ތިބެގެން ކިޔެވޭނެ ގޮތް ހަމަޖެހިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އާޝާން ވިދާޅުވީ މީގެ އިތުރުން ނަރުހުން ތަމްރީނު ކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށާއި މަހެއްހައި ދުވަހުގެ ތެރޭގައި ކުރިމަތިލަން އިއުލާނު ކުރެވޭނެ ކަމަށެވެ. އަދި މި ކޯސްތައް ހިންގަނީ ޤައުމީ އިދާރާތަކާއި ގުޅިގެން ޑިޕޮލޮމާ ފެންވަރަށް ކަމަށެވެ.

އާޝާން ވިދާޅުވީ މިއީ އެސްޓީއޯގެ 50 އަހަރުގެ ޚިދުމަތަށް ޤައުމީ ފެންވަރުގައި އިތުރުކުރެވިގެންދާ ޚިދުމަތުގެ ރަން ބޮޅެއް ކަމަށެވެ. އަދި މީގެ ކުރިން ފާމަސިސްޓުން ތަމްރީނުކުރަން ހިންގި ކޯސްތައްވެސް ވަރަށް ކާމިޔާބުކަން ފާހަގަކުރައްވާ ކަމަށެވެ.

އެސްޓީއޯ އަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ތަކެތި ވަރަށް ހެޔޮ އަގުގައި ސަޕްލައި ކޮށްދިނުމުގެ އިތުރުން ޞިއްޙީ ދާއިރާއަށް ބޭނުންވާ ތަފާތު ޚިދުމަތްތައް ހިލޭ ސާބަހަށް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. އެގޮތުން މިހާރުވެސް ވަނީ އައިޖީއެމްއެޗްގައި ގިނަ ޕްރޮގްރާމްތަކެއް ހިލޭ ސާބަހަށް ހިންގައިދީފައެވެ.
މިއަދު އޮންލައިން