ޙަލާލު ނޫން މުސާރަ ބޭނުންކުރަމުން އިސްލާމް ދީނުގެ ވާހަކަ ދެއްކުމަކީ ދީނަށް ކުރާ ފުރައްސާރައެއް ނޫންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ޙަލާލު ނޫން މުސާރަ ބޭނުންކުރަމުން އިސްލާމް ދީނުގެ ވާހަކަ ދެއްކުމަކީ ދީނަށް ކުރާ ފުރައްސާރައެއް ނޫންތޯ؟
ރައްޔިތުންގެ ފައިސާ އިން މުސާރަ ލިބޭ ގޮތަށް ކޮންމެ މީހަކަށް ވެސް ވަޒީފާ ދެނީ ވަޒީފާގެ ބަޔާނަކާއިއެކުގައެވެ. އެ ބަޔާނުގައި ހިމެނޭ ކަންތައްތައް ބަޔާނުގައިވާ ގޮތަށް ކުރުމުން ނޫނީ މުސާރަ ހަލާލެއް ނުވާނެއެވެ.

އެއްވެސް މީހަކަށް ވަޒީފާ ދިން ބަޔާނުގައި ސިޔާސީ ކެންޕޭނުތައް ކުރުމަކީ ވަޒީފާގެ މަސްއޫލިއްޔަތެއް ކަމަށް ބަޔާންކޮށްފައި ނުވާއިރު ސިޔާސީ ކެންޕޭނު ކުރުން ފަދަ ކަންކަން ކުރަންޖެހޭނީ ވަޒީފާގެ ބަޔާނުގައި އޮންނަ ފަދައިން ޗުއްޓީ ނަގައިގެން އެ ޗޫއްޓީގައި ހުރެއެވެ. ނުވަތަ ރަސްމީ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަމުން އިތުރު ގަޑިތަކުގައެވެ.

މިނޫން ގޮތަކަށް އަމިއްލަ ކަންކަން ކުރާނަމަ ނަގާ މުސާރަ އާއިމެދު ސުވާލުތައް އުފެދެއެވެ. އެފައިސާ ޙަލާލުވާނެ ކަމާއިމެދުގައެވެ. ޙަރާމް ޙަލާލު ކަނޑައެޅުމަކީ އެއްވެސް ސަރުކާރަކަށް އަދި ސަރުކާރުގެ ވަޒީފާއެއްގައި ހުންނަ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާއަށްވެސް އަދި ދައުލަތުގެ ބަންޑާރަ ނައިބަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. އެކަންކަން ވަނީ އިސްލާމް ދީނުގައި ވަރަށް ސާފުކޮށް ބަޔާންކުރެވިގެންނެވެ.
ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރުގެ މަޤާމުތަކުގައި ތިބޭ މީހުން ޗުއްޓީ ނުނަގާ ސިޔާސީ ދަތުރުކުރަމުން މުސާރަ ނަގާތޯ ބަލަންޖެހޭނެ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވެސް ވަނީ ވިދާޅުވެފައެވެ.

ސިވލް ސަރވިސްގައި ހިމެނިގެން ނަމަވެސް ނުހިމެނި ނަމަވެސް ރައްޔިތުންގެ ފައިސާއިން މުސާރަ ނަގާނަމަ މުސާރަ ޙަލާލުކުރަންޖެހޭނެއެވެ. ނޫންނަމަ ތިމާއަށް އެ ބޭނުންކުރެވެނީ ހަލާލު ފައިސާއަކަށް ނުވާނެއެވެ. އަނބިދަރިންނަށް ކާން ދެވެނީ ވެސް ޙަލާލު ތަކެއްޗަކަށް ނުވާނެއެވެ.

މިސާލަކަށް ކިތަންމެ ބޮޑު އިމާމަކު ނަމަވެސް ދީނީ ނަޞޭޙަތްދީ ރައްޔިތުން ހޭލުންތެރިކުރުވަން ވަޒީފާ ދީފައި ތިބި ޢިލްމުވެރިން ނަމަވެސް ކެންޕޭނު ދަތުރުތައްކޮށް ކެންޕޭނުކުރުމުގެ މަސައްކަތުގައި އުޅޭނަމަ ހަމަ ވަޒީފާގެ ބަޔާނުގެ މައްސަލަ ނުކުންނާނެއެވެ. އެބަޔާނުގައި އޮތް ގޮތަށް އަމަލު ނުކުރަމުން މުސާރަ ނަގާނަމަ އެއީ ސުވާލުކޮށް އޮޅުންފިލުވަން ޖެހޭނެ ކަމެކެވެ.

ހަމައެއާއިއެކު ވަޒީފާ ބަޔާނުގައި ނެތް ޗުއްޓީއެއްވެސް ނުދެވޭނެއެވެ. ވަޒިފާ ބަޔާނަކާއިއެކު ވަޒީފާއެއް ދޭ ހިސާބުން ފެށިގެން އެއީ ރައްޔިތުންގެ ޚާދިމެކެވެ. ވަކި މީހެއްގެ ނުވަތަ ވަކި ޕާޓީއެއްގެ ޚާދިމެއް ނޫނެވެ.

މިސްކިތްތަކުގެ އިމާމުން ސިޔާސީ ޕާޓީތަކުގެ ޖަލްސާތަކުގައި ދުޢާކޮށްދިނުމަކީ އެންމެ ރަނގަޅު ކަމެކެވެ. އެމީހަކު ދުޢާކޮށްދޭނެ ބައަކު އެނގޭނީ އެމީހަކަށެވެ. ނަމަވެސް ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަމުންނެވެ. ވަޒިފާގެ މަސްއޫލިއްޔަތު އަދާނުކޮށް، ޤަވާއިދުން ޗުއްޓީ ނުނަގައި ކެންޕޭނު ދަތުރު ތަކުގައި އުޅޭނަމަ އެކަން ވާނީ މައްސަލައަކަށެވެ.

މިކަންކަން އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނީ ވެސް ހަމަ ދީނީ އިލްމުވެރިންނަށެވެ. އެހެންކަމުން އެބޭފުޅުން އެކަންކަމަށް ސަމާލުކަން ދެއްވަވާނެ ކަމަށް އުންމީދުކުރަމާތޯއެވެ!

މިއީ މިހާރު ކުރިއަށް ދާ ކެންޕޭނުގައި އެކަނި އަމަލުކުރަންޖެހޭނެ ގޮތެއް ނޫނެވެ. ކުރިއަށް ހުރި ކެންޕޭނުތަކުގައިވެސް މިކަންކަން އޮންނަން ޖެހޭނީ ހަމަ މިގޮތަށެވެ. އިސްލާމް ދީނުގެ އުޞޫލުތަކަކީ އެއްވެސް ކެންޕޭނަކާއި ގުޅުވައިގެން ބަދަލު ކުރެވޭނެ ކަންކަމަށް ނުވާތީއެވެ.

(މިލިޔުމަށް މައުލޫމާތު ދެއްވީ ރާއްޖޭގެ އިސް ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންނެވެ.)
މިއަދު އޮންލައިން