އެހީ ރިޕޯޓު: ތިން ސިސްޓު ނަގާފައި ހުރުމުން، ނަހުލާގެ ރަހިމު ވަނީ ނަގަން ޖެހިފަ!

ކިޔުމަށް ހޭދަވާނީ 1މ 27ސ
އެހީ ރިޕޯޓު: ތިން ސިސްޓު ނަގާފައި ހުރުމުން، ނަހުލާގެ ރަހިމު ވަނީ ނަގަން ޖެހިފަ!
ޝަރުއީ ގޮތުން އަދި ބޮޑު ނުވާ ތިން ކުދިންގެ މަންމަ އެކެވެ. އެދަރިންނަށްޓަކައި ނުހަނު ފޮނި ހުވަފެންތަކެއް ދެކެއެވެ. އަދި އެދަރިން ބޮޑެތިވެގެން އަމިއްލަ ފައިމައްޗަށް ތެދުވާ މަންޒަރުވެސް ދެކެން ބޭނުންވެއެވެ.

ނަމަވެސް ލ. ދަނބިދޫ ނަންރީތިގޭ އައިމިނަތު ނަހުލާ (32އ.) ގެ ސިއްޙީ ހާލަތު ގޯސްވެފައިވާތާ ނުވަ އަހަރު ވެފައިވާއިރު، މިހާރު އޭނާގެ ބަލިހާލަތު މިވަނީ ކުރިއަށްވުރެ މާބޮޑަށް ވެސް ގޯސްވެފައެވެ. ރާއްޖޭގައި އޭނާ ބޭސްކުރާތާ ވެސް މިހާރު ނުވަ އަހަރު ވެއްޖެއެވެ.



އެއްވެސް ވަރަކަށް ލުޔެއް ނުލިބުމުން، ފައިސާކޮޅެއް އެއްކޮށްގެން މިއަހަރު ތެރޭގައި އިންޑިއާ އަށް ބޭސްކުރަން ދިޔައެވެ.

"ޓެސްޓުތަކެއް ހެދީމަ އެނގުނީ ރަހިމުގަ ތިން ސިސްޓު އުފެދިފަ އިންކަން. ޑޮކްޓަރު ބުނި ސިސްޓުތައް ބޮޑުވެފަ ހުރީމަ، އޮޕަރޭޝަންކޮށް، ރަހިމު އެއްކޮށް ނަގާށޭ ދެން ޖެހޭނީ. އެކަމަކު އަހަރުމެން އަތުގައި އެވަރަށް ފައިސާ ނެތީމަ، ހަ މަސްފަހުން ދާން މުއްދަތެއް ދީފަ އިނީ. މިއަހަަރުގެ ޑިސެމްބަރ މަހުގެ 6 ވަނަ ދުވަހުގެ ކުރިން ދާން ޖެހޭ އެތަނަކަށް" 'މިއަދުނޫހަށް' ދިން ޚާއްސަ ބަސްދީގަތުމެއްގައި ނަހުލާ ބުނެފައިވެއެވެ.

މިއޮޕަރޭޝަނަކީ ގިނަ އަދަދެއްގެ ފައިސާ ޚަރަދުވާނެ އޮޕަރޭޝަނަކަށް ވުމުން، އެހެން މީހުންގެ އެހީތެރިކަމަށް އޭނާ އެދެއެވެ. ނަހުލާ ބުނި ގޮތުގައި އާސަންދައިގެ އެހީތެރިކަމެއް ވެސް އަދި ނުލިބެއެވެ.
"ޕީޕީއެމް ޖަގަހައަކަށް އެއްފަހަރު އަޅުގަނޑު ދިޔައިން ލިޔުންތަކާއެކީ. އެމީހުން އެންސްޕާ އަށް ފޯމެއް ލައިދިން. އެކޮޅުން ބުނި ހަމަޖެހުމުން ހަބަރެއްވާނެ ކަމަށް. އަދި ހަބަރެއް ނުވޭ" ނަހުލާ ކިޔައިދިނެވެ.

ނަހުލާ އަށް އެހީތެރިވުމަށް ފައިސާ ޖަމާކުރާނީ ބީއެމްއެލް އެކައުންޓު ނަންބަރު7705329053101 (އައިމިނަތު ނަހުލާ) އަށެވެ. އިތުރު މައުލޫމާތު 7819595 ނަންބަރު ފޯނާއި ގުޅާލާ އޮޅުން ފިލުވުން އެދެމެވެ.

މިއަދު އޮންލައިން