ދިވެހި ޒުވާން އަންހެން ކުއްޖެއްގެ ލޯބީގެ އަގަކީ ހަމަ އެންމެ ފަނަރަ ވަރަކަށް ހާސް ރުފިޔާ ކަމަށް އެކުދިން ޤަބޫލެއް ނުކުރެވެ.
އެކުދިން ބުނަނީ އެކުދިން މިހާރު އުޅެނީ ބޯއިފްރެންޑްއަތުން ފޯނާއި ކޮފީ ހޯދައިގެން ނޫން ކަމަށެވެ. ބައެއް ކުދިން ބުނަނީ ޚަރަދުކުރަނީ ދެ ކުދިން އެއްވަރަށް ކަމަށެވެ. އަނެއްބައި ކުދިން ބުނަނީ ބޯއިފްރެންޑުންނަށް ޚަރަދުކުރަނީ އެކުދިން ކަމަށެވެ.
"ހަމަ ގައިމުވެސް އަޅުގަނޑުގެ ބޯއި ފްރެންޑްގެ މައްސަލައަށް ބަލާއިރު އޭނާ ހުރީ އަދިވެސް މާ ރަނގަޅު ވަޒީފާއެއްގައެއް ނޫން. އެކަމަކު އަޅުގަނޑަކީ ސެލްފްއެމްޕްލޯއިޑް މަސައްކަތްތަކެއް ކުރާ އަންހެނެއް. ބޯއިފްރެންޑް އަތުގަ މިހާރުވެސް އޮންނާނީ އަޅުގަނޑު ގަނެދިން ފޯނެއް!" މިއީ ސައީދާގެ ބަހެވެ.
އިތުރު އަންހެން ކުއްޖަކު ބުނީ ދިވެހި އަންހެން ކުދިންނަކީ އެންމެ ފަނަރަވަރަކަށް ހާސް ރުފިޔާއަށް އެކަނބަލުނގެ ލޯބި ވިއްކާ ބައެއްގެ ގޮތުގައި ސިފަ ކުރެވޭނަމަ އެއީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. ވަރަށް ބޮޑު އޮޅުމެއް ކަމަށެވެ.
ރިސާލާ ބުނީ "ދެން ރައީސުލްޖުމްހޫރިއްޔާއަކު ވިދާޅުވަން ވަރަށް ދަށު ދަރަޖައިގެ ވާހަކަައެއް އެއީ. ބޯއި ފްރެންޑަށް ފޯނެއް ދޭން ނުލިބުނީމާ ފޯނު ދޭން ބުނާ ކުއްޖާއަށް ދިވެހި ޒުވާން އަންހެން ކުދިން އެކަނބަލުންގެ ލޯބި ވިއްކާލާވާހަކަ."
ހަސީނާ ބުނީ "ބައްލަވަ ރައީސަށް ފެނިވަޑައި ނުގަންނަވަނީބާ ހަމަ އަޅުގަނޑުމެން އަންހެން ކުދިންގެ އަމިއްލަ މަސައްކަތުން ފައިސާ ހޯދައިގެން 80،000 ރުފޔާ ދީފަ ސައިކަލް ގަނެގެން Pީ ނަމްބަރު ޕްލޭޓް ޖަހައިގެން ދުއްވާތަން. 80،000 ރުފިޔާ ދީފަ ސައިކަލް ގަނެވޭއިރު 10،000 ރުފިޔާގެ ފޯނެއް ނުލިބެންވީ ކީއްވެގެންތޯ؟ ދެން އަޅުގަނޑުމެންނަކީ ހަމަ ފޯނަކަށް ލޯބި ވިއްކާ ވަރުގެ ދަށު ދަރަޖައިގެ ބައަކީތޯ؟"
ރިޝްމާ ބުނީ "ފޯނެއް ކީއްކުރަންތޯ މެޓަޔަކަށް ކަންކަން ވިއްކާ ބައަކުވެސް އުޅެފާނެ. އެ ދެން ހުރިހާ ޤައުމެއްގަވެސް އެކަން ހަމަ އޮންނަ ގޮތް. ނަަމަވެސް އެއީ މާ މޮޅު ބައަކަށް ހަދައި އެމީހުންގެ ފެންވަރުން ހުރިހާ އަންހެން ކުދިންނަށް ރައީސުލްޖުމްހޫރިއްޔާ މިސާލު ޖެއްސެވީމާ ހަމަ ވަަރަށް ކަޑަ."
ޕީޕީއެމުން ސްޓޭޑިއަމް ސަރަހައްދުގައި ރައީސް ޔާމީން ދެއްކެވި ވާހަަކަފުޅުގައި ގާލްފްރެންޑް ފޯނަކަށް ބޭނުންވީމާ ފޯނު ދޭން ނުލިބިއްޖެނަމަ ގާލްފްރެންޑް ކަޓައި ފޯނު ދޭން ތައްޔާރަށް ހުރި ޒުވާނާއަށް ބޯއިފްރެންޑްކަން ބަދަލުކޮށްލާކަން ހާމަކުރެއްވުމުން ގިނަ އަދަދެއްގެ ޒުވާނުން ގެންދަނީ އެވާހަކަފުޅުތަކަށް ދެކޮޅު ހަދައި ކަންބޮޑުވުން ފައުޅުކުރަމުންނެވެ.