ރާއްޖެ މިހާރު އޮތީ މިޤައުމު ހިންގުމުގެ އެންމެހައި ބާރުތައް، ޑިމޮކްރެސީގެ ނިޒާމުން އިންތިހާބު ވެފައިވާ އެއް ސަރުކާރުން އަނެއް ސަރުކާރަށް ހަވާލު ކުރުމުގެ މަރުހަލާގައި ކަމަށް، ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ ޖެނެރަލް އެސެމްބްލީގެ 73 ވަނަ ޖަލްސާގައި ރާއްޖޭގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ސަފީރު ޑރ. ނަސީރު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި 89 އިންސައްތަ މީހުން ވޯޯޓުލާފައިވުމާއި އަދި އިންތިހާބުގެ ކަންތައްތައް އަމާން އޮމާންކަމާއެކު ނިމިގެންދިޔުން ވެގެން ދިޔައީ ޑިމޮކްރެސީ ހަރުދަނާ ކުރުމަށް ރާއްޖެ ފަށާފައިވާ ދަތުރުގައި ދިވެހި ކޮންމެ ރައްޔިތަކު ފަޚުރުވެރިވާނެ ކަމަކަށް ކަމަށެވެ.
ރިޔާސީ އިންތިހާބަށްފަހު ދިވެހި ރާއްޖެ މިއޮތީ ޤައުމު ހިންގުމުގެ އެންމެހައި ބާރުތައް ޑިމޮކްރެސީގެ ނިޒާމުން އިންތިހާބުވެފައިވާ އެއް ސަރުކާރުން އަނެއް ސަރުކާރަށް ހަވާލު ކުރުމުގެ މަރުހަލާގައި ކަމަށާއި ޑިމޮކްރެސީގެ ދަތުރުކުރަމުންދާ ހަލުވި ދުވެއްޔާއެކީގައި އިޤްތިސާދީ އަދި އިޖުތިމާއީ ގޮތުން ވެސް ރާއްޖެ ދާނީ ކުރިއަށް ކަމަށް ސަފީރު ވިދާޅުވިއެވެ.