"ނިކަމެތިންގެ ބައްޕަ" ގެ ގޮތުގައި ރައްޔިތުންގެ ގިނަ ބައަކު ބަލައިގެންފައިވާ ވިލާ ފައުންޑޭޝަނުގެ ބާނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްއަށް ރައީސް ޔާމީނުގެ ސަރުކާރުން ކުރަމުން އައި އަނިޔާތައް ނިމުމަކަށް އައުމުން ގިނަ ބައަކު ގެންދަނީ އުފާ ފައުޅުކޮށް އެމަނިކުފާނަށް މަރުޙަބާ ދަންނަވަމުންނެވެ.
ރާއްޖޭގެ އިސް ފަރާތްތަކުންނާއި ބޭރުގެ ފަރާތްތަކުންވެސް ޤާސިމް އިބްރާހީމްއަށް މަރުޙަބާ ދަންނަވަމުން ގެންދާއިރު ދިވެހި ރައްޔިތުންގެ ގިނަ ބައަކުވެސް ގެންދަނީ އުފާ ފައުޅުކޮށް މަރުޙަބާ ދަންނަވަމުންނެވެ.
ޤާސިމް އިބްރާހީމްއަކީ "ނިކަމެތިންގެ ބައްޕަ" ގެ ގޮތުގައި ގިނަ ބައަކު ޤަބޫލުކުރަނީ ސަބަބުތަކެއް ހުރުމުންނެވެ. ދިވެހި ދައުލަތުން އެއްވެސް ސަންދައެއް ނުއުފައްދާއިރުވެސް އެމަނިކުފާނުގެ ސަންދަ ނިކަމެތިންނަށްޓަކައި ހުޅުއްވާލައްވާފައި ބޭއްވެވީތީއެވެ. ޕާޓީއަކަށް ކުލައަކަށް ބެއްލެވުމެއް ނެތި 1980 ވަނަ އަހަރުން ފެށިގެން އެހީތެރިކަން ފޯރުކޮށް ދެއްވަމުން ގެންދެވީތީއެވެ. ބޭސްފަރުވާގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިވެދެއްވީތީއެވެ. އެތައް ހާސް ދަރިވަރުން ރާއްޖެއިން ބޭރަށް ފޮނުއްވައިގެން މަތީ ތައުލީމް ޙާޞިލުކޮށް ދެއްވީތީއެވެ. ރަށްރަށުގެ ޢުމްރާނީ ތަރައްޤީއަށާއި އިޖުތިމާޢީ ކުރިއެރުމަށް ދިގު މުއްދަތެއްގައި އެހީތެރިވެދެއްވާފައިވާތީއެވެ. އަދި މިހާރުވެސް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާތީއެވެ.
ޤާސިމް އިބްރާހީމްގެ ވިލާ ގްރޫޕުގެ ޙައްޤުތަކަށް އަރައިގަނެ މާލީ ގޮތުން ދެމުން އައި ބޮޑެތި ގެއްލުންތައް ނިމުމަކަށް އައީ އެއީ އެއްވެސް އިންޞާފެއްނެތި ރައީސް ޔާމީނުގެ ސަރުކާރުން ދެމުން އައި ގެއްލުންތަކެއް ކަމަށް ސްޕްރީމް ކޯޓުން ނިންމުމާއި ގުޅިގެންނެވެ. ސަރުކާރުން ކުރިމަތިކުރުވި މައްސަލަތަކާއި ގުޅިގެން އޭސީސީ އިން ބަލަމުން އައި މައްސަލަތައްވެސް އިއްޔެ ނިންމާފައިވަނީ އެއިން އެއްވެސް ކަމެއްގައި ވިލާ ގްރޫޕުގެ މައްޗަށް އެއްވެސް ކުށެއް ނެތް ކަމަށެވެ.
އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވުވި ޖަލު ޙުކުމް އިއްވުވާފައި ވަނީ ޤާނޫނުތަކާއި ޚިލާފަށް ކަމަށާއި މައްސަލަ ކޮތުގައި ކުރިއަށް ގެންގޮސްފައިވަނީ ވެސް ޤާނޫނާއި ޚިލާފަށް ކަމަށް މިއަދު ހައިކޯޓުން ވަނީ ނިންމައިފައެވެ. އެހެންކަމުން ޤާސިމް އިބަރާހީމް މިއަދު ހައިކޯޓުން ނުކުމެވަޑައިގަތީ ރައީސް ޔާމީނުގެ އަނިޔާވެރި "ވަކިތަކުން" ފުރިހަމައަށް ސަލާމަތްކަން ލިބިވަދައިގެން ހުންނެވި ފުރިހަމަ މިނިވަނެއްގެ ގޮތުގައެވެ.