މިހައިތަނަށް އިވިފައިވާ އަޑުތަކަށް ބަލާއިރު ރާއްޖެއިން ގެއްލިފައިވާ ނޫސްވެރިޔާ ރިޟްވާނަށް ޖެހިފައިވާނެ ޙާލު ކަމަށް ބެލެވޭ ޙާލަތަށް ބެލުމުން ރިޟްވާން ވެގެންދާނީ ރާއްޖޭގެ ޖަމާލް ކަޝޯޤީއަށް ކަމާއިމެދު ސުވާލުތައް އުފައްދާ މީހުން ވަރަށް ގިނައެވެ.
ހާދިސާ ހިނގިތަން ތަފާތެވެ. ހިންގި ގޮތް ވެސް ތަފާތެވެ. ނަމަވެސް 2 ނޫސްވެރިންވެސް ވަނީ އަނިޔާވެރިންގެ ވަޅިތަކުން ކޮށައި ގުނަވަނަތައް ވަކިކޮށް ނައްތާލެވިފައިކަމަށް ބެލެވޭ ސަބަބުތައް ވަރަށް ގިނައެވެ.
ކަޝޯޤީ ގެ ގުނަވަންތައް އަންދައިލެވުނު ކަމަށް ނުވަތަ ޖަންގަލީގައި ވަޅުލެވުނު ކަމަށްވެދާނެއެވެ. ރިޟްވާން ގެ ހަށި ގަނޑު ނައްތާލެވުނު ގޮތް ވެސް ތަފާތުވެދާނެއެވެ. ފެއްތީ ކަނޑު އަޑިއަށް ކަމަށްވެސް ވެދާނެއެވެ.
ކަޝޯޤީ މަރާލެވުމުން ސައުދީ ސަރުކާރުން ފުރަތަމަ އެކަމަށް އެހައި ބޮޑު ސަމާލުކަމެއް ނުދެއެވެ. ދެން ވާހަކަދައްކަން ފެށީ އެކިފަހަރު އެކި ގޮތަށެވެ. ރިޟްވާންގެ މައްސަލައިގައިވެސް ކަންކަން ހިނގާފައި މިވަނީ ހަމަ ދާދި އެއްގޮތަކަށެވެ. ފުރަތަމަ އެކަން މާބޮޑު ކަމަކަށް ސަރުކާރުން ހަދާފައެއް ނުވެއެވެ. އިވުނު އަޑަކީ "ދެން ނޫސްވެރިއަކު ގެއްލިއްޖެ ނަމަ ކަމާ ބެހޭ ފަރާތްތަކުން ހޯދުމުގެ މަސައްކަތް ކުރާނެތާއެވެ." ދެން އެއިގެފަހުން ދެފަހަރު އެއްގޮތަށް ވާހަކަ ދެކެވުނު ކަމަށް ބުނެވޭކަށް ނެތެވެ.
ސައުދީން ވެސް ބުނަނީ މައްސަލަ ތަޙްޤީޤް ކުރަމުން ގެންދާ ކަމަށެވެ. ދިވެހި ފުލުހުން ވެސް ބުނަމުން ގެންދަނީ ހަމަ އެގަތަށެވެ. މައްސަލަ ތަހްޤީޤް ކުރަމުން ގެންދާ ކަމަށެވެ. ތަޙްޤީޤް ނިމުނު ކަމަށް އަދިވެސް ބުނެފައެއް ނެތެވެ.
ތުރުކީން ބުނަނީ ބައެއް ހެކިތައް ލިބިފައިވާ ކަމަށެވެ. ދިވެހި ފުލުހުންވެސް ވަނީ ތުހުމަތު ކުރެވޭ ބައެއް ހެކިތައް ހޯދައިފައެވެ. ކޯޓަށްވެސް ހުށަހަޅައިފައެވެ.
ކަންކަން މިހެން ހުރުމުން ނޫސްވެރިންނާއިމެދު ދުނިޔޭގައި އަމަލުކުރެވެމުން މިއަންނަ ގޮތުގައި އެއްގޮތް ކަންތައްތަކެއް އެބަހުރިކަން މި ދެ ހާދިސާއިން ފާހަގަކުރެވޭ ކަމަށް ދިރާސާކުރާ މީހުން ބުނެއެވެ.