ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެންނެވި ވޯޓުގެ ހިސާބު ޖެހުމުގައިވެސް ހިސާބު އޮޅުވައިލި އަދުރޭގެ ކިބައިން މިއަދު ފެނުނީ 27 އޮކްޓޯބަރުގައި ވުޖޫދަށް އައި ޕީޕީއެމަށް ފުރުނު އަހަރުގެ އަދަދު ބެލުމުގައި އެންމެންނާއި ތަފާތު ގޮތަކަށް ހިސާބު ޖެހިތަނެވެ.
އަދުރޭ ބުނާ ގޮތުން މިއަދަކީ ޕީޕީއެމްގެ 8 ވަނަ އަހަރީ ދުވަހެވެ. އެހެން އެންމެން ބުނަނީ މިއަދަކީ 7 ވަނަ އަހަރީ ދުވަސް ކަމަށެވެ. އަދުރޭގެ ހިސާބު ޖެހުން ދިމާވާނެ އޮތީ އެންމެ ގޮތެކެވެ. އެއީ ދަރިފުޅު އުފަންވާއިރު އަހަރު ފުރިފައިވުމެވެ. އުފަންވާ ދުވަހުން ފެށިގެން ދެ ވަނަ އަހަރު ގުނަން ފެށުމެވެ.
ހުރިހާ ކަމެއްގައި މިހާރު ދުނިޔޭގައި އެންމެ މޮޅު ޕްރޮފެސްރު ކަމަށް އަމިއްލައަށް ދައުވާކުރާ އަދުރޭ މަޖިލީހުގެ ރިޔާސަތުގައި އިނދެގެން މިފަދަ ގޮތަކަށް ހިސާބުތައް ޖަހަން ފަށައިފިނަމަ ޤައުމަށް ވާނެ ގޮތަކާއިމެދު މިހާރު މިވަނީ ސުވާލު އުފެދިފައެވެ.
މަޖިލިސް މެނަބަރުންގެ މުސާރައަށް އަދުރޭ ޖަހައިގެން އުޅޭ ހިސާބާއި ރުހި ޤަބޫލުވާ އެއްވެސް މެންބަރަކު ޕީޕީއެމުގެ ޕީޖީ ގްރޫޕުގައި ހުރިކަން އެނގިފައެއް ނެތެވެ. އެކަމާއި ބަހެއް ބުނި ހުރިހާ މެންބަރުންވެސް ބުނެފައިވަނީ އަދުރޭ ޖަހައިގެން އުޅޭ ހިސާބު ބަލައި ނުގަންނަ ކަމަށެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ފެނިގެން މިދިއައީ މިފެންވަރުގެ މީހުން ޖަހާ ހިސާބަށް ބައްލަވައިގެން ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނެ ވޯޓު ގުނުއްވުމުން ވީ ގޮތް ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ. އަދުރޭ ނައިބް ރައީސްކަން ކުރާ ޕީޕީއެމުން މިއަދު ނެރުނުބަޔާނުގައި ވެސް ހިސާބު ޖަހާފައިވަނީ އަދުރޭ ބުނާ ގޮތަކަށް ނޫނެވެ. މިއަދަކީ 7 ވަނަ އަހަރީ ދުވަސް ކަމަށެވެ.