އޭޑީކޭ ހޮސްޕިޓަލުގައި ދެވޭ ފެންވަރު ރަނގަޅު ޚިދުމަތްތައް ދުނިޔެއަށް އަންގައިދީ ރާއްޖެއަކީ ސިކުނޑި އާއި މާބަދައިގެ އޮޕަރޭޝަން ކުރަން އެހެން ޤައުމުތަކުން މީހުން އަންނަ ޤައުމަކަށް ހައްދަވާނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އަފްޢާލް ވިދާޅުވެއްޖެއެވެ.
އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ޕެރެޑައިޒް އައިލަންޑް ރިޒޯޓުގައި މިއަދު ފެށި "މޯލްޑިވްސް ބްރޭއިން އެންޑް ސްޕައިން ކޮންފަރެންސް 2018" އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތު ތަޢާރަފްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އަފްޢާލް ވިދާޅުވީ ސިކުނޑި އާއި މައިބަދައިގެ އޮޕަރޭޝަންތައް ޤައުމުތަކުގައި ކުރަމުން އަންނަތާ އަހަރުތަކެއްވެފައިވީ ނަމަވެސް އެ އޮޕަރޭޝަންތަކަށް ރާއްޖެ ވަރަށް އައު ކަމަށާއި އެހެންކަމާއިއެކުވެސް ރާއްޖއިން މިދަނީ ސަރަހައްދީ ފެންވަރުގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ކުރިއެރުން ހޯދަމުން ކަމަށެވެ.
އަފްޢާލް ވިދާޅުވީ އޭޑީކޭގައި މިފަދަ އޮޕަރޭޝަންތައް ކުރަންފެށިތާ އަދި މިވީ އެންމެ 4 އަހަރު ކަމަށާއި އެ މުއްދަތުގައިވެސް ދުނިޔޭގެ ފެންވަރުގައި ބޮޑެތި ކުރިރުންތައް ހޯދިފައިވާ ކަމަށެވެ. "މީގެ 4 އަހަރު ކުރިން އަޅުގަނޑުމެން އޮޕަރޭޝަންތައް ކުރަން ފެށީ އެއިރުވެސް މިހާރުވެސް ރާއްޖޭގައި ހުރި ހަމައެކަނި ނިޔުރޯ ސަރޖަން ޑރ. ޢަލީ ނިޔާފަ އާއެކު. މިކަމުން އަންގައިދެނީ މިދާއިރުން ޤާބިލު އިތުރު ޑޮކްޓަރުން ތަމްރީނު ކުރަން އިސްކަން ދޭންޖެހޭ މިންވަރު."
ޢަފާލް ވިދާޅުވީ އިމަރޖެންސީކޮށް ކުރަން ޖެހޭ އޮޕަރޭޝަންތައް ކުރަން ފެށުމުން ފެށުނު ނިޔުރޯ ސަރޖަރީގެ ފާއިތުވި ހަތަރު އަހަރު ތެރޭގައި އޭޑީކޭ ހޮސްޕިޓަލުގައި އެކަނިވެސް 700 އަސްވުރެ ގިނަ އޮޕަރޭޝަންތައް ކުރެވިފައިވާ ކަމަށެވެ. "އަޅުގަނޑު ޤަބޫލު ކުރަނީ އަލަށް، ދަތިތަކާއެކު ކުރަން ފެށުނު މި ކަމުގައި މިއީ ފާހަގަކޮށްލަން ޖެހޭ ވަރުގެ ބޮޑު ައދއދެއް ކަމަށް. މިހާރު މައިކްރޮސްކޯޕިކް އަދި އެންޑޮސްކޯޕިކް ބްރެއިން ސަރޖަރީ އާ ސްޕައިން (މައި ބަދަ އާ ސިކުނޑީގެ) އޮޕަރޭޝަންތައް އޭޑީކޭ ހޮސްޕިޓަލުގައި ކުރެވޭނެ. ކުރެވެން އެބަހުރި. ހަމަ ދުނިޔޭގެ އެންމެ ރަނގަޅު ފެނަވަރުގަ."
އަފްޢާލް ވިދާޅުވީ މިފަދަ ކޮންފަރެންސެއް ބޭއްވުމުގެ ބޭނުމަކީ އިތުރަށް މަޝްވަރާކޮށް ކުރިއެރުން ހޯދުން ކަމަށެވެ. އެގޮތުން ބޭއްވި ފުރަތަމަ ކޮންފަރެންސް ބޭއްވީ މިދިއަ އަހަރު ކަމަށެވެ. އަދި މިއަހަރު ވަރަށް ބޮޑެތި ކުރިއެރުންތަކާއިއެކު މިބޭއްވެނީ ދެވަނަ ކޮންފަރެންސް ކަމަށެވެ. އަދި ކޮންފަރެންސަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މެޑިކަލް ސައިންޓިފިކް ކޮންފަރެންސް ކަމަށާއި އުންމީދަކީ މި ކޮންފަރެންސަކީ ސަރަހައްދުގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ކޮންފަރެންސަށް ހެއްދެވުން ކަމަށެވެ.