ރައްޔިތރުންގެ މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް މުހިއްމު ކަމަށާއި އެ އަގުލަބިއްޔަތު ލިބޭނެ ގޮތަށް ޕާޓީތަކުގެ މެދުގައި އެއްބަސްވުންތައް އޮތުން މުހިއްމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދާލަތު ޕާޓީގެ އޮފީހަށް މިއަދު ކުރެއްވި ޒިޔާރަތުގައި އެޕާޓީގެ ބައެއް މެންބަރުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް އިންތިހާބާއި ގުޅިގެން އެކަމުގެ މަޝްވަރާތައް މިހާރު ފެށުމަށް އެދިވަޑައިގަންނަވާ ކަމަށާއި އަދި ވީހާ އަވަހަކަށް އެ މަޝްވަރާތައް ނިންމަން ޖެހޭ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގަވާއިދުތައް ހުރި ގޮތުން އިންތިހާބުގައި ޕްރައިމަރީއެއް ބާއްވަން ޖެހޭކަމަށާއި ޕްރައިމަރީ ނުބާއްވާ އެއްވެސް ބޭފުޅަކަށް ޓިކެޓު ނުދެވޭނެކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނައަހަރުގެ މާޗު މަހުއެވެ.