ކޯލިޝަނުގެ ވެރިންގެ އެއްބަސްވުމަށް އދގެ އިތުބާރު ބޭނުމެއް ނުވޭ- ބޭނުންވަނީ 4 ލީޑަރުންގެ އިތުބާރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ކޯލިޝަނުގެ ވެރިންގެ އެއްބަސްވުމަށް އދގެ އިތުބާރު ބޭނުމެއް ނުވޭ- ބޭނުންވަނީ 4 ލީޑަރުންގެ އިތުބާރު!

އިންތިޚާބީ ސަރުކާރަށް ވެރިކަމާއި ހަވާލު ނުވެވިގެން އުޅެނިކޮށް ކޯލިޝަނުގެ އެއްބަސުވުމުގައި ހުރި ކަންކަން ނުއެނގިގެން ބައެއް މީހުން ތެޅިފޮޅޭތަން ފެންނަން ފަށައިފިއެވެ.

 

ކޯލިޝަނުގެ އެއްބަސްވުން ވެފައިވަނީ ކޯލިޝަނުގެ 4 ލީޑަރުންނެވެ. އެއްބަސްވުމުގައި ބަޔާންކުރާ ހުރިހާ ކަމެއް 4 ލީޑަރުންނަށް ވަރަށް ރަނގަޅަށް އެނގިަޑައިގަންނަވައެވެ. 4 ލީޑަރުން ކުރެ ލީޑަރަކަށް ސިއްރު ކުރެވިފައިވާ އެންމެ އަކުރެއްވެސް އެ އްބަސްވުމުގައި އޮވެދާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

 

ކޯލިޝަނުގެ އެއްބަސްވުމަކީ މިސަރުކާރު ހިންގުމުގައި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ފިޔަވައި އެންމެ މުހިންމު އެއް ދުސްތޫރު އެވެ. އެ ދުސްތޫރުގައި ހިމެނޭ އެންމެހައި ކަންކަން އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށާއި 4 ލީޑަރުންގެ މަންދޫބުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. އެ ދުސްތޫރު އެކުލަވައި ލެއްވީވެސް އެބޭފުޅުން ކަމަށްވާތީއެވެ.

 

ވީމާ 4 ލީޑަރުންގެ އެއްބަސްވުމުގައި ހުރި ކަންކަން ނުއެނގިގެން "އދ" އާއި އެހެންވެސް ބައަކު އުޅެން ޖެހެންވީ އެއްވެސް ސަބަބެއް ނުވިސްނެއެވެ. އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމާއި އިންޞާފުގެ މަގަށް ޜާއްޖެ ގެންދިއުމުގެ ހުރިހާ ވާހަކަތަކެއް އެ ދުސްތޫރުގައިވާ ގޮތަށް ތަންފީޒުކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ގެންދަވަނީ ވިދާޅުވަމުންނެވެ. ވީމާ އިންސާނީ ޙައްޤުތަކާއި ބެހޭ ޖަމާޢަތްތަކުންވެސް އެ އެއްބަސްވުން ނުފެނިގެން އުޅެންޖެހެންވީ އެއްވެސް ސަބަބެއް ނުވިސްނެއެވެ.

 

އެ އެއްބަސްވުން އެކުލަވާލާފައިވަނީ ކޯލިޝަނުގައި ހިމެނޭ ޢާންމު މެންބަރުންގެ ޚިޔާލު ހޯދައިގެނެއްވެސް ނޫނެވެ. ވީމާ އެ އެއްބަސްވުމަށް ޢާންމު މެނަބަރުންގެ ޚިޔާލު ހޯދަން ހުޅުވައިލުމަކީ 4 ލީޑަރުންގެ ވިސްނުންފުޅު ކަމަކަށް ވެސް ޤަބޫލެއް ނުކުރެވެއެވެ. އެއީ ކުރައްވާނެ ކަމެއް ނަމަ އެކަމުގެ ވަގުތު މިވަނީ ފާއިތުވެފައެވެ. މިހާރު އެކަން ކުރަން އުޅުން ވާނީ އިތުރު މައްސަލަ ތަކަކަށެވެ.

 

ކޯލިޝަނުގެ ވެރިންގެ އެއްބަސްވުމަށް އދގެ އިތުބާރު ބޭނުމެއް ނުވެއެވެ.  ބޭނުންވަނީ 4 ލީޑަރުންގެ އިތުބާރެވެ. އެއްބަސްވުން ނަގަހައްޓައި ދަމަހައްޓާނީ "އދ"އަކުން ނޫނެވެ. 4 ލީޑަރުންނެވެ.

މިއަދު އޮންލައިން