ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަހައްދުގައި ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރަން އެންގި އެންގުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބާތިލްކޮށްފިއެވެ.
އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުނު ނެރުއްވި ބަޔާނުގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ހަވީރު 6 އިން ހެނދުނު 6 އަށް ވެހިކަލް ދުއްވަން މަނާކުރަން އެންގި އެންގުން ބާތިލުކުރާ ކަމަށެވެ.
މިގަޑިތަކުގައި މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރީ މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.
ވެހިކަލް ދުއްވުން މަނާކުރަން ނިންމި ނިންމުން ބާތިލުކުރި ނަމަވެސް މާލެ ސަރަހައްދުގައި އަދިވެސް ރޭގަނޑު 11 އިން ފެށިގެން ފަތިހު 4:30 އާ ދެމެދު މީހުން ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ.