ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދެއްވުމަށް ހިންގަވާ މަޝްރޫޢުގެދަށުން ހުޅުމާލެ ފޭސް ދޭއް ގައި އިމާރާތް ކޮށްފައިވާ 6720 ފުލެޓް ލިބިފައިވާ ފަރާތްތަކަށް، ލިބެނީ ކޮން ފުލެޓެއްކަން ކަނޑައެޅުމަށްޓަކައި ފުލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުޢަތެއްލައި، އެފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމުގެ މަސައްކަތުގެ ތެރެއިން،H10 (ޙާއްޞައެހީއަށް ބޭނުންވާ މީހުން) ގެ ކެޓަގަރީގެ ގުރު ނެގުން މިއަދު ކުރިއަށްގެންގޮސްފިއެވެ.
ދަޢުލަތުގެ މީޑިއާއިން ލައިވްކޮށް ކުރިއަށް ގެންދެވުނު މި އިވެންޓްގައި މި ކެޓަގަރީން ދާޢިމީ ލިސްޓްގައި ހިމެނިފައިވާ ފަރާތްތަކުގެ މެދުގައި ނެގުނު ގުރުޢަތުލުން ކުރިއަށް ގެންދެވިފައިވަނީ ފުލެޓް ނަމްބަރު ކަރުދާސް ކޮޅުތަކެއްގައި ފޮއްޓަކަށް އެޅުމަށްފަހު މި ކެޓަގަރީ އިން ފުލެޓް ލިބިފައިވާކަމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ލިސްޓުގައި ހިމެނޭ ފަރާތް ތަކުގެ އައި.ޑީ ކާޑުގެ ނަމްބަރު ތަރުތީބުންނެވެ. މީގެއިތުރުން، ގުރުޢަތުން ނެގުނު ފުލެޓާއި، ފުލޯ އާއި ޓަވަރު އިނގޭގޮތަށް ޓީވީ ސްކްރީނުން ވަނީ ދައްކާފައެވެ. އަދި މި ހުރިހާ މަޢޫލޫމާތުތަކެއް ފުލެޓް ލިބުނު ފަރާތްތަކުން ދެއްވާފައިވާ ފޯނުނަމްބަރަށް SMS ޒަރިއްޔާއިން ވަނީ ޙިއްސާކުރެވިފައެވެ.
ޖުމްލަ 188 ފަރާތެއްގެ މެދުގައި ގުރުޢަތު ނެގުނު އިރު، މި ކެޓަގަރީގެ ހުރިހާ ފަރާތަކަށްވެސް ފުލެޓް ދިނުމަށް ހަމަޖެހިފައިވަނީ ޓަވަރުތަކުގެ ފުރަތަމަ ފަންގިފަލައިންނެވެ.
މި ގުރުޢަތަށްފަހު ލިބުނު ފުލެޓްގެ އެގްރީމެންޓްގައި ސޮއި ކުރުމާއި، ފުލެޓްގެ ތަޅުދަނޑި ޙަވާލުކުރާނެ ތާރީޙެއް ފަހުން އިޢުލާނު ކުރެވޭނެކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.