މިރެއަކީ 27 ވިލޭރެއެވެ. ލައިލަތުލްޤަދްރިވިލޭރެއަކީ ކޮންރެއެއްކަން ދެނެވޮޑީގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އަހަރެމެންނަށް އޮތީ މުޅި ރަމަޟާން މަހުގައިވެސް، ވަކިން ޚާއްޞަކޮށް ފަހު ދިހައިގައި، އެއަށްވުރެ ޚާއްޞަކޮށް ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި ލައިލަތުލްޤަދްރިވިލޭރޭ ލިބިގަންނަން ގަދައަޅައި މަސައްކަތްކުރުމެވެ.
ވީހައި ގިނަ އަޅުކަންކޮށް އެމީހަކު ބޭނުންވާ ކަންކަމަށް އެދި ދުޢާކުރުމެވެ. ބޭނުންވެގެން އެދޭކަންކަމުގެ ލިސްޓު ދިގުވުމުން ކަންބޮޑުވުމަކީ އިންސާނުންގެ ސިފައެވެ. ލިސްޓް ދިގުވާވަރަކަށް ﷲ ތަޢާލާ އުފާފުޅުވެވޮޑިގަންނަވާނީއެވެ. އެކަން އެކަލާނގެ ވަނީ ވަޙީ ކުރައްވަވައިފައެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިރޭތަކުގައި ކުރަމުންދާ ދުޢާގައިގައި މައިންބަފައިން ހިމަނަން ހަނދާންނައްތައިނުލާށެވެ! ކޮންމެ ދަރިއަކު ވިހަން މައިމީހާގެ ހަށިގަނޑުގައި އަޅާ ވޭނަކީ އެއިގެ ބަރުދަން ކިރައިގެން ދެނެގަނެވޭނެ ވޭނެއް ނޫނެވެ. އެވޭނުގެ ބުރަދަން ވަޒަންކުރެވޭނެ އެއްވެސް ގޮތެއް ދުނިޔެއަކު ނެތެވެ.
މައިމީހާ ދުނިޔޭގައި އިންނަމަ ހެޔޮކޮށް ހިތާށެވެ! ދުނިޔޭގައި އިންނަމަވެސް ނެތްނަމަވެސް މައިމީހާއަށްޓަކައި ހެޔޮދުޢާކުރާށެވެ. އެކަމަށް ﷲ ތަޢާލާ ދެއްވަވާ މަތިވެރި ޘަވާބަށް އެދޭށެވެ. އެއީވެސް ހަމަ މަތިވެރި އަޅުކަމުގެތެރެއިންވާ ކަމެކެވެ.
- މުފްތީ މެންކުގެ ދަރުސަކުން