ދެމަފިރިން އެކަކު އަނެކަކަށް ހިތްހެޔޮކޮށް ހެޔޮދުޢާކުރުމަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ދެމަފިރިން އެކަކު އަނެކަކަށް ހިތްހެޔޮކޮށް ހެޔޮދުޢާކުރުމަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުވާނެ ކަމެއް!

ރަމަޟާން މަސް ފެށިގެން އައިއިރުވެސް ވަރަށް ގިނައިން ބުނީމެވެ. ހިތްތަށް ސާފުކުރާށެވެ. ހިތްތައް ޠޯހިރުކުރާށެވެ! މާފުކުރުން އެންމެ ކުރިއަށް ނެރޭށެވެ! ޚާއްޞަކޮށް ކޮންމެ ދެމަފިރިއަކުވެސް އެކަކު އަނެކަކަށް މާފުކޮށް ހިތްހެޔޮކުރާށެވެ! 

އިސްލާމީ އުންމަތް ކުރިއަރައި ވަރުގަދަވާން އޮތީ ދެމަފިރިންގެ ގުޅުމުގެ މައްޗަށެވެ. ގުޅުންކެނޑި ވަކިވަމުންދާނަމަ ދަރިންތަކެއް އެބަ ނިކަމެތިވެއެވެ. އެއިގެތެރެއިން ގިނަކުދިން ބޮޑެތިވަނީ ރަނގަޅު ތަރުބިއްޔަތެއް ނެތިއެވެ. ނަތީޖާއަކަށްވަނީ އެކަމުގެ އަސަރު މުޅި މުޖުތަމަޢަށް ކުރުމެވެ. ދީނީ ގޮތުން ހޭލުންތެރިކަން ކުޑަ، ދީނަށް ލޯބިކުޑަ މީހުން އިތުރުވުމެވެ. 

ދެމަފިރިން ވަކިވުމުން ދެމީހުންނަށް ލިބޭ ގެއްލުންތަކުގެ އިތުރުން މިއީ ކުރިމަތިވަމުން އަންނަ އެންމެ ބޮޑު އެއް މައްސަލައެވެ. ވީމާ ﷲ ތަޢާލާގެ ދީނަށް ނަޞްރުދީ އުންމަތް ކުރިއެރުވުމަށްޓަކައިވެސް ކައިވެނީގެ ގުޅުން ދަމަހައްޓަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން މިވަނީ މަޖުބޫރުވެފައެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ބަރަކާތްތެރި ރަމަޟާން މަސް ނިމިގެންދާއިރު ހުރިހާ ދެމަފިރިންވެސް އެކަކު އަނެކަކަށް ހިތްހެޔޮކޮށް މާފުކުރާށެވެ! އެންމެ ފުރަތަމަ ދެމަފިރިން ގުޅުނު ދުވަހާއި އެއްފަދައިން ޝައްވާލްމަހާއި ބައްދަލުކުރާށެވެ! 

ދެމަފިރިންގެ ގުޅުން ބަދަހިވެ ލޯބިން އެކުގައި ދިރިއުޅުމަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގެންދާނެ ކަމެކެވެ. އިން ޝާ ﷲ. އެކަލާނގެ ހުއްދަކުރެއްވެވި ކަންަކމުގެ ތެރެއިން އެންމެ ބޮޑަސް ރުހިވޮޑިނުގަންނަވާ ކަމަކީ ވަރިކުރުންކަން އަބަދުވެސް ހަނދާންކުރަންވާނެއެވެ. ވީމާ ކަމެއް ޖެހޭއިރަށް ވަރިކުރުމަކީ ފުރަތަމަ ފިޔަވަޅުކަމުގައި ހަދައިގެން ނުވާނެއެވެ. އެކަން ވާންޖެހޭނީ ދެން އެހެން އެއްވެސް ގޮތެއް ނެތުމުން ކުރާ ކަމަކަށެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތަކުރާރުކޮށް ބުނަމެވެ. ދެމަފިރިން އެކަކު އަނެކަކަށް ހިތްހެޔޮކޮށް ހެޔޮދުޢާކުރުމަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުވާނެ ކަމެކެވެ. އެކަމުގެ ރަޙްމަތް ދެމަފިރިންނަށާއި ދަރިންނަށްވެސް ލައްވަާނެ ކަމެކެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން