ޢިބްރަތްތެރިވާހަކަ: ވައްކަންކުރަން ޝެއިޚް ބިންބާޒްގެ ގެކޮޅަށް ވަން ވަގުކަލޭގެއަށް ލެއްވެވި ރަޙްމަތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 19ސ
ޢިބްރަތްތެރިވާހަކަ: ވައްކަންކުރަން ޝެއިޚް ބިންބާޒްގެ ގެކޮޅަށް ވަން ވަގުކަލޭގެއަށް ލެއްވެވި ރަޙްމަތުގެ ވާހަކަ-

އިހުޒަމާނުގައި އުޅުނު ޕާކިސްތާނު މީހެކެވެ. ނަމަކީ މުރުތަޟާއެވެ. އޭނާ ވަޒީފާއެއް ހޯދުމްށްޓަކައި ސަޢުދީ އަރަބިޔާއަށް ދަތުރުކުރިއެވެ. ސައުދީގައި މަސައްކަތްކޮށް ފައިސާއެއްކޮށްގެން ޒަވާޖީހަޔާތެއް ފަށައި އަމިއްލަރަށުގައި ހަމަޖެހޭ ދިރުއުޅުމެއް އުޅުމުގެ ފޮނިހުވަފެނާއި އެކުއެވެ. އެގޮތުން މުރުތަޟާއަށް ތާއިފްގެ ކާރުޚާނާއަކުން ވަރަށް އާދައިގެ މަސައްކަތު މީހެއްގެ ވަޒީފާ ހަމަޖެހުނެވެ. މުސާރައަކީ 1500 ސައުދީ ރިޔާލްއެވެ. 

އެއްދުވަހަކު އޭނާ މަސްކަތުގައި އަވަދިނެތި އުޅެނިކޮށް ރަށުން ފޯނުކޯލެއް އައެވެ. ލިބުނު ޚަބަރާއި އެކު މުރުތަޟާގެ ހިތް ކުދިކުދިވިއެވެ. ކުއްލިގޮތަކަށް މަންމަގެ ކިޑުނީ ފެއިލްވެ ޓްރާންސްޕްލާންޓު ހަދަން ޖެހުނީއެވެ. ވީ އެންމެ އަވަހަކަށް ޓްރާންސްޕްލާންޓު ހެދުމަށް ޑޮކްޓްރު ލަފާދިނެވެ. އަދި އެކަމަށް 7000 ރިޔާލް ބޭނުންވާކަމަށާއި ވީއެންމެ އަވަހަކަށް ޓްރާންސްޕްލާންޓް ނަހަދައިފި ނަމަ މަންމަގެ ފުރާނަ ގެއްލިދާނެ ކަމުގެ ހިތާމަވެރި ޚަބަރުދިނެވެ. 

މިކަމާ މުރުތަޟާގެ ހަތަރުއުދަރެސް ފެނުޖެހުނެވެ. އެހެނީ އޭނާގެ އަތުގައި އޮތީ އެންމެ 1000 ރިޔާލެވެ. އަދި އެހާލުގައި އޭނާގެ މަންމަ އެތައް މަސައްކަތެއް ކޮށްގެންވެސް އެކަމަށް ބޭނުންވާ ފައިސާ ހަމަނުޖެހުނެވެ. އެހެންކަމުން މުރުތަޟާ އޭނާއާއި އެކު ފެކްޓްރީގައި މަސައްކަތް ކުރާ އެކުވެރިންގެ އެހީތެރި ކަމަށް އެދުނެވެ. ނަމަވެސް އެމީހުން ދިނީ ބީރުކަންފަތެކެވެ. އަދި ލޯނެއް ލިބޭތޯ އުޅެގެން އެކަންވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެހެންކަމުން ފައިސާހޯދުމަށްޓަކައި އިތުރު ގޮތެއް ފެނޭތޯ ވަރަށް ވިސްނުމަށްފަހު ވައްކަން ކޮށްގެން ފައިސާ ހޯދުމަށް މުރުތަޟާ ނިންމިއެވެ.

އެގޮތުން އެއްރޭ ދަންވަރުގެ ފަހުބަޔަށް އެޅުމުން ގޭސްފުޅިއެއް ވަގަށް ނަގައި ވިއްކާލުމުގެ ނިޔަތުގައި މުރުތަޟާ އޭނާ މަސައްކަތްކުރާ ކާރުޚާނާ ކައިރީގައި ހުރި ގެޔަކަށް ވަނަވެ. ނަމަވެސް އެގެއިން އެއްވެސް އެއްޗެއް އަތުނުޖެހިގެން އުޅެނިކޮށް ފުލުހުން އައިސް އޭނާ ހައްޔަރުކުރިއެވެ. އަދި އަތުގައި ބިޑިއަޅުވައިގެން ގޮސް ޖަލުގައި ބަންދުކުރިއެވެ. ނަމަވެސް ހައްޔަރުކުރިތާ ގަޑިއެއްހާއިރުވެސް ނުވަނީސް ފުލުހުން އައިސް އޭނާގެ އަތުގައި އަޅުވާފައިވާ ބިޑި ނައްޓާލިއެވެ. އޭރުވެސް މުރުތަޟާ ދިޔައީ ބާރަށް ރޮމުންނެވެ. އޭނާ ވައްކަންކުރަން މެދުވެރިވި ހާލަތު ދެނެވޮޑިގެންވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ.

ދެންފަހެ ފުލުހުން އޭނާގެ އަތުގައި އަޅުވާފައި ބިޑިނައްޓާލުމަށްފަހު އަނެއްކާވެސް ގެންގޮސް ފުލުހުންގެ ވެހިކަލަށް އެރުވިއެވެ. އަދި އޭނާގޮވައިގެން ގޮސް އޭނާ ވައްކަންކުރަން ވަން ގެޔަށް އަނބުރާ ގެންދިޔައެވެ. އަދި އެގޭ ސިޓިންގރޫމުގައި ހުރި ގޮނޑިއެއްގައި މުރުތަޟާ ބެއިންދުމަށްފަހު ދޮރުލައްޕާފައި ފުލުހުން އެނބުރި ހިނގައްޖެއެވެ. މިކަމާ މުރުތަޟާ ޚައިރާންވިއެވެ. އެހެންކަމުން ހަރަކާތެއްވެސް ކުރަން ނުކެރިފައި ހުއްޓާ ޒުވާން ފިރިހެނަކު އެތަނަށް އައެވެ. އަދި ރިވެތި ސަލާމަކުން ސަލާމްގޮވާލުމަށްފަހު ކައިގެންތޯ އެއްސެވިއެވެ. ޖަވާބުގައި އޭނާ ނޫނެކޭ ބުނުމުން ކެއުމަށް ދައުވަތުދެއްވިއެވެ.  

ކައި ނިމުމަށްފަހު މުރުތަޟާ ގަޑިބަލާލިއިރު ފަތިސްނަމާދު ވަގުތު ވަނީ ކުޑަތަންވެފައެވެ. އަދި އޭނާއާއި ކުރިން ދިމާވި ޒުވާނާ ލޯފަން މުސްކުޅި މީހެއްގެ އަތުގައި ހިފައިގެން އޭނާގެ ގަތަށް އާދެއެވެ. އެމުސްކުޅި މީހާ މުރުތަޟާއަށް ސަލާމް ގޮވައިލެއްވިއެވެ. އަދި އެއްސެވިއެވެ. “އޭ ދަރިފުޅާއެވެ. ތިބާގެ ހާލުކިހިނެއް ހެއްޔެވެ.؟” ޖަވާބުގައި މުރުތަޟާ “އަލްހަމްދުލިﷲ”އޭ ބުންޏެވެ. އެހިނދު އެމުސްކުޅި މީހާ ބުންޏެވެ. "އަހަރެމެންނާއި އެކު ފަތިސްނަމާދުގައި ބައިވެރިވުމަށް އަންނާށެވެ."  

ކޮންމެއަކަސް މުރުތަޟާ އެމީހުންނާއި އެކު ފަތިސް ނަމާދުގައި ބައިވެރިވިއެވެ. އަދި ނަމާދުކޮށް އަވަދިވެގެން ބަލާލި އިރު އިމާމްމީހާ ކައިރީގައި ޚާއްޞަ ގޮނޑިއެއް ބެހެއްޓިފައި ހުއްޓެވެ. އަދި މިސްކިތުގައި ތިބިމީހުން އެގޮނޑީގައި ގޮސް އެއްކަލަ ލޯފަން މުސްކުޅިމީހާ ބެއިންދިއެވެ. އެހިނދު އޭނާ މީސްތަކުންނާއި މުޚާތަބުކޮށް ވާހަކަދައްކަންފެށިއެވެ. އަދި އެބައިމީހުންނަށް ދީނުގެ ޢިލްމު އުނގަންނައިދެއްވަން ފެއްޓެވިއެވެ. މިކަމާ މުރުތަޟާގެ ޚައިރާންކަން އިހުނަށްވުރެ އިތުރުވިއެވެ. އަދި ގާތުގައި ޖެހިގެން އިން މީހާ ގާތު އަހާލިއެވެ. "މިމުސްކުޅި މީހާ އަކީ ފަހެ ކާކުހެއްޔެވެ.؟" އެމީހާ ޖަވާބު ދިނެވެ. "އެއީ ޝެއިޚް އަބުދުލްއަޒީޒް އިބުނި ބާޒް އެވެ." މުރުތަޟާ ހިތަށް އެރިއެވެ. އަސްތަޣްފިރުﷲ އެވެ. ވައްކަން ކުރަން މިވަދެވުނީ ޝެއިޚް ބިންބާޒުގެ ގެއަށްތާއެވެ.

ދެންފަހެ މިދަރުސް ނިންމާލުމަށްފަހު ޝެއިޚު ބިންބާޒު އެކަލޭގެފާނުގެ ދަރިވަރުންނާއިއެކު މުރުތަޟާ ގޮވައިގެން ޝެއިޚްގެ ގެޔައަށް ވަޑައިގަތެވެ. އަދި ޝައިޚުގެ އަރިހުގައި މުރުތަޟާ ބެއިންދެވިއެވެ. އޭރު ހެނދުނުގެ ނާސްތާވަނީ ތައްޔާރުކުރެވިފައެވެ.

ނާސްތާކޮށް ނިމުން މުރުތަޟާ އެއްފަރާތަކަށް ގެންގޮސް ޝެއިޚް ސުވާލުކުރެއްވިއެވެ. "ތިބާ މިގެޔަށް ވައްކަންކުރަން ވަނީ ކީތްވެ ހެއްޔެވެ؟" އޭނާ ޖަވާބު ދިނެވެ. "މާތް ﷲ ގަންދީ ބުނަމެވެ. އަހަރެން ވައްކަން ކުރަން މެދުވެރިވީ މަންމަގެ ކިޑުނީ ޓްރާންސްޕްލާންޓް ކުރުމަށްޓަކައި ފައިސާހޯދުމަށެވެ. އެކަމަށްޓަކައި 7000 ރިޔާލް ބޭނުންވެއެވެ. އެފައިސާ ހޯދުމްށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރީމެވެ. އެކުގައި މަސައްކަތްކުރާ އެކުވެރިންގެ އެހީތެރިކަމަށް އެދުނީމެވެ. ލޯނެއްލިބޭތޯ އެތައް މަސައްކަތެއް ކުރީމެވެ. ނަމަވެސް އިތުރު އެހެން އެއްވެސް ގޮތެއް ނުފެނުމުން ވައްކަންކުރަން މަޖުބޫރުވީއެވެ. އަހަރެންގެ ހަމައެކަނި ނިޔަތަކީ މަންމައަށް ހެޔޮކޮށް ހިތައި އެމަންމަ އަށް އެހީތެރިވުމެވެ".

މިވާހަކަތައް އަޑު އައްސަވާފައި ޝެއިޚް އެކަލޭގެފާނުގެ އާއިލާގެ ބޭފުޅަކަށް ފޯނުކުރައްވައިގެން 19000 ރިޔާލް ގެންނަވައި މުރުތަޟާއަށް ދެއްވިއެވެ. އެހިނދު މުރުތަޟާ ދެންނެވިއެވެ. “ޝެއިޚްއެވެ. އަޅުގަނޑަށް ބޭނުންވަނީ 7000 ރިޔާލެވެ." ޖަވާބުގައި ޝެއިޚް ދެންނެވިއެވެ. "ބާކީ ފައިސާ ތިބާގެ އެހެނިހެން ބޭނުންތަކަށް ޚަރަދުކޮށްލާށެވެ." 

ޖެހިގެން އައިދުވަހު މުރުތަޟާ އޭނާގެ މަންމަގެ ފަރުވާގެ ކަންތަކަށް ޕާކިސްތާނަށް ފުރިއެވެ. އަދި މާތް ﷲ ގެ ހެޔޮރަހުމަތްފުޅާއި ވާގިފުޅައި އެކު މުރުތަޟާގެ މަންމަގެ ކިޑްނީ ޓްރާންޕްލާންޓް ކާމިޔާބުވިއެވެ. އެހެންކަމުން އެނބުރި ސައުދީއަށް ދިޔައެވެ. އަދި ޝައިޚްއާއި ބައްލުކުރެއްވުމަށްޓަކައި އެގެއަށް ދިއައެވެ. 

ޝެއިޚުގެ ގެޔަށް ދިއައިރު ބައްދަލުވީ އެކަލޭގެފާނުގެ ޢާއިލާގެ ބޭފުޅަކާއެވެ. އަދި އެބޭފުޅާ މުރުތަޟާއަށް އޭނާ ހައްޔަރުވި ގޮތް ކިޔައިދިނެވެ. އެނާ ކިޔައިދިނެވެ. "ކޮންމެ ރެއަކުވެސް ރޭގަނޑުގެ ދެވަނަ ދަންފަޅިއަށް އެޅުމުން ޝެއިޚް ތަހައްޖުދު ނަމާދުކުރައްވައެވެ. މިގޮތުން އެރޭގައިވެސް ތަހައްޖުދު ނަމާދުކުރައްވަން ހުންނަވަނިކޮށް ގޭތެރެއިން ޝެއިޚަށް ބާރު އަޑުފަށްގަނޑެއް އިވިވަދައިގަތެވެ. އެވަގުތު ޝެއިޚަށް ގެއަށް ވަގެއް ވަދެގެން އުޅޭކަން އެނގިވަޑައިގަތެވެ.  އަދި ޝެއިޚު ނަމާދުކުރައްވަން އިންނަވާ ތަނާއި ޖެހިގެން ހަރުކުރެވިފައިވާ ރަނގަބީލަށް ފިތާލެއްވިއެވެ. އެއީ އެކަލެގެފާނުގެ އާއިލާބޭފުޅުން ނަމާދަށް ހޭލެއްވުމަށްޓަކައި ހަރުކޮށްފައިވާ ބެލް އެކެވެ. އެހިނދު އެކަލޭގެފާނުގެ އާއިލާގެ ބޭފުޅުން އެކަލޭގެފާނުގެ އަރިހަށް ވަޑައިގަތުމުން ދެންނެވިއެވެ. މިގެއަށް ވަގެއްވަދެގެން އެބައުޅެއެވެ. އެހިނދު އެކަލޭގެފާނުގެ އާއިލާގެ ބޭފުޅުން ފުލުހުންނަށް ގުޅައިގެން ގެނެސް ތިބާ ހައްޔަރުކުރީއެވެ. ނަމަވެސް ތިބާ ހައްޔަރުކޮށްގެން ގެންދިއަ ޚަބަރު ޝެއިޚަށް ލިބިވަޑައިގަތުމުން އެކަލެގެފާނު އެކަމާ ގަބޫލުފުޅެއް ނުވިއެވެ. އަދި ތިބާ އަބުރައި އެކަލޭގެފާނުގެ އަރިހަށް ގެންނައުމަށް އެންގެވިއެވެ."  

މިވާހަކަތައް އަޑުއައްސަވާފައި މުރުތަޟާ ވަގުތުން ބިންބާޒުގެ އަރިހަށް ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ނިތްކުރިފުޅަށް ބޮސްދެއްވައި ނުހަނު އާދޭހާއި އެކު ދެންނެވިއެވެ. މާތް ﷲ އަށްޓަކައި ކަލޭގެފާނަށް ޚިދުމަތް ކުރުމުގައި ދެމިހުރުމުގެ ފުރުޞަތު ދެއްވާށެވެ. އަދި މަންމަގެ ކިޑްނީ ޓްރާންޕްލާންޓަށްފަހު ބާކީވި ފައިސާ އަނބުރާ ދެއްވިއެވެ. ނަމަވެސް ބިންބާޒް އެފައިސާގައި ހިއްޕަވަން ދެކޮޅުހައްދަވައި ވިދާޅުވިއެވެ. ތިއަ ފައިސާއަކީ ތިބާގެ ފައިސާއެވެ. ތިބާ ބޭނުން ކަމަކަށް ޚަރަދުކޮށްލާށެވެ." އަދި އެއަށްފަހު ބިންބާޒު އަވަހާރަވަންދެންވެސް އެކަލޭގެފާނުގެ އެންމެ އަރިސް މީހެއްގެ ގޮތުގައި މުރުތަޟާ ވިއެވެ. 

(މިއީ ސޯޝަލް މީޑިއާއިން ފެނުނު ވާހަކައެކެވެ. މިވާހަކައަކީ ވަރަށް ޢިބްރަތްތެރި ވާހަކައަކަސްވާށްތީ މިއަދުނޫހުގައިވެސް ޝާއިޢުކުރީއެވެ. މިއަދުނޫހުން ކޮށްފައިވާނެ ހަމައެކަނި ކަމަކީ ޢިބާރާތްކުރުމުގައި ހުރި ބައެއް ކަންކަން ބަހުގެ ހަމަތަކާއި އެއްގޮތަށް އިޞްލާޙްކޮށްލުމެވެ.)

 

 

މިއަދު އޮންލައިން