ޙަޤީޤީ ހާދިސާ: އަނބިމީހާ ކޮޅުކެހިދީ ވަރިވުމުން ކޮފީ މޭޒުތަކަށް ނުގޮސް މިސްކިތުގަ ވަގުތު ހޭދަކުރި ޒުވާނަކަށް ލިބުނު ބޮޑު ނިޢްމަތުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 51ސ
ޙަޤީޤީ ހާދިސާ: އަނބިމީހާ ކޮޅުކެހިދީ ވަރިވުމުން ކޮފީ މޭޒުތަކަށް ނުގޮސް މިސްކިތުގަ ވަގުތު ހޭދަކުރި ޒުވާނަކަށް ލިބުނު ބޮޑު ނިޢްމަތުގެ ވާހަކަ!

މިކިޔައިދެނީ މީގެ 13 އަހަރުކުރީގެ ވާހަކައެކެވެ. އެއިރު އަހަރެންގެ އުމުރަކީ 30 އަހަރެވެ! ކައިވެންޏަށް 5 އަހަރެވެ. ދިރިއުޅެމުން އައީ އަނބިމީހާގެ އެދުމަށް އަނބިމީހާގެ މައިންބަފައިންގެ ގޯތީގައި އަހަރެންގެ ފައިސާއިން ދެބުރިއަށްކުރި ޢިމާރާތެއްގައެވެ. ތިރީބައި ކުއްޔަށްދީގެންވެސް މަހަކު 20،000 ރުފިޔާ ލިބެއެވެ. 

އެއީ ޝައުބާން މަހުގެ ކުރީކޮޅެވެ. ކުއްލިއަކަށް އަނބިމީހާއަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އޮފީސް ނިމޭގަޑި ލަސްވާން ފަށައިފިއެވެ. ރޭގަނޑު ކޮންމެވެސް ތަނަކަށް ދާންޖެހުން ގިނަވާން ފަށައިފިއެވެ. އެހިސާބުން ކަށްޓެއް ޖަހަން ތައްޔާރުވާކަން ވިސްނެން ފަށައިފިއެވެ. 

އެކަމަށް ހުރީ ތައްޔާރުވެގެންނެވެ. ކަންބޮޑުވާކަށް ނުހަދަމެވެ! ކޮންމެ ވަގުތަކުވެސް ދީލައިލަން ޖެހިދާނެކަމަށް އައީ ތައްޔާރުވަމުންނެވެ. އެހެން ހުއްޓައި ރޯދައަށް ހަނދުބަލަން 3 ދުވަހަށްވެފައި އޮއްވައި ފޯނަށް މެސެޖެއްކޮށްފައި ބުނީ އެކަނި އުޅެން ބޭނުންވާ ކަމަށާއި ވަރިކޮށްދިނުމަށް އެދޭކަމަށެވެ.  

ޖަވާބު ނުދިނުމުން ޖެހިގެން އައިރޭ ނިދަން އޮށޯވެފައި ވަރިކޮށްދޭން އެދުމުން އަހަރެން ބުނީމެވެ. "މެސެޖަށް ޖަވާބު ނުދިނީ ދޮގުހެދީމައެވެ. ވަރިވަނީ އެކަނި އުޅޭކަށް ނޫނެވެ. މިވެނި މީހަކާއި ކައިވެނިކުރަން ނޫން ހެއްޔެވެ؟" 

ކޮންމެއަކަސް އަހަރެންނަށް ޖެހުނީ ގެއިން ނުކުންނާށެވެ! އެހެން ގޮތެއް ނެތުމުން ގެއިން ނުކުތީމެވެ. ވަރިކުރީ ރަމަޟާންމަހުން ހަފްތާއެއް ފާއިތުވިފަހުންނެވެ. 

އަހަރެން ބަދަލުވީ ކުއްޔަށް ހިފި ކުޑަކޮޓަރިއަކަށެވެ. ކިރިޔާ އެކަނި އުޅެލެވޭވަރުގެ ކޮޓަރިއެކެވެ. ނަމަވެސް ކަންބޮޑެއް ނުވަމެވެ. މަސައްކަތް ނިމުމުން ގިނަ ވަގުތު ހޭދަކުރީ މިސްކިތުގައެވެ. ރަމަޟާން މަސް ނިމުމުންވެސް މިސްކިތް ދުލެއް ނުކުރަމެވެ. މިސްކިތާއި އޮތް ގުޅުން ބޭއްވީމެވެ. 

އެއް ދުވަހު ޢަޞްރު ނަމާދު ނިމިގެން މިސްކިތުގައި ކިޔަވަން އިންދާ ލިބުނީ މެސެޖެކެވެ! "ކޮންތާކު؟ ފޮޓޯއެއް ފޮނުވަބަލަ!" އެއީ ކާކުގެ ނަމްބަރެއްތޯވެސް ނުބަލަމެވެ. ވަގުތުން ފޮޓޯއެއް ނަގާފައި ފޮނުވީމެވެ. ޖަވާބެއް ނުލިބެއެވެ. އެކަމާ އަޅައެއްވެސް ނުލަމެވެ. 

އެއިގެ 3 ރޭ ފަހުން ޢިޝާ ނަމާދު ނިމިގެން މިސްކިތުގައި އިންދާ ހަމަ ކުރީ ދުވަހު ލިބުނު މެސެޖު ހަމަ އެ ނަމްބަރުން ލިބުނެވެ. އެރޭވެސް ވަގުތުން ފޮޓޯއެއް ފޮނުވީމެވެ. ދެން އެއިގެ ހަފްތާއެއްހައި ދުވަސްފަހުން އަނެއްކާވެސް ޢަޞްރު ވަގުތަކު ހަމަ އެމެސެޖު ލިބުނެވެ. އެދުވަހުވެސް ފޮޓޯ ފޮނުވީމެވެ. އެދުވަހު ޖަވާބެއް ލިބުނެވެ! "މިސްކިތު ޒުވާނާ! މިރޭ 9 ޖަހާއިރު ގުޅާތި!" 

އަހަރެން ގުޅީމެވެ. އޭނާ ބުނީ ފުރަތަމަ މެސެޖަކީ އޭނާގެ ކޮއްކޮއަކަށް ފޮނުވި މެސެޖެއް ކަމަށެވެ. ދެވަނަ މެސެޖު ފޮނުވީ ހަމަ ފޮނުވަން ބޭނުންވެގެން ކަމަށެވެ. 3 ވަނަ މެސެޖު ފޮނުވީ އަހަރެންނާއި ގުޅެން ބޭނުންވެގެން ކަމަށެވެ. މިސްކިތުގައި އިންނާތީ ލޯބި އުފެދުނީ ކަމަށެވެ. އަދި ބޭނުންވަނީ ލޯބިވެގެން އުޅެން ނޫންކަމަށާއި ކައިވެނިކުރަން ކަމަށެވެ. އަހަރެންގެ އެ ކުޑަ ކޮޓަރީގައިވެސް ދިރިއުޅެން ތައްޔާރަށް ހުރި ކަމަށެވެ. 

އަހަރެންވެސް ގޮތެއް ފެނުމުގެ އުންމީދުގައި ހުރުމުން އެކަން ޤަބޫލުކުރީމެވެ. އެންމެ ކުޑަމިނުން ފޮޓޯއެއްވެސް ނުދެކިހުރެއެވެ. ހަމައެކަނި އޭނާގެ އަޑުގައި ހުރި މާތްކަމަށް ބަލައިގެންކަމަށް ބުނެވިދާނެއެވެ. މިބުނަނީ ހަމަތެދަށެވެ. އޭނާގެ އެއްވެސް ވަނަވަރެއްވެސް އޮޅުމެއް ނުފިލުވަމެވެ. ހުރިހާ ކަމެއް ހަމަ ވަކީލްކޮށްލީއެވެ. ލިބިފައިވާ ދެރައަށްވުރެ ބޮޑު ދެރައެއް ނުލިބޭނެކަމަށް ބަލައިގެންނެވެ. 

އެހިސާބުން ކަންކަން ކުރިއަށް ގޮސް ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ކައިވެނިކުރެވުނެވެ. ދެމީހުން ބައްދަލުވީވެސް ކައިވެނީގެ މަޖިލީހުގައި ކޯޓުގައެވެ. ކޯޓުން އެކުގައި ނުކުތްއިރު ކުރިމަތީގައި ޕްރައިވެޓް ކާރެއް އޮތެވެ. 

އަނބިމީހާ، ފަޒްލާގެ އެދުމަށް އެކާރަށް އެރީމެވެ. އެކާރު މަޑުކުރީ ބުރިބުރިއަށް ހުރި ގެއަކަށެވެ. ފަޒްލާ އާއިއެކު ކާރުން ފޭބީމެވެ. ގެއަށްވަދެ ލިފްޓަކުން އެރީ 7 ވަނަ ބުރިއަށެވެ. ފަޒުލާ ކުރީގައި ހުރެ ހިނގަމުން ގޮސް ވަނީ ބޮޑު ކޮޓަރިއަކަށެވެ. ކޮޓަރި ހުރީ ދެމަފިރިންނަށްޓަކާ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. 

އެއީ ފަޒްލާގެ ބައްޕަގެ ގެއެވެ. އެ ފަންގިފލާއަކީ ފަޒްލާއަށް ދީފައިވާ ފަންގިފިލާއެވެ. 3 ކޮޓަރީގެ 2 އެޕާޓްމަންޓެވެ.  އެއް ޕާޓްމަންޓް ހުންނަނީ ކުއްޔަށްދީފައެވެ. ފަޒްލާ ދިރިއުޅޭ އެޕާޓްމަންޓުގެ އެއް ކޮޓަރީގައި ދިރިއުޅެނީ އޭނާގެ ދެ ދަރިންނެވެ. ވީމާ އަހަރެންނަށް ލިބުނީ އަންތބަކާއި ދެދަރިންނެވެ. 

ކުރުކޮށްލަމާ ހިނގާށެވެ! 13 އަހަރު ފާއިތުވީއެވެ. ކައިވެނީގައި މިހާރުވަނީ 3 ދަރިންވެސް ލިބިފައެވެ. ދުވަހަކުވެސް ރުޅި އައިސްގެން އުޅޭކަށް ނުޖެހެއެވެ. ވާހަކަ ދައްކާލައިގެން ޙައްލުނުކުރެވޭ މައްސަލައެއް ކުރިމަތިވެފައެއް ނުވެއެވެ. 

ކިޔުންތެރިންނަށް ދޭން އޮތް މެސެޖަކީ މާޔޫސްވެއްޖެ ނަމަ ރަށުތެރޭގައި ނުހޫރޭށެވެ! ކޮފީބޯން ވަގުތު ބޭކާރުނުކުރާށެވެ! ކޮފީއަކީ ދިރިއުޅުމުގެ އެއްވެސް މައްސަލައެއް ހައްލުކޮށްދެވޭނެ އެއްޗެއް ނޫނެވެ. ހުރިހާ މައްސަލަތަކެއްވެސް ޙައްލުކުރައްވަވައި ދެއްވެވޭނީ ﷲ ތަޢާލާއަށެވެ. އެކަލާނގެއާއި ކުއްތަންވާން މަސައްކަތްކުރާށެވެ! ހެޔޮ ރަޙްމަތަށް އެދި ދުޢާކުރާށެވެ! ހަމަ ކޮންމެ މީހަކަށްވެސް މަގެއް ދައްކަވާނެތެވެ! އިން ޝާ ﷲ

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން