ރަމަޟާން މަހަށްފަހު އަޅުކަންކުރުމުގަ ޘާބިތުކަން ދެއްވެވުން އެދި ކުރަން އޮތް 2 ދުޢާ-: ޝައިޚް އަޙްމަދު ރިމާޒް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
ރަމަޟާން މަހަށްފަހު އަޅުކަންކުރުމުގަ ޘާބިތުކަން ދެއްވެވުން އެދި ކުރަން އޮތް 2 ދުޢާ-: ޝައިޚް އަޙްމަދު ރިމާޒް

އަޅުކަންތައް ކުރުންމަތީ ޘާބިތު ކޮށްދެއްވުން އެދި ދުޢާ ދަންނަވަންވާނެއެވެ.

ރަމަޟާންމަހު އެންމެންވެސް އަޅުކަމުގައި ހީވާގިވެއެވެ. ރޯދަހިފައި، ޤުރުއާން ކިޔަވައި، ފަރުޟު ނަމާދަށް ރައްކާތެރިވެ، ޟުޙާ ނަމާދާއި، ރަވާތިބު ސުންނަތްތާއި، ރޭއަޅުކަންކޮށް، ޞަދަޤާތްދީ ހަދައެވެ. ދުލާއި ލޮލާއި އަތްފައިގެ ގުނަވަންތަކަށް ރައްކާތެރިވެގެން އުޅެއެވެ. ނަމަވެސް ރަމަޟާންމަސް ނިމުމާއި އެކީ މިކަންކަން ހުއްޓާލާ، ނުވަތަ ފަރުވާކުޑަކުރާތަން ފެނެއެވެ. މާނައަކީ ގިނަބަޔަކަށް ރަމަޟާންމަހަށް ފަހުގައި އަޅުކަމުގައި ޘާބިތުނުވެވެއެވެ. އެހެންކަމުން އަޅުކަން އަދާކުރުމުގައި ޘާބިތުކަންދެއްވުން އެދި ގިނަގިނައިން ދުޢާ ކުރުމަކީ ވަރަށް މުހިންމުކަމެކެވެ. މިގޮތުން އަންނަނިވި ދުޢާފަދަ ދުޢާތައް ގިނަގިނައިން ކުރެވިދާނެއެވެ.

﴿ رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا ﴾ [آل عمران: 8]

މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް ޙައްޤުން އެއްކިބާ ނުކުރައްވާނދޭވެ!"

އަދި މާތް ނަބިއްޔާ ﷺ ގިނަގިނައިން ކުރެއްވި ދުޢާއެއްގައިވެއެވެ.

اللَّهمَّ يا مقلِّبَ القلوبِ، ثبِّتْ قلبي على دينِ

މާނައީ: "އޭ ހިތްތައް ފުރޮޅުއްވަވާ އިލާހެވެ! މިއަޅާގެ ހިތް އިބައިލާހުގެ ދީންމަތީ ޘާބިތުކޮށްދެއްވާދޭވެ!"”.

މާތް ނަބިއްޔާ ﷺ އަޅުކަމެއް ފައްޓަވައިފިނަމަ އެކަމެއްގެ މަތީ ދެމިހުންނަވާ ކަމަށް ޙަދީޘްތަކުގައިވެއެވެ. އަދި އަޅުކަމުގައި ދެމިތިބޭ އަޅުތަކުންނަށް ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ޘަނާކިޔުއްވާފައިވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: 

﴿الَّذِينَ هُمْ عَلَى صَلَاتِهِمْ دَائِمُونَ﴾ سورة المعارج:23 

މާނައީ: “އެއުރެންނީ، އެއުރެންގެ ނަމާދުކުރުންމަތީ ދެމިތިބޭމީހުންނެވެ”. މިއާޔަތުގައި ﷲ ތަޢާލާ މިބަޔާންކުރައްވާ ފަދައިން މުއުމިނުންގެ ސިފައަކީ އެމީހުންގެ ކިބައިން ތަކުލީފު އުފުލެންދެން އަޅުކަމުގައި ދެމިތިބުމެވެ. ﷲ ތަޢާލާ ނަބިއްޔާ ﷺ އަށް އަމުރުކުރެއްވީ މިފަދައިން އަޅުކަމުގައި ދެމިހުރުމަށެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿وَاعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ الْيَقِينُ﴾ سورة الحجر:99 

މާނައީ: “އަދި ކަލޭގެފާނުގެ އަރިހަށް ޔަޤީންވެގެންވާ ކަންތައް (އެބަހީ: މަރު) އަތުވެއްޖައުމަށް ދާނދެން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރައްވާށެވެ!”.

ﷲ ތަޢާލާ އީ ރަމަޟާންމަހުގެ ވެރި ރައްބެވެ. އަދި ޝައްވާލުމަހާއި ހުރިހާ މަހެއްގެ ވެސް ވެރި ރައްބެވެ. އެހެންކަމުން ރަމަޟާންމަހު އަޅުކަން އަދާކުރާފަދައިން އެހެން މައްސަރުތަކުގައިވެސް ﷲ ތަޢާލާއަށް ފުރިހަމައަށް އަޅުކަން އަދާކުރަންޖެހޭނެއެވެ. އަޅުގަނޑުމެންނަކީ މޫސުމީ އަޅުވެރިންކަމުގައި ވެގެންނުވާނެއެވެ. ރަމަޟާން މަހުގައި އަޅުކަންކޮށްފަ ހުއްޓާލާ މީހުންނަކީ އަޅުކަމެއްގެ ގޮތުގައި އެކަން ކުރާ ބައެއް ނޫނެވެ. އެއީ އާދަކާދައެއްގެ ގޮތުގައި އެކަން ކުރާ ބައެއްގެ ފެންނާނެކަމެކެވެ.

އަޅަމެންގެ ރޯދައާއި އެންމެހައި އަޅުކަންތައް ﷲ ތަޢާލާ ޤަބޫލުކުރައްވާށި! އާމީން

- ޝައިޚް އަޙްމަދު ރިމާޒް

- މަސްދަރު: ދިސަލަފިއްޔާ

މިއަދު އޮންލައިން