ހުޅުމާލޭގެ އެކި ސަރަޙައްދުތަކުން ބާރަ ޓަނުގެ ކުނި ނަގައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ހުޅުމާލޭގެ އެކި ސަރަޙައްދުތަކުން ބާރަ ޓަނުގެ ކުނި ނަގައިފި!

ހުޅުމާލޭގެ އެކި ސަރަޙައްދުތަކުން ބާރަ ޓަނުގެ ކުނި ނަގައި އުކާލައިވާކަމަށް އެޗްޑީސީ އިން ބުނެފިއެވެ.

މިކަމާގުޅިގެން އެޗްޑީސީ އިން ބުނެފައިވަނީ ހުޅުމާލެއަކީ ހުޅުމާލޭގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހިތްގައިމު ސާފު އަވަށެއްގެ ގޮތުގައި ބޭއްވުމަށް މި ކޯޕަރޭޝަންގެ ފަރާތުން ސިލްސިލާ ގޮތެއްގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި މިގޮތުން، ހުޅުމާލޭގެ އެކި ސަރަޙައްދުތަކަށް އާއްމުކޮށް ބޭނުންކޮށްފައި އުކާލާފައި ހުންނަ ކުނި ގިނަވެފައި ވާތީ މި މަހުގެ 10 ވަނަ ދުވަހު ފެށި ސާފުކުރުމުގެ ޕްރޮގްރާމުގެ ދަށުން އިއްޔެ އެކަނި ވެސް ވަނީ 12 ޓަނުގެ ކުނި އެއްކުރެވި އުކާލެވިފައި ކަމަށެވެ.

އެޗްޑީސީ އިން ބުނެފައިވަނީ މި މަސައްކަތް ކުރެވެމުން ދަނީ މި ކޯޕަރޭޝާންގެ މުނިސިޕަލް ޑިޕާޓްމަންޓުގެ މުވައްޒަފުން މެދުވެރިކޮށް ކަމަށާއި . ހުޅުމާލެ އަކީ ޒަމާނީ ސިޓީއެއްގެ ކުލަވަރު ޖައްސާ، ޒަމާނީ އެކި ވަސީލަތްތަކާއި އެކު ތަރައްޤީ ކުރެވެމުންދާ އަވަށެއްކަމުން، ހުޅުމާލޭގެ މާހައުލަކީ ސާފު ރީތި ތަނަކަށް ހެދުމަށް އާއްމުންގެ އެއްބާރުލުން މުހިއްމު ކަމުގައެވެ.

އެޗްޑީސީ އިން އިލްތިމާސްކޮށްފައިވަނީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާއި ކުނި މަދުކޮށް، އާއްމުން ބޭނުންކުރާ ޕާކުތައް ފަދަ ތަންތާގައި ބެހެއްޓިފައި ހުންނަ ޑަސްޓްބިން ތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި މީގެ އިތުރުންވެސް ގޭބިސީތަކުން ކުނި އުކާލުމުގައި ވެމްކޯއިން ދެމުންގެންދާ ޙިދުމަތުގެ ބޭނުން ހިފާ، ދިރިއުޅޭ ސަރަޙައްދުތަކަށް ކުނި އުކުން މަދުކުރުމަށެވެ. 

އަދި މި ފަދަ އިތުރު ޕްރޮގްރާމްތައް ކުރިއެކޭވެސް އެއްފަދައިން އެކި ދުވަސްތަކަށް ބަހާލާއިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލަމެވެ.

ސާފުކުރުމުގެ ޕްރޮގްރާމް 2 ހަފުތާގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

 

 

މިއަދު އޮންލައިން