ކޮވިޑްގައި ބައްޕަ ނިޔާވުމުން ދަރިއަކު ބަންޑުންކޮށްލި ވޭންހުރި، ހިތްދަތި އިޙްޞާޞްތައް- ކިތަންމެހައިވެސް އަސަރުގަދަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 52ސ
ކޮވިޑްގައި ބައްޕަ ނިޔާވުމުން ދަރިއަކު ބަންޑުންކޮށްލި ވޭންހުރި، ހިތްދަތި އިޙްޞާޞްތައް- ކިތަންމެހައިވެސް އަސަރުގަދަ!

ބައްޕަ އެންމެ ފަހުން ވަކިވެ އެދިޔައީ، ރަނގަޅު ގޮތެއް ހަދައިދިނުމަށް އެދި އާދޭސް ކޮށް ސަލާން ޖަހަނިކޮށް. ލޮލައް ނުފެނި 18 ދުވަސް ފަހުން. މީހަކަށް، ބަޔަކަށް އާދޭސް ކުރެވޭނީ އެވަރަކަށް. 

ދަރުމަވަންތަ އަށް ބަދަލު ކޮށްދޭށޭ ބުނުމުން ބުނީ، އަދި އެތަނަށް ފޮނުވާ ވަރަށް ވުރެ ހާލު ރަނގަޅު ކަމަށް. އެތަނަށް ފޮނުވަނީ އެންމެ ހާލު ބޮޑު މީހުން ކަމަށް. 

ހަނދާންވޭ ދަރުބާރުގެއަށް ގޮސް ވެރިން ކައިރީގައި ރޮއެ އާދޭސް ކުރި ހަނދާން. ކީކޭތޯ ވިދާޅުވީ؟ "އެތާނގައި ތިބޭ މީހުން ދައްކާ ވާހަކަ ގަބޫލުކުރަން ނުވާނެ. އެމީހުން އެހަދަނީ ދޮގު."

"އެޗްޑީޔޫގައި އޮންނަ މީހުނަށް އެހީތެރިއަކަށް އެލައު ނުކުރެވޭނެ. އެއީ މިނިސްޓަރުގެ މަންމަ ކަމުގައި ވީނަމަވެސް." 

ފެސިލިޓީ އިން މީހަކު ގެންދަން އެއްބަސްނުވީ އެތާގައި ތިބޭ މީހުނަށް އަޅާ ލެވޭނެ ކަމަށް ބުނެ. އެންމެ ފަހުން ޒުވާބުކޮށްގެން އެތަނަށް މީހަކު ގެންދަން އެއްބަސް ވެގެން ގެންދިޔަދުވަހު ބައްޕަ އައިސީޔޫ އަށް ބަދަލުކޮށް އޭގެ އަނެއް ދުވަހު ވެންޓިލޭޓަރ އަށްލީ.

ކިތައް ދުވަހު ތޯ ބަނޑު ހައިވެގެން ބައްޕަ ގުޅީ؟ އެފަކީރު އޮތް ހާލު ފެނުން މީހަކު ހިތް ފަޅައިގެންދާނެ. މީހާ ހިކި އަނަރޫފަވެފަ. މޫނުމަތި ފާރުވެފަ. ދެރަވޭ އެންމެ ފަހުން ރަނގަޅަށް ވާހަކަ ދެއްކި ދުވަހު މިތަނުން ނެރެދޭށޭ ބުނެ އެކަން ނުކޮށް ދެވުނީތީ. އެވަރުގެ ތަނެއް ކަން އެނގޭނަމަ އެމީހުންގެ އަތް މައްޗަށް ދޫކޮށް ނުލާނަން. 

ބައްޕަ ވަކިވެގެން އެދިޔައީ، އެންމެ ފަހުގެ ވަސިއްޔަތް ކޮއްލަންވެސް ފުރުސަތެއް ނުލިބި. އެންމެ ފަހު ފަހަރަށް މަންމަ އާއި ވެސް ބައްދަލު ނުވެ. 

ކާކުތޯ މިކަމުގެ ޒިންމާ ނަގާނީ؟ މީތޯ ހައްގު މިންވަރަކީ؟ އަޅުގަނޑުމެން ރޯޔަލް ފެމިލީއަކަށް ނުވީމަތޯ؟ 

މިފަދަ ކަމެއް އެއްވެސް މީހަކަށް މެދުވެރި ނުކުރައްވާށި. 

ހުޅުމާލެ ފެސިޓީގައި ކިރިޔާވެސް ބައްޕަ އައް އެހީއެއް ވެދިން ބޭފުޅުންނަށް ޝުކުރިއްޔާ. އަދި މިއަދާ ހަމައަށްވެސް ބައްޕަގެ ހާލުބަލާ، ބައްޕައަށް ދުޢާ ކޮށްދެއްވި ހުރިހާ ބޭފުޅުންނަށްވެސް ޝުކުރިއްޔާ. އަބަދުވެސް ބައްޕަ އަށް ދުޢާ ކޮށްދޭތި. 

ބައްޕާ، ބައްޕަ ވަކިވެ ދިޔަ ހަބަރު އެހީ ފުންހިތާމާޔާއިއެކު. އެވަގުތު ދުނިޔެ ހުއްޓުނު ކަހަލަ އިހުސާސެއް ކުރެވުނު. މޭފިތި ބާރުވެ ނޭވާލާން އުނދަގޫވި. ދެން ހަދާނީ ކިހިނެއްހޭ ކިޔައި ސުވާލުކުރެވުނު. ބާރަށް ރޮވުނު. އަދި ހަށިގަނޑު ފެނުނު ވަގުތު ހުއްޓުން އެރި. އެހެންނަމަވެސް އެންމެ ފަހުފަހަރު ހިތް ފުރޭ ވަރަށް ބަލާލެވޭތޯ މަސައްކަތް ކުރިން. 

ބައްޕާ، ބައްޕަ އުއްމީދު ކުރިވަރުގެ ދަރިޔަކަށް ވޭތޯ މަސައްކަތް ކުރާނަން. އަދި ވަކިވެގެންތިދިޔައީ ބައްޕަގެ ހިތުގައި އެއްވެސް ޝަކުވާއެއް ދަރިންނާއި މެދު ނުބާއްވާ ކަމަށް އުއްމީދުކުރަން. އަބަދުވެސް ދުޢާ ކުރަނީ ބައްޕަގެ ފާފަތައް ފުއްސަވާ ބައްޕައަށް ސުވަރުގެ މިންވަރު ކުރައްވާތޯ. މަންމަ އަށް އަޅާލާ އޯގާތެރި ވާނަން. ތިހާ ރަނގަޅު، ލޯބިވާ ބައްޕަ އެއް ލިބުނީތީ اللّٰه އަށް ޝުކުރުކުރަން. 

ވަރަށް ހަނދާންވޭ، ވަރަށް ލޯބިވޭ. 

(މިއީ ޢައިޝަތު ޒައުޝަން ޒާހިރު "ޒައު ޒާހިރު" އޭނާގެ ފޭސްބުކްގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ. ލިޔުން ޝާއިޢުކޮށްފައި އެވަނީ ލިޔުއްވި ފަރާތުގެ އިޒުނަ އާއިއެކު އަޞްލާއި އެއްގޮތަށެވެ.)!

ޒާހިރު އަހަމްދު ނިޔާވެފައިވަނީ އުމުރުން 61 އަހަރުގައި މިމަހުގެ 26 ވަނަ ދުވަހުއެވެ. ޖަނާޒާ ބާއްވާފައިވަނީ 26 ވަނަ ދުވަހުގެ 18:30 ގައި ހުޅުމޭލެ ސަހަރާގައެވެ.

މިއަދު އޮންލައިން