ޒައިނަބްގެ އުމުރުން 40 އަހަރުވީއިރު އޭނާ ވަނީ 3 ކައިވެނިކޮށް ކައިވެނި ރޫޅިފައެވެ. ލިބުނު މާޔޫސްކަމުގައި ހުއްޓައި އޭނާއާއި ބަދަލުވި ޢުމުރުން 65 އަހަރުގެ ފިރިހެނަކު އޭނާގެ ކައިވެންޏަށް އެދުމުން އެކަން އޭނާ ޤަބޫލުކުރިއެވެ. އެއް އުމުރުގެ 3 ފިރިހެނުންނާއި ކައިވެނިކުރުމުން ވެސް ކައިވެނި ރޫޅިފައިވާތީ މިކައިވެނީގައި އެކެއްގެ ޢުމުރަށް ދިރިއުޅެވޭނެކަމުގެ ފޮނި އުންމީދުތައް ކުރަމުންނެވެ.
ދެމީހުންގެ ކުރެވުނު މަޝްވަރާތަކުގެ ތެރެއިން "ޙުސައިން" އެދުނީ ކައިވެނިކޮށްގެން ގޭގެ ދެކޮޓަރީގައި ދެމީހުން ދިރިއުޅުމަށެވެ. އެއީ އުމުރުތަފާތުވުމުން ޙުސައިންގެ ކިބައިން ކުރެވޭ ބައެއް ކަންކަމަށް ޒައިނަބް ހިތްހަމަ ނުޖެހިދާނެ ކަމަށް ބުނެއެވެ. ދެ ކޮޓަރީގައި ދިރިއުޅުނު ނަމަވެސް އޭނާ ޒައިނަބްގެ ގާތަށް ކޮޓަރިއަށް އަންނާނެކަމަށްވެސް ބުންޏެވެ. އަދި ޒައިނަބް ބޭނުން ވަގުތަކު އޭނާގެ ކޮޓަރިއަށް އައުމަށްވެސް ބުންޏެވެ.
ކައިވެނިކުރެވިއްޖެއެވެ. ކައިވެނީގެ ހަފްލާއަށްފަހު ދެމީހުން ގެއަށް ގޮސް ވަނީ ދެކޮޓަރިއަށެވެ. ޒައިނަބް ފެންވަރައި ރީތިވެލައި ޙުސައިން އާއި ބައްދަލުކުރަން ތައްޔާރުވެލިތަނާ މީހަކު ދޮރުގައި ޓަކިޖެހުމުން ހުޅުވިއިރު ޙުސައިން އެވެ. ހަމަ ޒުވާންކަން ހުރި ޙުސައިން އެއްދާން ކުރުމަށްފަހު އޭނާގެ ކޮޓަރިއަށް ދިއައީއެވެ.
ޒައިނަބް ނިދަން ތައްޔާރުވެލިތަނާ އަނެއްކާވެސް ދޮރުގައި ޓަކި ޖެހުމުން ހުޅުވިއިރު ހަމަ ފިރިމީހާ އެވެ. އެފަހަރުވެސް ކަންތައްވެގެން ދިއައީ ހަމަ ކުރީ ފަހަރުވެސް ކަންތައް ވީގޮތަށެވެ.
އެފަހަރުވެސް ޙުސައިން ނުކުތުމުން ޒައިނަބް ނިދަން ތައްޔާރުވިތަނާ ދޮރުގައި ޓަކިޖެހުމުން ދޮރުހުޅުވިއިރުިހަމަ ފިރިމީހާއެވެ. އެފަހަރުވެސް ކަންތައް ވެގެންދިއައީ ހަމަ އެގޮތަށެވެ. އެފަހަރު ޙުސައިން އޭނާގެ ކޮޓަރިއަށް ދާން އުޅުމުން ޒައިނަބް ބުންޏެވެ.
"ކޮޓަރިއަށް ނުދާންވީ ނޫންހެއްޔެވެ؟ ޙުސައިންގެ ޞިއްޙަތު ތިއަހައި ޒުވާންވާނެކަމަށް ކުރިން އުންމީދުވެސް ނުކުރަމެވެ. މިހާރު ތިއައައީ 3 ވަނަ ފަހަރުއެވެ. ތިއައީ މިހާރުގެ އެންމެ ޒުވާނުންގެ ކިބައިންވެސް ފެންނާނެ ކަމެއް ނޫނެވެ. އަހަރެންގެ ހިތުގައި ޙުސައިންއަށް އޮތް ލޯބި ވަރަށް ބޮޑުތަނުން އިތުރުވެއްޖެއެވެ."
އިރުކޮޅަކު މަޑުން ހުރުމަށްފަހު ޙުސައިން ކުރީ ސުވާލެކެވެ. "ތިއަ ބުނަނީ މީގެ ކުރިން ދެ ފަހަރު އަހަރެން މިކޮޓަރިއަށް އައިކަމަށް ހެއްޔެވެ؟"
ކަންބޮޑުވުން އުފެދުނީ އެހިސާބުންނެވެ.
ޖެހިގެން އައި ދުވަހު ދެމަފިރިން އެކުގައި ގޮސް ރުޤްޔާ ކުރާ މީހެއްގެ މަޝްވަރާ ހޯދިއެވެ. އޭނާ ބަލަންހުރި ކަންކަން ބެލުމަސްފަހު އޭނާ އަށް އެނގޭ ވަރަށް ކިޔައިދިނެވެ. "ފެންނަ ގޮތުން ޒައިނަބަކީ އެއްދާންކުރުމަށްފަހު ހިނައިގަތުމުގައި ވަރަށް ފަރުވާކުޑަ އަންހެނެކެވެ. އެކަމުގެ ތެރެއިން ޖިންނިއެއް ތިއަވަނީ އަވަލައިފައެވެ. ކުރީގެ 3 ކައިވެނިމަތީގައި ދިރިނުއެވުނީވެސް އެކަމުގެ ސަބަބުންނެވެ."
މިހެން ބުނުމަށްފަހު ޝިފާ ހޯދަން ކުރަންހުރި ކަންކަން ކިޔައިދިނެވެ. އެކަންކަން ކުރަން ފެށުމުން ޒައިނަބަށް ބަދަލުތަކެއް އައެވެ. ހަށިގަނޑަށް ލުއިތަކެއްވެސް ލިބުނެވެ. އެތެރެހަށީގައި ހުރި ބައެއް އުނދަގޫތަކާއި ހުރި ބޮލުގައި ރިހުންވެސް ފިލައިގެން ދިއައެވެ. އަދި އެކަންކަން ކުރަންފެށިފަހުން އެބާވަތުގެ އެއްވެސް ކަމެއް ކުރިމައްޗެއްވެސް ނުވެއެވެ.
ބުނެލަން ބޭނުމީ ޖުނުބުވެރި ޙާލުގައި ނުނިދާށެވެ! އެންމެކުޑަމިނުން ސުންނަތުގައިވާފަދައިން ވުޟޫކޮށްލައިގެން ނޫނީ ނުނިދާށެވެ! އެންމެންނަށް ކަންކަން ކުރިމަތިވާނީ އެއްގޮތަކަށް ނޫނެވެ. އަދި ކުރިމަތިވާނީ އެއް އުނދަގޫތަކެއްވެސް ނޫނެވެ. މިކަމަށް ދެމަފިރިންވެސް ޚާއްޞަކޮށް އަންހެނުން ސަމާލުކަންދޭންވާނެއެވެ!
ކަންކަމުން ރައްކައުތެރިވެވޭނެ މަގު ޤުރްއާނާއި ސުންނަތުން އޮތީ ފެންނާށެވެ! ރައްކައުތެރިކަން ލިބޭނީ ހޯދަން މަސައްކަތްކުރުމުންނެވެ. މިކިޔައިދިން ހާދިސާގެ މައްޗަށް އެކި ގޮތްގޮތަށް ފިލްމްތައްވެސް ވަނީ އުފައްދައިފައެވެ. ކާފިރުން އުފައްދާފައިވާ ފިލްމުތަކުގައި މިކިޔައިދިން ހިނައިގަތުމުގެ ވާހަކަ ގެނެސްފައެއް ނުވެއެވެ. ނަމަވެސް ހާދިސާ ބިނާކޮށްފައިވަނީ ހަމަ މިކިޔައިދިން ވާހަކައަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން