ހުތުރު ގޮތަކަށް ނަތަންޔާހޫ ސިޔާސީ މައިދާނުން ބޭރުކޮށްލަނީ

ކިޔުމަށް ހޭދަވާނީ 2މ 14ސ
ހުތުރު ގޮތަކަށް ނަތަންޔާހޫ ސިޔާސީ މައިދާނުން ބޭރުކޮށްލަނީ

އަލީ ސަލީމް

ކޮރަޕްޝަންއާއި މަގާމުގެ ނުފުޒު ބޭނުން ކުރުމުގެ ތުހުމަތުގައި ޝަރީއަތަށް ހުށަހެޅިފައިވާ، އިޒްރޭލުގެ ބެންޔަމީން ނަތަންޔާހޫގެ ވެރިކަމަށް ނިމުމަށް އައުން ގާތް ވެއްޖެއެވެ. އިދިކޮޅު ލީޑަރު ޔާއީރް ލެޕިޑް އިސްވެ ހުންނަވައިގެން، ނަތާންޔާހޫއާ ދެކޮޅުވެރި ފަރާތްތަކާއެކު އެކުލަވާލާފައިވާ އިއްތިހާދަށް ޕާލަމްނެޓް، ކެނެސެޓްގައި އެކަށީގެންވާ ތާއީދެއް ވަނީ ލިބިފައެވެ.

ލެޕިޑް ވަނީ އިޒްރޭލުގެ ރައީސް ރޯވެން ރިވްލިން އަށް ސަރުކާރަށް އެކުލަވާލަން ބޭނުންވާ އަދަދަށް މެންބަރުންގެ ތާއީދު ލިބިވަޑައިގެންފައިވާ ކަމަށް ދަންނަވާފައެވެ.

އިޒްރޭލުން ވަނީ ދެ އަހަރުގެ ތެރޭގައި ހަތަރު އިންތިޚާބު ބާއްވާފައެވެ. ކޮއެލިޝަންތަކުން ވެރިކަން ކުރާ އިޒްރޭލުގައި އާންމު ގޮތެއްގައި އެއްވެސް އެއްޕާޓީއަކަށް އަޣްލަބިއްޔަތެއް ނުލިބެއެވެ. ނަތަންޔާހޫ، ސަރުކާރެއް އެކުލަވާލަން ކުރަމުން ދިޔަ މަސައްކަތް ހަތަރު ފަހަރަށް ނާކާމިޔާބު ވެފައި ވެއެވެ.

ލިޕިޑްއާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނިކޮށް، ނަތަންޔާހޫ ވަނީ އޭނާގެ ސިޔާސީ ފައިދާ ބޮޑު ކުރުމުގެ ބޭނުމުގައި  ފަލަސްތީނަށް އުދުވާނީ ހަމަލަތަކެއް އަމާޒުކޮށްފައެވެ. ކޮންމެ ދުވަހެއްގެ ހަމަލަތަކުގެ މަޢްލޫމާތު ދިނުމަށް ޓީވީއަށް އޭނާ އަރަމުން ދަނިކޮށް، ޙަމާސްގެ ހަމަލާތައް އިޒްރޭލުގެ ސިޓީތަކަށް އަމާޒުކުރުމުން ލިބުނު ގެއްލުންތަކާއެކު އާންމުންގެ ނުރުހުން ނަތަންޔާހޫއަށް އަމާޒު ވިއެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާއާއި ބައިނަލްއަގްވާމީ މުޖުތަމައާއި އާންމުންގެ ފިއްތުން ތަކާއެކު ޝަރުތެއް ނެތް ގޮތަށް ހަމަލަތައް ހުއްޓާލިކަން އިޒްރޭލުން އިޢްލާން ކުރިއެވެ.

ހަމާސްގެ ޤައްސާމް ބްރިގޭޑުން، ހަމަލަތައް ހުއްޓާލުމާ ގުޅިގެން ބަޔާންތައް ދިން އިރު އިޒްރޭލްގައި ނަތަންޔާހޫގެ ހިލަމެއްވެސް ނުވިއެވެ.

އިޒްރޭލްގައި އައު ސަރުކާރެއް އެކުލަވާލައިފިނަމަ، ނަތަންޔާހޫގެ 12 އަހަރުގެ ވެރިކަން ތާރީޚްގައި ލިޔެވިގެންދާނީ ހުތުރު ގޮތަކަށެވެ. ނަތަންޔާހޫގެ ދެމަފިރިންނާ ދެކޮޅަށްވެސް ކޮރަޕްޝަންގެ މައްސަލަ ޝަރީއަތަށް ހުށަހެޅިފައި ވެއެވެ. އޭނާ، މި މައްސަލައިން ރެކިގެންފައި ވަނީ މަގާމުގައި ހުންނަވާ ބޮޑުވަޒީރުގެ ހައިސިއްޔަތުން ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ މީހުންގެ އެހީތެރިކަމާއެކު ގައެވެ.

ލިޕިޑަށް އިޒްރޭލްގެ ރައީސްގެ ރުހުން ކަށަވަރުވެފައި ވުމާއެކު ރެއާ ހަމައަށް މަސައްކަތް ކުރަމުން ގޮސްފައި ވަނީ ކެނިސެޓްގައި ވޯޓަކަށް އެހުމުގެ ކުރިން ކެނެސެޓްގެ ރައީސް ބަދަލުކޮށް، ލެޕިޑަށް ތާއީދު ކުރާ ބްލޮކުން މީހަކު ރިއާސަތަށް ގެންނާށެވެ.

ރެއާ މިއަދު އިޒްރޭލުގެ ސިޓީތަކުގައި މީހުން ވަނީ މަގުތަކަށް ނިކުމެ އުފާފާޅުކޮށްފައެވެ.

ލެޕިޑްގެ ކޮއެލިޝަންގައި ތަފާތު ސިޔާސީ ފިކުރުގެ ޕާޓީތައް ހިމެނިފައި ވެއެވެ. ކެނެސެޓްގެ އަރަބި މެންބަރުންގެ ގްރޫޕުންވެސް ވަނީ ލެޕިޑަށް ތާއީދުކޮށްފައެވެ.

މިއަދު އޮންލައިން