މިރޭ ބަޔާންކުރަން ޤަޞްދުކުރަނީ ދުޢާކުރުމަށްފަހު ކެތްތެރިވުމާއި ޔަޤީންކަމުގައި ތިބުމާއި ދެމަފިރިން އެކުގައި ދަމުނަމާދުކޮށް ދުޢާކުރުމުގެ ފައިދާގެ ވާހަކައެވެ. އެހެންވެ ފަށަމުން މިކިޔައިދެނީ އަހަރެމެންގެ ބޮޑު އިމާމް، މުފްތީ މެންކް ބަޔާންކުރައްވަވާފައިވާ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ.
ދެމަފިރިއެއްގެ ހުރި ހަމަ އެންމެ ދަރިފުޅެވެ. އުމުރުން 10 އަހަރުގައި ކެންސަރު ޖެހުނީއެވެ. ބައްޔަށް ފަރުވާކުރަމުން ގޮސް އަތްމަތި ހުސްވީއެވެ. ލޯނުވެސް ނެގީއެވެ. ދަރިފުޅު ބަލިން ސަލާމަތްވިއެވެ. ނަމަވެސް ލޯނެއް ނުދެއްކުނެވެ. ލޯނު ނުދެއްކިގެން ލޯނު ނަގަން ރަހުނުކުރި ގެދޮރު ވިއްކަން ނުވަތަ ދޫކޮށްލަން ޖެހޭ ޙާލަތަށް ކަންކަން ދިއައެވެ.
ދަރަނި އަދާކުރެވޭތޯ ދެމަފިރިންނަށް ކުރެވުނުހައި މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ކަންކަން ދިއައީ ފޭލްވަމުންނެވެ. އެހީތެރިކަން ލިބޭނެ ކަމަށް އުންމީދުކުރި އެއްވެސް މީހެއްގެ ކިބައިން އެއްވެސް އެހީތެރިކަމެއް ނުލިބުނެވެ.
އެޙާލަތުގައިވެސް ދެމަފިރިން ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑައެއް ނުލައެވެ. ގެންދިއައީ ކެނޑިނޭޅި ދުޢާކުރަމުންނެވެ! ރޭގަނޑުގެ އަރާމު ނިދި ދޫކޮށް ހޭލައި ދަމުނަމާދު ކުރުމަށްފަހު ފަތިސްވަންދެން ދެމަފިރިން ތިބެނީ ހޭލައި ޛިކުރުކުރުމާ ދުޢާކުރުންމަތީގައެވެ.
އެންމެފަހުން ލިބުނު ކޯޓުގެ އެންމެ ފަހު ޗިޓަށް ދެމަފިރިން ކޯޓަށް ދިއައީ ގެ ވަގުތުން ނީލަން ކިޔައިފާނެ ކަމަށް ނުވަތަ ގެ ޙަވާލުކޮށްފާނެކަމަށް ބަލައި އެދުވަހުން ދުވަހަށް ގެއިން ނުކުންނަން ޖެހުނު ނަމަވެސް ނުކުމެވޭ ގޮތަށް ތައްޔާރުވެސް ވެގެންނެވެ. އެހެންކަމާއިއެކުވެސް ﷲ ތަޢާލާގެ ޙަޟްރަތުން ހެޔޮ ރަޙްމަތަށް އެދި ދުޢާކުރަމުންނެވެ. ދިރިއުޅެވޭނެ ކޮންމެވެސް މަގެއް ދައްކަވައި ދެއްވަވާނެ ކަމުގެ ޔަޤީންކަމުގައި ތިބެއެވެ.
ކޯޓަށް ވަންނަނިކޮށް މީހަކު ގޮވައިލުމުން ބަލައިލިއިރު އެމީހާއަކީ ފިރިމީހާ އާއިއެކު ކޮލެޖުގައި އުޅުނު ދަރިވަރެކެވެ. ޒަމާންތަކަކަށްފަހު ބައްދަލުވީއެވެ. ހާލު އަހައިލުމުން ޖެހިގެން އުޅޭ މުޞީބާތުގެ ވާހަކަ ކިޔައިދިނެވެ. އަދި އޭނާގެ އަތުގައި އޮތް ޗިޓަށް ބަލައިލުމަށްފަހު ވަރަށް އަވަހަށް އެނބުރި އެބަ އަންނަ ކަމަށް ބުނެފައި ދިއައީއެވެ.
ޝަރީއަތް ފެށުނުތަނާ ފެނުނީ ކުއްލިއަކަށް އޭނާ އައިސް ކޯޓްރޫމަށް ވަންތަނެވެ. ޤާޟީގެ އިޒުނައާއިއެކު އޭނާ ބުނީ ދައުވާ ކުރެވެނީ އޭނާއާއިއެކު ކޮލެޖުގައި ކިޔަވަން އުޅުނު ވަރަށް ގާތް އެކުވެރިއަކަށް ކަމަށެވެ. އޭނާގެ ދަރަނީގެ އަދަދު އެނގުމުން އޭނާހުރީ ހަމަ އެވަގުތު އެ ފައިސާ ދައްކައި ނިންމަން ކަމަށެވެ.
މީސްތަކުންނޭވެ! މިހިރީ ހަމަ މިޒަމާނުގައި ހިނގަމުންދާ ކަންކަމެވެ. މީހެއްގެ ދުޢާ އިޖާބަ ކުރައްވަވާނީ ކޮން ގޮތަކުން ކޮން ވަގުތަކުކަން އަހަރެމެން އެކަކަށްވެސް ނުއެނގޭނެއެވެ. މަތިން ގަޑިޖެހުމާއިއެކު އެކަމެއް ވެނިމޭނެއެވެ.
ދިރިއުޅުމުގައި ކަންކަން ދިމާވާނެއެވެ. ފަސޭހައިން ޙައްލުކުރެވޭނެ ކަންކަމާއި އުނދަގުލުން ޙައްލުކުރެވޭނެ ކަންކަމެވެ. ކޮންމެފަދަ ޙާލަތެއް ކުރިމަތިވިނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދުކަނޑައިނުލާށެވެ! ތިމާމެން އަދާކުރަންޖެހޭ ވާޖިބު އަދާކުރުމަށްފަހު ދުޢާކުރަމުން ގެންދާށެވެ! ދެމަފިރިން އެކުގައި ރޭއަޅުކަންކޮށް ދުޢާކުރާށެވެ! ޙއްލުކުރެވޭނެ މަގެއް ﷲ ތަޢާލާ ދައްކަވައިދެއްވަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން