ހިންދޫ ތާލިބާނުން އިންޑިއާގެ އިމާރާތްތައް ސުންނާފަތި ކޮށްލަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 21ސ
ހިންދޫ ތާލިބާނުން އިންޑިއާގެ އިމާރާތްތައް ސުންނާފަތި ކޮށްލަނީ!

ހިންދީ ސަގާފަތަކީ މުއްސަނދި ތަހްޒީބަކާއި ތަމައްދުނުގެ ވެރި ސަގާފަތެކެވެ. އަހަރަމެން ވިޔަކުރުމަށް ބޭނުންކުރާ ވިޔައަކުރަކީ، މި ތަމައްދުނުގެ ތަރިކައެކެވެ. އިމާރާތް ކުރުމުގެ ފަންނުވެރިކަމުގައި ހިންދީ ތަމައްދުނުގެ އަސަރެއް ފެންނާން ހުރިނަމަ އެކަމެއް ފެންނާން ހުރީ ބުދު ފައްޅިތަކުންނެވެ. އިންޑިއާގައި ފެންނާން ހުރި ބުދު ކޮއިލުތައް ފިޔަވަލި އެވައްޓަފާޅީގެ އިމާރާތް ކުރުމެއް ފެންނާކަށެއް ނެތެވެ.

މިއާ ޚިލާފަށް އާގަރާގެ ތާޖުމަހަލުން ފެށިގެން ދިއްލީގެ ޤުތުބު މިނާރުން ގޮސް، ދިއްލީ ގެ ލާލް ކިއްލާއިން ގޮސް ބަލާލި ކޮންމެ ދިމާއަކުން މަލަމަތިން ފެނިގެންދާނީ މުސްލިމުންގެ އިމާރާތް ކުރުމުގެ ފަންނުކާރު ކަމާއި މުސްލިމުންގެ ސިޓީތައް ފަރުމާ ކުރުމާއި ބަގީޗާތައް އާރާސްތު ކުރުމުގެ ކުޅަދާނަކަމެވެ. މުސްލިމުންގެ އިމާރާތްތަކުގެ ފަންނުކާރުކަން ގުޅުވާފައި ވަނީ ހިންދީ ބޮޑެތި ޒަމާންވީ ބޯދާ ފައްޅިތަކުގެ އިމާރާތްކުރުމުގެ ހުނަރާއެވެ.

މުސްލިމުންނަށް ހަސަދަވެރި ލޮލަކުން އިންޑިއާގައި މި ފަންނުވެރިކަމުގެ ނަލަކަމެއް ނުފެންނާނެ ކަން ކަށަވަރެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީ ފަރުމާ ކުރި މީހަކީ، އެޑްވިން ލުޓްޔެން އެވެ. 1911 ން 1931ށް އޭނާ އިންޑިއާގެ އައު ވެރިރަށް ފަރުމާ ކުރީ، ތައައްސުބުން އެއްކިބާވެ ހުރެ، އޭނާގެ ހުނަރުވެރިކަމުގެ ދަންމަރުގެ އަލީގައެވެ.

ނިއުދިއްލީގެ ވެރިކަމުގެ މުހިންމު އިމާރާތްތައް ހުރި ސަރަހައްދުގެ މަޝްހޫރު ނަމަކީ ލުޓްޔެން ދިއްލީއެވެ. އޭނާ މުޅި ހިސާބުގަނޑު ފަރުމާ ކޮށްފައި ވަނީ ކުރިން ދިއްލީގެ މަލަމަތިން ފެންނާން ހުރި މުހިންމު އިމާރާތްތަކާ ގުޅޭގޮތަށެވެ. އެހެންވެ، ލުޓިޔަންގެ ދިއްލީގެ ކޮންމެ އިމާރާތެއްގެ ޑިޒައިންގައި ބޭނުން ކޮށްފައިވާ ގަލުގެ ކުލައިންފެށިގެން ގޮސް، އިމާރާތްތަކުގެ ކަންތައް ވައްކޮށްފައި ހުންނަ ގޮތާއި މަތީވަޑާމާއި ކުންނުތަކާއި ގުއްބުތައް ހުންނާނީ އިހުޒަމާނުގެ މުސްލިމު މޮޢަލް އިމާރާތްކުރުމުގެ ފަންނުކާރީއާ ގުޅި ލާމެހިފައެވެ.

މުސްލިމު ފަންނުވެރިކަމާއި ގުޅުވިފައިވާ ލުޓްޔެން ދިއްލީގެ އިމާރާތްތަކުގެ ފަންނުވެރިކަމުން މިއަދުގެ އިންޑިއާ ސަރުކާރުގެ ވެރިންގެ މޭކަރަމުން ދެއެވެ. މިއިބާރާތަކީ، އިއްޔެ 4 އޮގަސްޓްގައި އިނގިރޭސި ގަރޑިއަން ނޫހުގައި އަނިޝް ކަޕޫރު ލިޔެފައިވާ ލިޔުމަކުން ނަގާފައިވާ ތަންކޮޅެކެވެ.

"ހައިރާން ވާކަށް ނުޖެހެއެވެ! ދިއްލީގެ އިމާރާތްތަކުގެ އިސްލާމީ ޑިޒައިން އަށް ބަލާފައި ދިއްލީގައި މިހާރު ވެރިކަން ކުރާ މީހުންގެ މޭ ކަރައެވެ. އެހެންވެ، ޚުދުމުޚުތާރު މޮދީއާއި އޭނާގެ އައުވާނުން ދަނީ އެތަންތަން ހަލާކު ކުރަމުންނެވެ. އަހަރެން މިވާހަކަތައް ލިޔަމުންދާ އިރު އެމީހުން އެހެރަގެން ދަނީ އެތަންތަން ސުންނާފަތިކޮށްލަމުންނެވެ. ދުނިޔޭގެ ފެންވަރުގައި ފެންނާން ހުރި މަލަތައް މޮދީ ހަލާކު ކުރަމުން ދަނީ ނަފްރަތުން ފުރިގެންވާ ކެމްޕެއިނަކާއެކު، އިންޑިއާއިން އިސްލާމީ އަސަރު ފޮހެލުމަށެވެ." ކަޕޫރު ލިޔުނެވެ.

އޭނާ ބުނާގޮތުން ދުނިޔޭގެ އިންސާނީ ތަރިކަ ރައްކާތެރިކުރުމުގެ ޒިންމާ ހަވާލުވެ އޮންނަ އދގެ އިދާރާއިންވެސް މިކަމަށް ޗުއްޕޭވެސް ނުބުނެއެވެ. އެއީ މޮދީ ދެކެ ބިރުން ކަމަށް ކަޕޫރު ބުނެއެވެ.

މި މަސައްކަތް މޮދީ ހަވާލުކޮށްފައިވާ މީހާއަކީ ގާޑިއަން ނޫހުން ސިފަ ކުރާ ގޮތުން ފެންވަރު ދަށް މީހެކެވެ. އެމީހާގެ ނަމަކީ ބީމާލް ޕަޓޭލް ކަމަށް ބުނެފައި ވެއެވެ.

200 މިލިއަން މުސްލިމުންގެ ޝުއޫރަށް ނުބަލައި 500 އަހަރުވީ މިސްކިތެއް ތަޅާލި ބަޔަކު އެއަށްވުރެން ބޮޑު ކަމެއް ނުކުރާނެކަމަށް ބެލުމަކީ މޮޔަކަމެކެވެ.

މޮދީ ބޭނުންވާ ގޮތަށް ލުޓިޔެން ދިއްލީ ބައްޓަން ކޮށް ނިމޭއިރު އިންޑިއާގެ އިންދިރާ ގާދީ ނޭޝަން މިއުޒިއަމްއާއި ކައިރީގައި ހުރި މުހިންމު އިމާރާތްތަކާއި ޑިޒައިން ކޮށް ހަދާފައިވާ ދުވަސްވީ ބަގީޗާތަކާއި ޒަމާންވެފައިވާ ބިޔަ ގަސްތައް ބިމުން ލުހެލާނެއެވެ. މިހާރުވެސް މިއިން ބައެއް ކަންކަން ކޮށްފައި ވެއެވެ.

މޮދީގެ ދެ ބިލިއަން ޑޮލަރުގެ މި ޚިޔާލީ ޕްރޮޖެކްޓަށް ދީފައިވާ ނަމަކީ ވިސްޓާ ޕްރޮޖެކްޓެވެ.

މޮދީގެ ދިއްލީ ހަލާކު ކުރުމުގެ މިމަޝްރޫއު ގާޑިއަން ނޫހުން ސިފަކޮށްފައި ވަނީ ހިންދޫ ތާލިބާނުން އިންޑިއާގެ އިމާރާތްތައް ހަލާކުކޮށް ލުމުގެ މަޝްރޫއެއް ކަމަށެވެ.

މިއަދު އޮންލައިން