އާގަރާގެ މިސްކިތަކަށް ވަދެގަތުމަށް ހިންދީންގެ ހައްދުފަހަނައަޅާފައިވާ ޖަމާއަތަކުން އިންޒާރު ދިނުމުން އުއްތްރަ ޕްރަދޭޝް ފުލުހުން މިއަދު މިސްކިތުގައި ފޯރި މަރަން ފަށައިފިއެވެ.
ތާޖުމަހަލް ހުންނަ ސިޓީ ކަމަށްވާ އާގަރާގެ ކައިރީގައި އޮންނަ ނޫރްޕޫރު އަވަށުގެ މިސްކިތެއް ހިފަން ދާނެ ކަމަށް ބުނެ އިންޒާރު ދިނީ ހައްދު ފަހަނައަޅާފައިވާ ވިޝްވާ ހިންދޫ ޕަރީޝާދު (ވީއެޗްޕީ) ގެ އެހިސާގަނޑުގެ ލީޑަރެވެ. މި އަންހެން މީހާ، ސާދްވީ ޕްރަޗީ އިއްޔެ ބުނެފައި ވަނީ މިއަދު ހެނދުނު ނޫރްޕޫރްގެ މިސްކިތް ހިފަން އޭނާއާއި އައުވާނުން ދާނެ ކަމަށެވެ. ނަމަވެސް އިންޒާރަށްފަހުވެސް އޭނާ އެއަވަށަށް އައީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
އޭނާގެ ސަޕޯޓަރުންނާއި ވިއެޗްޕީ މީހުންނާއި ބީޖޭޕީގެ ގިނަ އަދަދެއްގެ ބަޔަކު ހެނދުނުން ފެށިގެން މިސްކިތް ކައިރިއަށް ޖަމާވިއެވެ. ފުލުހުން ވަނީ މި މީހުންނަށް ހުރަސް އެޅުމަށް ހިސާބު ގަނޑު ކޯޑޮން ކޮށްފައެވެ.
މި މައްސަލަ ދިމާވެފައި ވަނީ މިދިޔަ މަހުގެ 26 ގައި މިސްކިތް ކައިރިން ދަށުފަންތީގެ ހިންދީން ކަމަށްވާ ޑާލީޓް ބަޔަކު ގެންދިޔަ ނަމާދު ގަޑީގައި ކައިވެނި ބާރާތެއްގައި ބާރަށް ބެރުޖަހައި ލަވަކިޔަމުން މިސްކިތް ކުރިމަތިން ދަނިކޮށް، މުސްލިމުންގެ ބަޔަކު ހުރަސް އެޅި ހާދިސާއާ ގުޅިގެންނެވެ. މިކަމާ ގުޅިގެން މިސްކިތް ކައިރީ ހަމަނުޖެހުން ހިނގިއެވެ. މިކަމާ ގުޅިގެން ދޮޅަހަކަށް މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ހަމަނުޖެހުމުގެ ފައިދާ ނަގައިގެން ވީއެޗްޕީން ވަނީ ހަވަރު އެއްކޮށް ނޫރްޕޫރާއި އާގަރާ ހިސާބުގަނޑުގައި ބޮޑު ހަމަނުޖެހުމަކަށް ދިއުމަށް ރާވާފައެވެ.
ނޫރްޕޫރްގެ ޑާލިޓް މީހުންގެ ގެތަކުގެ ބޭރުގައި ކަޅުދަވާދުން ގެ ވިއްކާލަނީ ކަމަށްވެސް ހަރުކަށި ހިންދީންގެ ބަޔަކު ވަނީ ލިޔެ އެއީ މސުްލިމުން ކުރިކަމެއް ކަމަށް ބުނެފައެވެ.
ވީއެޗްޕީއަކީ ބީޖޭޕީއާއި ބީޖޭޕީ މައި ޖަމުއިއްޔާ އާރްއެސްއެސްއާ ގުޅިފައި އޮންނަ ހިންދީންގެ ފައްޅިތައް ހިމާޔަތް ކުރާ ޖަމާއަތެވެ.