މިސްކިތްތަކުގެ ޙުރުމަތް ކަނޑަމުންގެންދާ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
މިސްކިތްތަކުގެ ޙުރުމަތް ކަނޑަމުންގެންދާ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

މާލޭގެ މިސްކިތްތައް ބަންދުކޮށް ފައިވަނިކޮށް، ބައެއްފަރާތްތަކުން މިސްކިތްތަކުގެ ޤަދަރާއި ޙުރުމަތް ކެނޑޭފަދަ ވިޔާނުދާ، ދީނާ ޚިލާފު ޢަމަލުތައް ހިންގަމުންދާތީއާއި، މިސްކިތުގައި މަސްތުވާތަކެތި ވިއްކުމާއި އެތަކެތި ބޭނުންކުރުމުގެ އިތުރުން، އެފަދަ ފަރާތްތަކުން މިސްކިތުގައި ނިދުމާއި ފެންވެރުމާއި ކައިބޮއި ހެދުންފަދަ ކަންކަން ކުރަމުންދާތީވެ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ. 

ޤަރާރު ހުށަހެޅުއްވީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވައި ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ މަޑުއްވަރީ ދާއިރާގެ މެންބަރު އަދަމް ޝަރީފްއެވެ. 

މަޖިލީހުގެ ޤަވާއިދުއޮންނަ ގޮތުން މިމައްސަލަ މާދަމާ ހުށަހެޅޭނެއެވެ. މެންބަރުންގެ ހިތުގައި އިސްލާމް ދީނަށް ލޯބިހުރިނަމަ މި ޤަރާރު ބޭރުކޮށްލާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. 

އާދަމް ޝަރީފް ހުށަހެޅުއްވި ޤަރާރް:

بسم الله الرّحمان الرّحيم

މިސްކިތްތަކުގެ ޙުރުމަތް ދަމަހައްޓައި، ބެލެހެއްޓުން ހަރުދަނާ ކުރުމަށް ސަރުކާރަށް ގޮވާލާ ހުށައަޅާ މައްސަލަ

ކޯވިޑް 19  އާއި ގުޅިގެން މާލޭގެ ބައެއް މިސްކިތްތައް ބަންދުކޮށް ފައިވަނިކޮށް، ބައެއްފަރާތްތަކުން މިސްކިތްތަކުގެ ޤަދަރާއި ޙުރުމަތް ކެނޑޭފަދަ ވިޔާނުދާ، ދީނާ ޚިލާފު ޢަމަލުތައް ހިންގަމުންދާތީއާއި، މިސްކިތުގައި މަސްތުވާތަކެތި ވިއްކުމާއި އެތަކެތި ބޭނުންކުރުމުގެ އިތުރުން، އެފަދަ ފަރާތްތަކުން މިސްކިތުގައި ނިދުމާއި ފެންވެރުމާއި ކައިބޮއި ހެދުންފަދަ ކަންކަން ކުރަމުންދާތީވެ، 

އިސްވެ ބަޔާން ކުރެވުނު ކަންކަމަކީ އިސްލާމީ- ދިވެހި މުޖްތަމައުގައި އެއްގޮތަކަށްވެސް ހިނގިޔަދީގެން ނުވާނެ ކަންކަމަށް ވާތީއާއި އެފަދަ އެކަންކަމަކީ ދިވެހިރާއްޖޭގައި، އިސްލާމްދީނުގެ މަތިވެރިކަމާއި އިސްލާމީ ރިވެތި އުޞޫލުތައް ނެތިކޮށްލާފަދަ ނުބައި ކަންކަމަށް ވާތީއާއި، މިސްކިތްތަކަކީ މިބިންމަތީގައި، ޙުރުމަތްތެރިވެގެންވާ އަދި ޤަދަރު އުފުލިގެންވާ ﷲގެ ގެކޮޅު ކަމުގައިވީހިނދު، 

މިސްކިތްތަކުގެ ޙުރުމަތް ދަމަހައްޓައި، އެތަންތަނުގެ ރައްކާތެރިކަން ކަށަވަރުކޮށް، މިސްކިތްތައް ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާ ކުރުމަށާއި މިސްކިތް ތަކުގައި ހިންގާ ހަޑިމުޑުދާރު ޢަމަލުތައްވަގުތުން ހުއްޓުވުމަށާއި މިސްކިތުގެ ޤަދަރު ކުޑަވާފަދަ ޢަމަލުތައް ހިންގަމުންދާ ފަރާތްތަކަށް ނަޞޭޙަތެރިވުމަށާއި އެފަދަ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 179 ވަނަ މާއްދާގެ ދަށުން މިމައްސަލަ ހުށައަޅަމެވެ. 

ހުށައަޅާ މެންބަރު: އަދަމް ޝަރީފް

ޙައިސިއްޔަތު: މަޑުއްވަރީ ދާއިރާ

ތާރީޚް 14 ޖޫން 2021

މިއަދު އޮންލައިން