އަޅުގަނޑަކީ މަސްތުވާ ތަކެތި ބޭނުންކުރި ކުއްޖަކީމެވެ. ދީނީ ޢިލްމު ކޮންމެވެސް ވަރަކަށް އެނގުނީ ޖަލުން ދިމާވި ރަނގަޅު ބައެއްގެ ސަބަބުން ޖަލުގައެވެ.
އެމީހުންގެ ބަސް ޤަބޫލުކޮށް ބަރާބަރަށް ނަމާދު ކުރަން ފެށީމެވެ. އެވަރުން ހިތްހަމަނުޖެހިގެން ސުންނަތް ނަމާދުތައްވެސް ކުރަން ފެށީމެވެ. އަދި ސުންނަތް ނަމާދުގެ ފަހުރަކުޢަތުގެ ސަޖިދައިގައި ދުޢާކުރަމުން އައީ ޖަލުން މިނިވަން ކުރެއްވެވުން އެދިއެވެ. ނަތީޖާ އަކީ ތިންއަހަރަށް ޙުކުމް ކޮށްފަ އޮއްވައި އެއް އަހަރުވީ ދުވަހު މިނިވަންވުމެވެ. މިނިވަންވުމުން މިނިވަން މާޙައުލަށް އައިސް އުޅުނީ ވަރަށް ރަނގަޅަށެވެ.
ރަނގަޅަށް އުޅެނިކޮށް ޖޮބެއްނުލިބި ގިނަދުވަސްވާންފެށުމުން މައިންބަފައިންގެ ޕްރެސަރ ބޮޑުވެ އަނެއްކާވެސް މަސްތުވާތަކެތި ބޭނުންކުރަން ފެށުނެވެ. އަތުގައި ހުރިހާ އެއްޗެއް ވިއްކާ ހުސްވިއިރު ފޯނެއްވެސް އަތުގައި ނެތެވެ. ލާންގެންގުޅޭ އެއްޗެތިކޮޅުވެސް ދީފައި ހަކުރު ހޯދީމެވެ.
ހަތަރު އުދަރެސް ފެނުޖެހި ގޮތް ހުސްވެފައި ހުންނަޖެހުނު ވަގުތު ކުރީގެ ދުވަސްތައްމަތިން ހަނދާންވެ ތައުބާވީމެވެ. އަނެއްކާވެސް ހަމަ އެގޮތަށް ސަޖިދާގައި އޮވެ ލޮލުން ކަރުނަ އަޅައި ދުޢާކުރީމެވެ. މާތް ﷲ ގެ ދީލަތިވަންތަކަމަށާއި ރަޙްމަތަށް ބޭނުންވާ ކަމަށް ދެންނެވީމެވެ.
އެގޮތަށް ކަންކަން ކުރަންފެށިތާ އެއްހަފްތާ ނުވަނީސް މީހަކު މަސައްކަތު ގެންދަން ފަށައިފިއެވެ. އޭގެ އަނެއްދުވަހު އަޅުގަނޑު ނުވެސް ބުނަނީސް މީހަކު މިހާރު މިގެންގުޅޭ ފޯނު ދީފިއެވެ. މީހުންގެ ލޯބި ލިބެންފަށައިފިއެވެ.
ކައިވެނިކުރާނެ ރަނގަޅު ކުއްޖަކުވެސް މިހާރު ހުރީ ލިބިފައެވެ. ޖެހިގެން އައިމަހުގައި ކައިވެނި ކުރަންވަނީ ހަަމަޖެހިފައެވެ. އިން ޝާ ﷲ
ދެން އޮތީ އެންމެ ބޮޑު ރަޙްމަތެވެ. މިހާރުވެސް އޮތީ މައްކާގެ ބިމަށް ދިއުމަށް ޗާންސް ލިބިފައެވެ. ކޮވިޑް ހަމައަކަށް އެޅުމުން ބޭނުން ޤައުމަކަށް ގޮސްލުމުގެ ފުރުޞަތު ވެސް އޮތީ ލިބިފައެވެ. الحمد لله އެހެންވެ މިއަދު މިހުރީ ވަރަށް އުފަލުންނެވެ. ކުއްލިއަކަށް ފަހިވެގެން މިދިއައީ ކުރިން އުންމީދުވެސް ނުކުރެވިހުރި އެތައް ކަމެކެވެ. ހަމަ އެކަލާނގެ ދީލަތިވަންތަކަން ބޮޑުކަމުންނެވެ.
އަޅުގަނޑު ކުރާ ދުޢާ އަކީ ދުނިޔޭގައިވެސް އާޚިރަތުގައިވެސް ބަރަކާތް ލައްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވެވުމެވެ.
މާތް ﷲ ހަނދުމަކޮށް ޛިކުރު ކުރުމަށް މިއަދު ލޯބިކުރަމެވެ. ކޮންމެ ސުންނަތް ދެ ރަކުޢަތުގެ ފަހު ސަޖިދައިގައި މަޑުކޮށް ޝުކުރުވެރިވެ މާތް ﷲ އަށް ދުޢާކުރަމެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
(މިލިޔުންކޮޅު ހިއްޞާކުރި ޒުވާނާ ވަނީ މިއަދުނޫހަށް މިއީ ތެދުވާހަކައެއްކަން ސާބިތުކޮށްދީފައެވެ. ކުޑަ ރަށެއްގައި ދިރިއުޅޭ ކުއްޖަކަށްވާތީ އެންމެންނަށް ކަންކަން އަދި އަންގަން ބޭނުން ނުވާތީ އެދުނީ ކާކުކަން އަދި ސިއްރުކޮށްދިނުމަށެވެ.)