ޙަޤީޤީ ޙާދިސާ: ފިރިމީހާ ކުރިމަތިކުރުވި އިންތިހާއަށް ބޮޑު އަނިޔާވެރިކަމުން ސަލާމަތަށް އެދި ދުޢާކުރަން ސަޖިދައިގަ އޮއްވާ ހިންމަވައިދެއްވެވި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 56ސ
ޙަޤީޤީ ޙާދިސާ: ފިރިމީހާ ކުރިމަތިކުރުވި އިންތިހާއަށް ބޮޑު އަނިޔާވެރިކަމުން ސަލާމަތަށް އެދި ދުޢާކުރަން ސަޖިދައިގަ އޮއްވާ ހިންމަވައިދެއްވެވި ގޮތުގެ ވާހަކަ-

އަޅުގަނޑަކީ އައްޑޫ ސިޓީއަށް ނިޞްބަތްވާ އަންހެނަކީމެވެ. ޙަޤީޤަތުގައި އަޅުގަނޑަކީ އަޅައިލާނެ އެއްވެސް މީހެއް ހުރި އަންހެނެއް ނޫނެވެ. އުމުރުން 15 ވަރަކަށް އަހަރުން ފެށިގެން އަޅުގަނޑު ދިރިއުޅެމުން އައީ މީސްމީހުންގެ ގޭގޭގައި މަސައްކަތްކޮށްދީގެންނެވެ. 

އަޅުގަނޑުގެ ފޯނު ނަމްބަރު އެނގޭނީވެސް ވަރަށް މަދުބައަކަށެވެ. ގެންގުޅެނީވެސް ބައްތި ފޯނެކެވެ. އެފޯނަކީ އެއިރު މަސައްކަތްކޮށްދިން ގޭގެ މީހުން އަޅުގަނޑަށް ގުޅަން ބޭނުންވުމުން ގުޅަން ފަސޭހައަކަށް އެގޭގެ މީހުން ދިން ފޯނެކެވެ. 

އެއްރޭ ނިދަން އޮއްވައި ފޯނުވާންފެށުމުން ފޯނު ނެގީމެވެ. ޒުވާން ފިރިހެން ކުއްޖެއްގެ އަޑެވެ. ގުޅުނީ ނަމްބަރު އޮޅިގެން ކަމަށް ބުންޏެވެ. ނަމަވެސް އޭނާ ފޯން ބާއްވާކަށް އެއްބަހެއް ނުވިއެވެ. ވާހަކަދެއްކީއެވެ. އަޅުގަނޑުވެސް ދެއްކީމެވެ. 

އެއިގެ ފަހުން ކޮންމެ ރެއަކުވެސް އޭނާ ގުޅައެވެ. އަޅުގަނޑުވެސް ވާހަކަދައްކަމެވެ. އެގޮތަށް ދުވަސްކޮޅެއްވީފަހުން އަޅުގަނޑަށްވެސް އޭނާ ދެކެ ލޯބިވެވެން ފަށައިފިއެވެ. ފުރަތަމަ ރޭ ވެސް އަޅުގަނޑުގެ ނިކަމެތި ޙާލުކިޔައިދިނީމެވެ. ކޮންމެރެއަކުހެން ކިޔައިދެމެވެ. އެހުރިހާ ކަމަކާއިއެކުވެސް އޭނާ ބޭނުންވީ އަޅުގަނޑާއި ގުޅޭށެވެ. 

ދުވަސްކޮޅެއްފަހުން އޭނާ ބުނެގެން އަޅުގަނޑު މާލެދިއައިމެވެ. އޭނާ އަޅުގަނޑު ބެހެއްޓީ އޭނާގެ ރައްޓެއްސެއްގެ ގޭގައެވެ. އެގޭގައި އުޅެނީ ވަރަށް ރަނގަޅު ދެމަފިރިންނެވެ. އެމީހުންގެ އަމިއްލަ ދަރިއަކު ފަދައިން އަޅުގަނޑު ބަލަހައްޓައިދިނެވެ. އޭނާ އާއިއެކު ބޭރަކަށްވެސް ނުފޮނުވައެވެ. ބުނަނީ އެކުގައި ދާންވާނީ ކައިވެނިކޮށްގެން ކަމަށެވެ. 

އޭނާގެ ގެއަށް އަޅުގަނޑު ގެންދިއައީ ކައިވެނިކޮށްގެންނެވެ. ކައިވެނިކޮށްގެން 3 މަސްދުވަސްވީއިރުވެސް ފިރިމީހާއަކީ ފިރިހެނެއްކަން ނުވަތަ އަންހެނެއްކަން އަޅުގަނޑަށް އެނގެންވާ ގޮތަކަށް ނުއެނގެނުވެ.  ލޯބިވުމަކީ ކޮބައިކަމެއް ނުއެނގުނުތަނުގައި ކައިވެނިކުރި ބޭނުމެއްވެސް ނުއެނގުނެވެ. 

ވަރަށް ލަދުން ހުރެ މިކަމުގެ ވާހަކަތައް ދައްކަން ފެށުމުން އެއްރޭ ނިދަން ކޮޓަރިއަށް ވަދެ އެނދުގައި އިށީނދެފައި ދައްކަންފެށި ވާހަކައަކުން ދިއައީ ސިއްސައިގެންނެވެ. އޭނާ ބުނީ މާދަންރޭ 2 ރައްޓެއްސަކު އަންނާނެ ކަމަށާއި ވަރަށް ބޮޑުކަމަކު މަޝްވަރާކުރަން ބޭނުންވާތީ ތިބޭނީ ކޮޓަރީގައި ކަމަށެވެ. އަދި އެމީހުންނަށް ވަރަށް ރަނގަޅަށް މެހްމާންދާރީ އަދާކޮށްދީ ކޮފީ އާއި ކާތަކެތި ކޮޓަރިއަށް ގެނެސްދޭންޖެހޭނެ ކަމަށެވެ. އެކަންކަމަށް އަހަރެން އެއްބަސްވީމެވެ.

ޖެހިގެން އައި ރޭ 11 ޖެހިތަނާ އައީ 2 ފިރިހެނަކާ އަންހެނަކުވެސް ގޮވައިގެންނެވެ. އަންހެނަކު ފެނުމުން ކުރިން ގަނެފައި ހުރި ބިރުކުޑަވިއެވެ. ނަމަވެސް އެމީހުން ކޮޓަރިއަށް ވަނުމުން ބަދިގެއަށް ގޮސް ކޮފީ ޢާއި ކާތަކެތި ހިފައިގެން އައުމުން ފެނުނު މަންޒަރުން މާބޮޑަށް ބިރުގަތެވެ. 

އެވަގުތު ފިރިމީހާ ކޮޓަރި ތަޅިލާފައި ތަޅުދަނޑި ނެގިއެވެ. އެ އަންހެން މީހާ ހުރީ ހެދުން ބަދަލުކޮށް ނައިޓީ ފާޑުގެ ތުނި ކުރު ހެދުންކޮޅެއް ލައިގެންނެވެ. 

އަޅުގަނޑު އަނގައިންވެސް ނުބުނެ ގޮސް ދޮރުބުޑުގައި އިށީނދެފައި ދޮރުހުޅުވައިދިނުން އެދި ރޯންފެށީމެވެ. ފިރިމީހާ ވަރަށް ގިނަ ވާހަކަތައް ދައްކައި ކަންބޮޑުނުވާން ވިސްނައިދޭން މަސައްކަތްކުރިއެވެ. ނަމަވެސް އެދެއްކި އެއްވެސް ވާހަކައަކަށް އަޅުގަނޑު ސަމާލުކަމެއް ނުދެމެވެ. ކުޑައިރުކޮޅެއް ފަހުން އަޅުގަނޑުގެ ހިއްސުތައް މަސައްކަތްކުރަން ފެށުމުން އިންތަނުގައި އިނދެ ސޖިދަކޮށް މާތް ﷲ އަށް ދުޢާކުރީމެވެ. ކުރިމަތިވާން އުޅޭ ނުރައްކައުތެރި ޙާލަތުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ސަޖިދައިގައި އޮވެ ކަރުނައަޅައި އާދޭސް ދެނެނެވީމެވެ. 

ސަޖިދައިގައި އޮއްވައި ފިރިމީހާ އައިސް ކައިރީގައި ހުއްޓިފައި ބުނީ އެނބުރި މިކޮޓަރިއަށް ނުވަންނަ ގޮތަށް ދާން ބޭނުންނަމަ ނުކުމެގެންދާށެވެ. އެހެން އެގޮތަށް އެބުނީ އަޅުގަނޑުގެ ނިކަމެތިކަން އެނގޭތީ އަޅައިލާނެ އެއްވެސް މީހަކު ނެތްކަން ޔަޤީންކޮށް އަޅުގަނޑަށް ނުކުމެގެންދާން ނުކެރޭނެ ކަމަށް ބަލައިގެން ކަމަށްވެދާނެއެވެ

ނަމަވެސް ކޮންމެ ޙާލަތެއްގައިވެސް މާތް ﷲ އަޅުގަނޑު ނިކަމެތި ނުކުރައްވަވާނެ ކަމުގެ ޔަޤީންކަން އަބަދުވެސް އޮވެއެވެ. ވީމާ އެއްވެސް ވަރަކަށް ފަސްނުޖެހި އެގޮތާއިވެސް ޤަބޫލުކަމަށް ބުނުމުން ދޮރުހުޅުވައިދިނުމާއިއެކު ނުކުމެ ދުއްވައިގަތީމެވެ. 

ފަޔަށް ލެވުނުހައި ބާރެއްލައިގެން ހިނގަމުން ގޮސް ކުރިން ހުރިގެއަށް ވަދެވުނުތަނާ ހޭނެތިއްޖެއެވެ. ހޭއެރީ ބޮލަށް ފެންއަޅަނިކޮށެވެ. ސުވާލުކޮށްކޮށްވެސް އަޅުގަނޑަކަށް ޖަވާބެއް ނުދެވުނެވެ. ދޫ ހީވަނީ ގަނޑުވެފައި އޮތްހެންނެވެ. ދެން އެދެމަފިރިން އަޅުގަނޑު ގެންގޮސް ކުރިންވެސް އަޅުގަނޑު ނިދިކޮޓަރިއަށް ވައްދާފައި އެނދުގައި ބާއްވާފައި ދިއައީއެވެ. އެހިސާބުން އަޅުގަނޑަށް ނިދިއްޖެއެވެ.

ހެނދުނު ތެދުވެ ހުރިހާ ވާހަކައެއް އެދެމަފިރިންނަށް ކިޔައިދިނީމެވެ. އަދި އެގެއަށް ނުފޮނުވައި އެގޭގައި ބައިންދައިދިނުމަށް ނުވަތަ ރަށަށް ފޮނުވައި ދިނުމަށް އެދުނީމެވެ. އެދެމަފިރިން ނިންމީ އަޅުގަނޑު އެގޭގައި ބަހައްޓާށެވެ. 

އެއިގެ 6 މަސްދުވަސްފަހުން އެ ދެމަފިރިން ދެއްކި މީހަކާއި ކައިވެނިކުރީމެވެ. ޙަޤީޤަތުގައި އަޅުގަނޑުގެ އަލަތު ކައިވެންޏަކީ 2 ވަނައަށް ކުރެވުނު ކައިވެންޏެވެ. ކައިވެނީގައި މިހާރު 10 އަހަރުވެ 4 ދަރިން ލިބިއްޖެއެވެ. މިހާރުގެ ފިރިމީހާ އާއިމެދު ބުނާނީ އިންސާނުންގެ ތެރޭގައި މަލާއިކަތަކު ހުންނާނެ ނަމަ އޭނާ ވާނީ މަލާއިކަތުންގެ ތެރެއިން ކަމަށެވެ. އެހައިވެސް ރަނގަޅެވެ. 

ތަނަވަސްވެސް މީހެކެވެ. ނަމަވެސް ގޭތެރޭގައި އަޅުގަނޑއި ދަރިންނާއިއެކު ވަގުތު ހޭދަކޮށް އަޅައިލުން ދިނުމުގައި ނަމޫނާ ފިރިއެކެވެ. 

މިއަދުނޫހުގެ ކިޔުންތެރި ކަނބަންނަށް އަޅުގަނޑު ދަންނަވަން އޮތީ މާތް ގެ ރަޙްމަތަށް ޔަޤީންކޮށްގެން ކިޔަމަންތެރިކަމުގައި ދިރިއުޅެވޭނަމަ ކިތަންމެ ބޮޑު މުޞީބާތެއް ޖެހިގެން ދެންނެވިނަމަވެސް ވަގުތުން ޢިޖާބަކުރައްވަވާ ކަމުގެ ހެކި އަޅުގަނޑަށް މިވަނީ ކިތަންމެ ރަނގަޅަށްވެސް ފެނިފައެވެ. ހިންމަވައި ދެއްވެވީ ދުޢާކުރަން އޮއްވައެވެ. ތިއަ ކަނބަލުންވެސް ސާބިތުވެލައްވާށެވެ! ހުރިހާ މުޞީބާތްތަކުންވެސް ސަލާމަތްކުރައްވަވާނެތެވެ. އިން ޝާ ﷲ

އަދި އެއްކަންތައް ފާހަގަކޮށްލާނަމެވެ. އިތުރު ތަފްޞީލު ހާމަކުރާކަށް ނެތީމެވެ. އަޅުގަނޑަކީ ކިތަންމެ ނިކަމެތި ނަމަވެސް ޢުމުރުން 15 އަހަރުން ފެށިގެން އެންމެ ނަމާދެއްވެސް ނާޅަން މަސައްކަތްކުރާ އަންހެނަކީމެވެ. އަދި 20 ވަރަކަށް އަހަރުން ފެށިގެންވެސް ޛިކުރުކުރާ އަންހެނަކީމެވެ. މާތް ﷲ ގެ ރައްކައުތެރިކަމަށް އެދި އަބަދުހެން ދުޢާކޮށްކޮށް ހުންނަ އަންހެނަކީމެވެ. 

އަޅުގަނޑަށް ފާހަގަކުރެވުނު އެއްކަންތައް ހާމަކޮށްލާނަމެވެ. ރާއްޖެތެރޭގައި ތިބޭ ނިކަމެތި އަންހެންކުދިންނަށް އޮޅުވާލައިގެން މާލެ ގެންގޮސް މިފަދަ މަކަރުވެރި ގޮތްގޮތުން މަޅީގައި ޖައްސުވާ ބައަކު އެކަން ހަމަ ގޭންގުހަދައިގެން އެބަކުރެއެވެ. މިކަމަށް ވަނީ ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހިފައެވެ. 

- ފާޠިމަތު/ މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން