ޙަޤީޤީ ޙާދިސާ: އަޅުގަނޑުމެން ދެމަފިރިން މިތިބީ ލޯބީގާ ވީވަޢުދު ފުއްދުމުން ދެއްވަވާ ނިޢުމަތުގެ ބޮޑުކަން ތަޖުރިބާކޮށްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
ޙަޤީޤީ ޙާދިސާ: އަޅުގަނޑުމެން ދެމަފިރިން މިތިބީ ލޯބީގާ ވީވަޢުދު ފުއްދުމުން ދެއްވަވާ ނިޢުމަތުގެ ބޮޑުކަން ތަޖުރިބާކޮށްގެން!

އަޅުގަނޑުމެންގެ ކައިވެންޏަށް މިހާރު މިއީ 52 އަހަރެވެ. ގޯލްޑަން ޖުބިލީ މިތިބީ ފާހަގަކޮށްގެންނެވެ. އެކަން ކުރެވުނީ ދަރިން، ޚާއްޞަކޮށް މާމަ، ކާފަ ދަރިން ވަރަށް ބުރަ މަސައްކަތްކޮށްގެންނެވެ. 

ޝައިޚް އެވިދާވި ވާހަކަތަކާއި އަޅުގަނޑުމެންގެ ޙަޔާތާއި ގުޅޭ ހިސާބަކީ ދެމަފިރިން ވީ ވައުދެއްވީ ވަރަށް ލޯބިންނެވެ. ﷲ ތަޢާލާ ހެކިކޮށެވެ. ކައިވެނިކުރީ ދެފަރާތުގެ ޢާއިލާގެ ބޮޑު ނުރުހުމުގައެވެ. އެހެންވެ އެކަކު އަނެކަކަށް ވަރަށް ގިނަ ވައުދުތައް ވާންޖެހުނެވެ. މާތް ﷲ ހެކިކޮށް އެތައް ބައިވަރު ވައުޢުދުތައް ވީމެވެ. 

ވަޢުދުތައް ވަމުން ދިއައިރު ދެމީހުންގެ ހިތުގައިވެސް އެންމެބޮޑަށް ޙާޞިލުކުރަން ބޭނުންވި ކަމަކަށްވެފައި އޮތީ ﷲ ތަޢާލާ ގެ ނަންފުޅުގައިވާ ވައުދުތައް ކޮންމެ ގޮތަކުން ނަމަވެސް ފުއްދުމެވެ. ނުކައި ނުބޮއި ތިބެގެންވެސް ކުރަން ބުނި ޞަދަޤާތްތައް ކުރުމެވެ. ދެމަފިރިންގެ އުމުރަށް ލޯބިން އެކުގައި ދިރިއުޅުމަށް ވީ ވައުދު ވެވުނު ވަރެއްގެ ޢަދަދެއްވެސް ނުއެނގެއެވެ. 

ކައިވެނިކޮށްގެން ފުރަތަމަ ރޭވެސް ދެމީހުންނަށް ނިދަންޖެހުނީ ރައްޓެއްސެއްގެ ގޭގައެވެ. އެއީ ދެޢާއިލާއިންކުރެ އެއްވެސް ޢާއިލާއަކުން އަހަރެމެން ބަލައި ނުގަތުމުންނެވެ. އެގޭގައި ރަޙްމަތްތެރިޔާގެ އެހީތެރިކަމުގައި އަހަރެއްހައި ދުވަހު ތިބީމުއެވެ. ދެފަރާތުގެ ޢާއިލީ ގެއަކީވެސް ހަމަ ބުރިބުރިއަށް ހުރި ގެތަކެވެ. ނަމަވެސް އަހަރެމެން ދެމީހުންނަށް ޖާގަ ނުލިބުނީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނޭވެ! ކައިވެނީގެ ކުރިން ވީ ވައުދުތައް ފުއްދުމުގައި ފުރަތަމަ ދުވަހާއި މިއަދާއި ދެމެދަކު އެއްވެސް ތަފާތެއް ނުކުރަމުއެވެ. ފަށަމުން ބުނި ފަދައިން ކައިވެންޏަށް 52 އަހަރުވީއެވެ. ނަތީޖާއަކީ ފިރިމީހާއަށް އަމިއްލަ މަސައްކަތެއް ފެށި ކުޑަވަރެއްގެ ބިންކޮޅެއް ގަނެވޭނެ މަގު ފެނުމެވެ. އެތަނުގައި ގެއެއް އަޅައި ބޯހިޔާކޮށްލެވޭވަރުވުމެވެ. 

ބިންކޮޅު ކުޑައެވެ. ގެވެސް ކުޑައެވެ. ނަމަވެސް 14 ދަރިން އެބަތިއްބެވެ. ކާފަ، މާމަ، މުނިކާފަ، މުނި މާމަ ކިޔާ ދަރިންގެ އަދަދު 74 އެވެ. ހުރިހާ ކުދިންވެސް ދިރިއުޅެނީ ވަރަށް އުފަލުންނެވެ. ދިރިއުޅެން އެއްވެސް މަސައްކަތެއް ކުރުން މަނާކޮށްފައި ދެމަފިރިން ބައިތިއްބާތާ 20 އަހަރުވީއެވެ. މިއަދު ދެމަފިރިންނަށް ކުރަން ހުއްދަ ހަމައެކަނި ކަމަކީ ދަރިންގެ ގައިގައި ފިރުމުމާއި ސުވަރުދާން މަސައްކަތްކުރުމެވެ. އިތުރު އެއްވެސް މަސައްކަތެއް ކުރުން މުޅިން މަނަލެވެ. 

މި ހުރިހާ ނިޢްމަތްތަކެއް ލިބިގެން ދިއަ ހަމައެކަނި ސަބަބަކީ އަހަރެމެން ކައިވެނީގެ ކުރިން ވީ ވައުދުތައް ފުއްދުމެވެ. ޔަޤީންކަމާއިއެކު ބުނަން ކެރިދާނެއެވެ. ކައިވެނީގެކުރިން ވީ އެންމެ ވައުދަކުން ޛައްރެއްގެ މިންވަރުވެސް އުނިކޮށްފައި ވަޢުދުފުއްދާފައެއް ނުވާނެއެވެ! 

މިއަދުނޫހުގައި ޝާއިޢުކުރަމުން ގެންދާ "ޙަޤީޤީ ޙާދިސާ" ސީރީޒް"ގެ ތެރެއިން "ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ތެރެއިން މިއީ ކޮންމެ މުސްލިމަކުވެސް ކިޔާލުން ވަރަށް މުހިންމު ޙާދިސާއެއް!" ކަމަށް ވިދާޅުވެ ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދުގެ ދަރުސަކުން ޝާއިޢުކޮށްފައި އެވާ ލިޔުމަކީ އަޅުގަނޑުމެން ދެމަފިރިންގެ ޙަޔާތާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ހާދިސާއެކެވެ. 

މިމޭރުމުން މިބުނަނީ ވައުދުތައް ފުއްދަން އެންމެ ބުރަކޮށް މަސައްކަތްކުރި ދުވަސްތަކުގައި ވަރަށް ގިނަ ތަފާތު ހުރަސްތައް އެޅުނެވެ. ބޮޑެތި ކަންކަން ކުރިމަތިވިއެވެ. ނަމަވެސް އެހުރިހާ ކަންކަން ހަމަ ޙައްލުކުރައްވަވައި ދެއްވެވިއެވެ. ބައެއް ކަންކަން ނިމިގެންދިއައީ ހަމަ ޢަޖައިބެއް ފަދަ ގޮތަކުންނެވެ. ހަނދާނުގައި މިހާރު ހުރި ބައެއް ކަންކަން އެހެން ފަހަރަކުން ޙިއްޞާ ކޮށްލައިދޭނަމެވެ. އިން ޝާ ﷲ 

- ނަޝީދާ/ އިބްރާހީމް މިއަދުނޫހުގެ ކިޔުންތެރިން

މިއަދު އޮންލައިން