އޭނާއަކީ އަޅުގަނޑުގެ ވަރަށް ގާތް ރަޙްމަތްތެރިއެކެވެ. ބެސްޓްފްރެންޑް ކަމަށްވެސް ބުނެވިދާނެއެވެ. އަދި އޭނާގެ ފިރިމީހާއަކީވެސް ހަމަ އެހައި ގާތް ރަޙްމަތްތެރިއެކެވެ.
އޭނާ އޮތީ 5 ވަނަ ދަރިފުޅު ވިހައިގެން ގަދަނުވެ ތަންމަތީގައެވެ. އެޙާލަތުގައި އޮއްވާ ފިރިމީހާ ބޭނުންވީ އިތުރު އަންހެނަކާއި ކައިވެނިކުރުމަށެވެ. އަނބިމީހާ އެކަމަށް އެއްބަސްނުވެ ބުނީ ވަރިކޮށްދީފައި ކައިވެނިކުރުމަށެވެ. ހިނގި ދެބަސްވުމުގައި އަނބިމީހާގެ ބަނޑަށް ކުރި އަނިޔާގެ ސަބަބުން ވަގުތުން ލޭފައިބަން ފެށިއެވެ.
ރާއްޖެއިން ރަނގަޅު ނުވެގެން ޖެހުނީ ސިންގަޕޫރަށް ގެންދާށެވެ. ޝިފާ ލިބުނީ ސިންގަޕޫރުގައި މަހެއްހައި ދުވަހު ތިބެގެން ފަރުވާކުރި ފަހުންނެވެ.
ފިރިމީހާއަކީ އެހައިތަނަށް ވަރަށް ކާމިޔާބު ވިޔަފާރިވެރިއެކެވެ. ނަމަވެސް އެހިސާބުން މަސައްކަތުގެ ބަރަކާތް ކެނޑި ގެއްލުންވާން ފެށިއެވެ. ހައަކަ މަސްދުވަސްވީއިރު ލިބުނު ގެއްލުން ބޮޑުކަމުން ދަރަނިވެރިވެ ބޭންކް ލޯންތައްވެސް ނުދެއްކޭ ހިސާބަށް ދިއަކަމަށް ފިރިމީހާ އަޅުގަނޑު ގާތު ބުންޏެވެ.
އެހިސާބަށް ކަންކަން ދިއުމުން އޭނާގެ ގާތް އެކުވެރިއެއްގެ ބަހަށް އެއިރު ވާހަކަ ދެއްކުންވެސް ހުއްޓާލައިގެންހުރި އަނބިމީހާގެ ކިބައިން މާފަށް އެދުނެވެ. އަދި އޭނާއަށް ހެޔޮކޮށް ހިތަން ފެށިއެވެ. މިވެނިކަމެއް މިހެންވީ މިވެނިކަމެއް ވެގެންކަމަށް ބުނުމަކީ އެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް އެނގޭ ކަމަކީ އަނބިމީހާގެ ކިބައިން މާފަށް އެދި ހެޔޮކޮށް ހިތަން ފެށިފަހުން ޙާލަތު ބަދަލުވާން ފެށިކަމެވެ. ކުރިން ލިބެމުން އައި ނަފާ ލިބެންފަށައި ދަތިތައް ފިލިކަމެވެ.
މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނާއި ހިއްޞާ މިކުރީ ބޭރު ޤައުމެއްގެ ފިރިއަކު ކުރި އެފަދަ ޢަމަލަކުން އޭނާއަށް ޖެހުނު މުޞީބާތުގެ ވާހަކަ ކިޔާފައި ހަމަ ކެތް ނުކުރެވިގެންނެވެ. ދަންނަވާލަން ބޭނުންވަނީ ދެއަންތބަށް ކައިވެނިކުރަން އަނބިމީހާ ހުއްދަ ނުދިންނަމަވެސް އަދި އެހެން މައްސަލައެއް މެދުވެރިވިނަމަވެސް ދެމަފިރިންކުރެ އެކަކުވެސް އަނެކާއަށް ޖިސްމާނީ އަނިޔާ ކުރުމަކީ ހިތުގައި ޖެހޭ ފަދަ ކަންކަން ކުރުމަކީ ވަރަށް ހިތާމަހުރި ކަމެއްކަމަށެވެ. އަނބިމީހާ ނުޤަބޫލުވެއްޖެނަމަ އޭނާ ދޫކޮށްލާފައި ލޯބިވާ މީހާ އާއި ކައިވެނިކުރުމުގެ ޙައްޤު ފިރިމީހާއަށް އޮތްއިރު ގަދަކަމުން ރުހުން ހޯދަން އަނިޔާވެރިވުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. ގަދަކަމުން ރުހުން ހޯދައިގެން ކުރާ ކަމަކުން ލިބޭނެ ހިތްހަމަޖެހުމެއްވެސް ނުއޮންނާނެތީއެވެ!
--ޒުލްފާ/ މިއަދުނޫހުގެ ކިޔުންތެރިއެއް