ﷲ ތަޢާލާއަށް ބިރުވެތިވާ އަންހެނަކު ސަލާމަތަށް އެދި ދުޢާކުރުމުން ވަގުތުން ސަލާމަތާ ގިނަ އަދަދެއްގެ ފައިސާ ލިބުނު ގޮތުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ﷲ ތަޢާލާއަށް ބިރުވެތިވާ އަންހެނަކު ސަލާމަތަށް އެދި ދުޢާކުރުމުން ވަގުތުން ސަލާމަތާ ގިނަ އަދަދެއްގެ ފައިސާ ލިބުނު ގޮތުގެ ވާހަކަ!

މިރޭވެސް މިފަށަނީ ވަރަށް ޢިބްރަތްތެރި ވާހަކައަކުންނެވެ. މިރޭ މިކިޔައިދެނީ ދާދިފަހުން ފަރަންސޭސިވިލާތުގައި މުސްލިމް އަންހެނަކަށް ކަންތައްތައް މެދުވެރިވި ގޮތުގެ ވާހަކައެވެ. 

މަކަރުވެރި ރޭވުމެއްގެ ތެރެއިން ހެޔޮލަފާ އަންހެނަކު ހޮޓަލެއްގެ ކޮޓަރިއަކަށް ގެންދިއައީ ފާހިޝް ޢަމަލުތައް ކުރުމުގެ ބޭނުމުގައެވެ. އެޙާލަތުގައި އޭނާ ދެއަތް އުފުލައި ﷲ ތަޢާލާގެ ރައްކައުތެރިކަމަށް އެދި ދުޢާކުރިތާ އެންމެ 2،3 މިނިޓް ތެރޭގައި ފުލުހުން ތިބީ އެ ހޮޓަލުގައެވެ. 

ފުލުހުން ހޮޓަލަށް ދިއައީ ހޮޓަލުގައި އެކަން ހިނގާކަން އެނގިގެނެއް ނޫނެވެ. ވައްކަންކުރި މީހަކު އެހޮޓަލުގެ ކޮޓަރިއެއްގައި ހުރިކަމަށް ތުހުމަތު ކުރެވިގެން އޭނާ އަތުލައިގަތުމަށެވެ. ނަމަވެސް ނަތީޖާއަކަށްވެގެންދިއައީ ފުލުހުންގެ ބައަކު ހޮޓަލަށް ވަދެއްޖެކަން އެނގުމުން އަންހެން މީހާ ޝިކާރަކުރަން އުޅުނު މީހުން ގަތް ބިރުން އޭނާ ދޫކޮށްލާފައި އެތަނުން ފިލުމެވެ. 

އެމީހުން ފިލީ އަންހެން މީހާ ރުއްސުމަށްޓަކައި ކޮޓަރީގައި އެތައް ބައިވަރު ފައިސާވެސް ބަހައްޓާފައެވެ. އަންހެންމީހާއަށް ސަލާމަތް ވެވުމުން ކޮޓަރިން ނުކުތީ އެހުރިހާ ފައިސާތައްވެސް ހިފައިގެންނެވެ. ނަމަވެސް އެތަނުން އެއްވެސް ފައިސާއެއް އޭނާ ބޭނުމެއް ނުކުރެއެވެ. އޭނާއަށް މިންވަރުފުޅު ކުރެއްވެވި މަތިވެރި ނިޢްމަތަށް ޝުކުރުވެރިވުމުގެ ގޮތުން ހުރިހާ ފައިސާ ހަދިޔާކުރީ މިސްކިތަކަށެވެ. އޭނާ އެކުރީ އޭނާގެ ދަރަޖަ އެތައް ގުނައަކަށް އިތުރުވެގެންދާނެ ޢަމަލެކެވެ. އެނާއަށް އެންމެ ފައިދާކުރާނެ ގޮތަށެވެ! އިން ޝާ ﷲ! 

އޭނާ ބުނި ގޮތުން އެފައިސާތައް ގެންދިއައީ އެތަނުގައި ބަހައްޓާފައި ދިއަ ނަމަ ހޮޓަލުގެ މުވައްޒިފުން ނަގައި ބޭނުން ކުރާނެތީއެވެ. އަމިއްލަ ބޭނުމެއް ކުރުމުގެ ނިޔަތަކު ނޫނެވެ. 

މިހާދިސާއިން ވެސް އެނގިގެންދިއައީ ﷲ ތަޢާލާގެ ޙިމާޔަތާއި ރައްކައުތެރިކަމަށް އިޚްލާޞްތެރިން އިޚްލާޞްތެރިކަމާއިއެކު އެދުމުން މިންވަރުކުރައްވަވާނެ ކަމެވެ. އެކަން މެދުވެރިކުރައްވަވާނީ ކިހިނެއްކަން ނުވެސް އެނގޭނެ ކަމެވެ. 

ﷲ ތަޢާލާއަށް ބިރުވެތިވާންވީ ހަމައެކަނި ކަމެއް ދިމާވުމަކުން ނޫނެވެ. އެމީހެއްގެ ހިތުގައި އަބަދުވެސް ﷲ ތަޢާލާއަށް ބިރުވެތިކަން ބާއްވަން ޖެހޭނެއެވެ. ކިތަންމެ ސިއްރުން ކަމެއް ކުރި ނަމަވެސް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ހިތުގައި ބާއްވައި ﷲ ތަޢާލާއަށް ބިރުވެތިވެގެން ހުންނަ މީހާ، ﷲ ތަޢާލާގެ ޙިމާޔަތާއި ރައްކައުތެރިކަމަށް އެދުމުން އެކަން މިންވަރުފުޅު ކުރައްވަވާނެތެވެ. އިން ޝާ ﷲ! 

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން