ޙަޤީޤީ ޙާދިސާ: އަޒްލިފާ ބުނަނީ އަންހެނުން ދިރިތިއްބާ އެކަނބަލުންގެ ހިތްތައް ކަތިލާ ރޮއްވަމުން ދުވަނީ ހަމަ އަންހެނުން ކަމަށް! އެއްބަސްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
ޙަޤީޤީ ޙާދިސާ: އަޒްލިފާ ބުނަނީ އަންހެނުން ދިރިތިއްބާ އެކަނބަލުންގެ ހިތްތައް ކަތިލާ ރޮއްވަމުން ދުވަނީ ހަމަ އަންހެނުން ކަމަށް! އެއްބަސްތޯ؟

އަޅުގަނޑުމެން ދެމަފަރިން ކައިވެނިކުރީ ވަރަށް ހަގު އުމުރުގައެވެ. އަޅުގަނޑުގެ އުމުރުން އެންމެ 19 އަހަރުގައެވެ. އެނާގެ އުމުރުން އެންމެ 22 އަހަރުގައެވެ. 

ހަގު އުމުރުގައި ކައިވެނިކުރެވުން ކުށްވެރިއެއް ނުކުރާނަމެވެ. 13 އަހަރުވަންދެން އުޅުނީ ވަރަށް އުފަލުގައެވެ. ވަރަށް ލޯބިންނެވެ. 3 ދަރިން ލިބުމުން ދަރިންވެސް ބަލައި ބޮޑުކުރަމުން އައީ ހަމަ ވަރަށް ލޯބިންނެވެ. 

ކަންކަން ބަދަލުވާންފެށީ ކައިވެންޏަށް 13 އަހަރުވީފަހުންނެވެ. އުފާވެރި 13 އަހަރަށްފަހުގައެވެ. ވީމާ ބައެއް މީހުން ކައިވެނި ފެއިލްވަނީ ޅަ އުމުރުގައި ކައިވެނިކުރާތީކަމަށްބުނި ނަމަވެސް އެކަން ޤަބޫލުކުރާކަށް ނެތީމެވެ. އެއީ ތެދެއްނަމަ 13 އަހަރުވަންދެން އުފަލުގައި ނުއުޅެވޭނެތީއެވެ. 

ފިރިމީހާއަށް ބަދަލުތަކެއް އަންނަމުންދާތާ ދުވަސްކޮޅެއްވީތަނާ އެއްރޭ ފިރިމީހާ ނިދާފައި އޮއްވާ ފޯނަށް މެސެޖްތަކެއް އަންނަން ފެށިއެވެ. އެއީ ލޯބިވެރިޔާ ފޮނުވި މެސެޖުތަކެކެވެ. މާއަވަހަށް ނިދައިގެން ކުރި ޝަކުވާތަކެވެ. ހަމައެކަނި ޓެކްސްޓް މެސެޖެއްވެސް ނޫނެވެ. އަޑުންވެސް މެސެޖްފޮނުވިއެވެ. 

އެކަންކަން ފެނި ޔަޤީންވުމުން އިޞްލާޙްވާން ފިރިމީހާއަށް ފުރުޞަތު ދިނީމެވެ. ނަމަވެސް ހެދީ ދޮގެވެ. އެއީ އެކުއްޖާ މަތިންބައިންޖެހިގެން ކުރާ ކަންކަން ކަމަށް ބުނެ ބަހަނާތައް ދެއްކިއެވެ. އެންމެފަހުން ދެމީހުން އެކުގައި ހުޅުމާލޭ ގޮނޑުދޮށުގައި ތިއްބާ ގޮސް ސަލާންވެސް ކޮށްލީމެވެ. 

އަޅުގަނޑަކީ ހިތްވަރު އެލުވައިލާ އަންހެނަކީމެއް ނޫނެވެ. ހިތްވަރުކޮށްފައި ވަރިވީއެވެ. އަދި ދިރިއުޅުނު ގެއަކީ އަޅުގަނޑުގެ ނަމުގައި ކުއްޔަށް ހިފާފައިހުރި ފެލެޓަކަށްވުމުން ފިރިމީހާ ފްލެޓުންވެސް ނެރެބޭރުކޮށްލީއެވެ. 

ފަހުން ކުލި ހަމަޖެއްސީ ދެކޮޓަރި ކުއްޔަށްދީގެންނެވެ. ޚަރަދުކުރާނެ ފައިސާ ހޯދީ ގޭގައި ހުރެ ކޭކު އަޅައިގެންނެވެ. ފަހައިގެންނެވެ. ފިރިމީހާއަށް ޖެހުނު ދަތުރުގެ ވާހަކަ ދައްކާކަށް ނެތީމެވެ. ހަމަގައިމުވެސް އެއިގެ 2 އަހަރުފަހުން އަޅުގަނޑު މިއުޅެނީ ކައިވެނިވެސްކޮށްގެންނެވެ. ކުރިއަށްވުރެ އުފަލުގައެވެ. ތަނަވަހުގައެވެ. 

މިބަނީ ބުނަން ބޭނުން އެންމެ ވަރުގަދަ ވާހަކައެވެ. އަޅުގަނޑު ފިރިއަކު ހޯދީ މީހެއްގެ ފިރިއެއް ޖަހައިގަނެގެނެއްވެސް ނޫނެވެ. އަންހެނެއްގެ ހިތް ކަތިލައި ދަރިންކޮޅު ނިކަމެތިކޮށްލާފައެއްވެސް ނޫނެވެ. ކައިވެނި ރޫޅި 5 އަހަރުވެ އެކަނި 4 ދަރިން ބަލަމުން ދިއަ ފިރިހެނަކާއެވެ. 

އަޅުގަނޑު ބުނަން ބޭނުންވާ ބަސް ކުޑަކޮށް ތަފާތުވެދާނެއެވެ. ބުނަން ބޭނުމީ އަންހެނުންނަށް ފިރިހެނުން އަނިޔާކުރާ ވާހަކަ އަންހެނުން ދައްކަންވީ ކީއްކުރަން ހެއްޔެވެ؟ އަންހެނުންނަށް އަނިޔާ މިކުރަނީ އަންހެނުން ނޫން ހެއްޔެވެ؟ އަންތބަކާއި ދަރިންފައްޗެއް އޮތްނަމަވެސް އެއިން އެއްވެސް ކަމަކަށް ނުބަލައި މީހުންގެ ފިރިންނާއި އަޅައިގަނެ ދަރިންތައް ބިކަކުރުވައި އަނބިން އެކަނިވެރިކުރުވަނީ ހަމަ އަންހެނުން ނޫންހެއްޔެވެ؟ އަޅުގަނޑު ބުނާނީ އަންހެނުން ކަތިލަމުން މިދުވަނީ ހަމަ އަންހެނުން ކަމަށެވެ. 

އެއްބަސްވާ ކިޔުންތެރިން އެއްބަސްވާށެވެ! އެއްބަސްނުވާ ކިޔުންތެރިން އެއްބަސްނުވާށެވެ! މިއީ އަޅުގަނޑުގެ ވިސްނުމެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތެވެ. 

- އަޒްލިފާ މުޙައްމަދު / މިއަދުނޫހުގެ ކިޔުންތެރިއެއް

އަޒްލިފާ ވަރަށް ސާފުބަހުން އެބުނަނީ އަންހެނުން ދިރިއްބާ އެކަނބަލުންގެ ހިތްތައް ކަތިލައި ރޮއްވަމުން ދުވާބައަކީ ހަމަ އަންހެނުން ކަމަށެވެ. ސުވާލަކީ އެއްބަސްތޯއެވެ.؟

އަޒްލިފާ ކުރުކޮށްލާފައި އެބުނަނީ އެއަންހެނެއްގެ ދިރިއުޅުން ހަލާކުވުމުން އެއަންހެނަކަށް ކުރާނެ އަސަރަށް ނުބަލައި އެހެން އަންހެނުންގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަނެ އެދެމަފިރިންގެ ދިރިއުޅުން ހަލާލުކުރެވެނީ އަންހެނުން އެކަމުގައި އިސްދައުރެއް އަދާކޮށްގެން ކަމަށެވެ. އަދި ތިމާގެ ދަރިން ނިކަމެތިވުމުން ތިމާވެސް ދެރަވާނެއިރު އެކަމަށްވެސް ނުވިސްނައި އެހެން މީހުންގެ ދަރިން ހިތްދަތިކުރުވާ ވާހަކައެވެ.

މިއަދު އޮންލައިން