ދުވާލުގެ ބުރަމަސައްކަތަށްފަހު ގެއަށް ދެވުނީ ރޭގަނޑު 11.30 ވެސްވީފަހުންނެވެ. އާދައިގެމަތިން ކާމޭޒުގައި އީށިންތަނާ އަނބިމީހާ އައީ ރުޅި އައިސް ރަތްވެގެން ހުރެއެވެ. އެކަމަށް ނުވެސް ވިސްނައި އަހަރެން ބުނީމެވެ. "އިރާދަފުޅުން މިއަދަކީ އުފާވެރި ދުވަހެކެވެ. ދޭން އޮތީ ވަރަށް އުފާވެރި ޚަބަރެކެވެ."
އަނބިމީހާގެ ޖަވާބަކީ "އެއްވެސް އުފާވެރި ޚަބަރެއް ދެން ބޭނުމެއް ނޫނެވެ. މާގިނަ ދުވަސްވެއްޖެއެވެ. މިގޭގައި މައިންބަފައިންނާއިއެކު އުޅެއުޅެ މަރުވާވަރުވެއްޖެއެވެ. ދިރިއުޅޭނެ ފްލެޓެއްވެސް ހޯދުނީއެއް ނޫނެވެ. ހަމަޖެހިލައިގެން ދިރިއުޅެވޭވަރުގެ އާމްދަނީއެއްވެސް ހޯދޭކަމަކަށް ނުވެއެވެ."
އެހިސާބުން އަނބިމީހާ ހުއްޓުވައި ކަންކަން ކިޔައިދޭން މަސައްކަތްކުރީމެވެ. ނަމަވެސް ބުނީ އެއްވެސް އިތުރު ވާހަކައެއް އަޑުއަހަން ވެސް ބޭނުންނުވާ ކަމަށެވެ. "ދެން މާގިނަ ވާހަކަދައްކަން ނުހަދާށެވެ. މިއޮތީ އަހަރެން ވަރިކުރި ކަމުގެ ލިޔުމެވެ. މީގައި ސޮއިކޮށްލާށެވެ. އެއިރުން އަހަރެން ބޭނުންވެގެން ކަމަށް ހަދާފަ ކޯޓަށް ހުށަހަޅާނަމެވެ. ލިޔުން ބޭނުންވަނީ ކޯޓުގަ އަހަރެން ވަރިކުރަން ދެކޮޅުހަދައިފާނެތީއެވެ. އެވަގުތު ދައްކާށެވެ.
ކަލޭގެ އެކުވެރި އަދުރޭ ނިކަން ދެކެބަލާށެވެ. ފްލެޓެއް ގަނެގެން އެއުޅެނީ ފްލެޓުގައި ގެންގުޅޭނެ އަންބަކު ނުލިބިގެންނެވެ. ވަރިކޮށް ޢިއްދަ ހަމަވާއިރަށް އިންނަން އަދުރޭ މިހާރުވެސް ހުރީ އެއްބަސްވެގެންނެވެ."
އެހިސާބުން އިތުރު ވާހަކައެއް ނުދައްކަމެވެ. އަނބިމީހާގެ އަތުގައި އޮތް ކަރުދާސްގަނޑު އަތުލައި ލިޔުމުގައި ސޮއިކޮށްފައި ބުނީމެވެ. "ތިއޮތީ ސޮއިވެސް ކޮށްފައެވެ. ތިހުރީ ވަރިވެސްކޮށްފައެވެ. މާދަން ކޯޓަށްވެސް ހުށަހަޅާނަމެވެ. އެކަމަކު ބުނަންހެއްޔެވެ؟ ރަނގަޅަށް ޗެކްކޮށްލާށެވެ. އަދުރޭ އިންސްޓަގްރާމަށް ފޮޓޯ އެލަނީ އޭނާގެ ކޮއްކޮގެ ފްލެޓެއްގެއެވެ. އޭނާގެ ފްލެޓެއް ކީއްކުރަން ކޮޓަރިއެއްވެސް މިބިންމައްޗަކު އަދި ނުހުންނާނެއެވެ. ހުރިއްޔާ ހުންނާނީ ދުނިޔެއިން ބޭރުގައެވެ.
ދެން މިބުނަނީ އަހަރެން ބުނަން އުޅުނު ވާހަކައެވެ. އަހަރެން ރޭގަނޑުން ބައަކާއިއެކު މިކުރި ބުރަ މަސައްކަތުގެ ސަބަބުން އެއްކުރެވުނު ފައިސާ އެޑްވާންސަށް ދައްކާފައި ބޮސްގެ ފްލެޓެއް މިއަދު ގަނެފީމެވެ. ބާކީ ދައްކަން ފަސޭހަކޮށްދޭން ބޮސް މިއަދު އަހަރެންނަށް ޕްރަމޯޝަންވެސް ދީފިއެވެ. އެކަމަކު އެ ފްލެޓުގައި އަހަރެން އުޅޭނީ އަަހަރެންނަށް ލިބޭ އާމްދަނީއަށް ފުދިގެން އުޅޭނެ އަންތބަކު ގޮވައިގެންނެވެ."
އެކަން އެހެން ނުކޮށް އޭނާ އާއިއެކު ދިރިއުޅެން ވަރަށް އެދުނެވެ. އަހަރެންގެ ތެދުވެރިކަމަށް ތައްރީފްވެސް ކުރިއެވެ. އެފަދަ އެތައް ވާހަކަތަކެއް ދެއްކިއެވެ. ނަމަވެސް އެއިރު ވަގުތު ވަނީ ފާއިތުވެފައެވެ. އަދުރޭއަށް އަނބިމީހާ ވަނީ ހަދިޔާކުރެވިފައެވެ. އެހެންވެ އެހިސާބުން ނިންމައިލީއެވެ.
ވަޒީފާގެ ތެރެއިން ރަށަކަށް ކުރި ދަތުރެއްގައި ބައްދަލުވި އަންހެން ކުއްޖަކާ ކައިވެނިކުރީމެވެ. އަދި ގަތް ފްލެޓުގައި ދިރިއުޅެން ފެށީމެވެ. ކައިވެންޏަށް 8 އަހަރުވެސް ވެއްޖެއެވެ. 2 ދަރިންވެސް ލިބިއްޖެއެވެ. އަހަރެމެންނަށްވުރެ ވަކިން އުފަލުގައި އުޅޭ ދެމަފިރިއަކު ތިބޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ މިވާހަކަކޮޅުން ޢިބްރަތެއް ލިބިއްޖެނަމަ ފުދުނީއެވެ. ކުރީގެ އަނބިމީހާއަށް ކަންކަން ދިމާވި ގޮތާއިމެދު އުފާކުރަނީއެއް ނޫނެވެ. އަހަރެންގެ ފަހުން 3 ކައިވެނިކޮށްފި ވާހަކަ އަޑުއިވެއެވެ. އަދި މިހާރު އުޅެނީ ރާއްޖެތެރޭ ރަށެއްގައި 3 ދޮންދަރިންގެ މަންމައަކަށްވެގެން ކަމަށް ޚަބަރުލިބެއެވެ.
- ޖަޒްލާން / މިއަދުނޫހުގެ ކިޔުންތެރިއެއް