ޙަޤީޤީ ޙާދިސާ: ނިކަން ބުނެބަލާށެވެ! އެންމެން އެއްޗެތި އެގޮވަނީ ތިބާއަށް ކަމުގަ ވެއްޖެނަމަ މިޙާލަތުގަ ހަދާނީ ކިހިނެއް؟ ކެތްތެރިވެވޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 56ސ
ޙަޤީޤީ ޙާދިސާ: ނިކަން ބުނެބަލާށެވެ! އެންމެން އެއްޗެތި އެގޮވަނީ ތިބާއަށް ކަމުގަ ވެއްޖެނަމަ މިޙާލަތުގަ ހަދާނީ ކިހިނެއް؟ ކެތްތެރިވެވޭނެތަ؟

މީސްމީހުންގެ ޙަޤީޤަތް އޮޅުން ނުފިލުވައި ނުބައި ވިސްނުން ވިސްނޭތީ މިއަދުނޫހުގެ ކިޔުންތެރިއަކު ލިޔެފައިވާ ލިޔުމަށް ތާއީދުކުރަމުން އަޅުގަނޑުވެސް މިކިޔައިދެނީ ހަމައަޅުގަނޑަށް ކުރިމަތިވި ކަމެކެވެ. 

އެއީ ބޮޑު ޢީދެކެވެ. އަޅުގަނޑާއި ފިރިމީހާ އާއިދެދަރިން ވެސް ތިބީ ރިޒޯޓެއްގައެވެ. އެއިރު އެ ރިޒޯޓުގައި 90 ވަރަކަށް އަހަރުގެ މުސްކުޅި ފިރިހެނަކާއިއެކު 20 ވަރަކަށް އަހަރުގެ އަންހެންކުއްޖަކު އުޅެއެވެ. ބައެއް ފަހަރު އަތުގައި ހިފައިގެން ވަރަށް މަޑުމަޑުން ހިނގާތަންވެސް ފެނެއެވެ. 

އެދެމީހުން ފެނުމުން ފަތުރުވެރިންގެ ބައެއް މީހުންވެސް އަދި ދިވެހިންވެސް ކަޅިއަޅައެވެ. ނަފްރަތުގެ ބަސްތައް ބުނެއެވެ. ފައިސާގެ ބޭނުމުގައި މިޒަމާނުގެ އަންހެންކުދިން ނުކުރާނެ ކަމެއް ނޯންނާނެ ކަމަށް ބުނެއެވެ. 

އެކަން (އެފަދަ ވާހަކަދައްކާކަން) އެމީހުންނަށްވެސް އެނގެއެވެ. ނަމަވެސް އަޅައިވެސް ނުލައެވެ. އެއުޅޭ ގޮތަކަށް އުޅެއެވެ. އެ ދެމީހުންނަށް ބަލައި ފާޑުކީ އެންމެން ސިހިގެންދިއައީ އެއްރޭގެ ރޭގަނޑު ކެއުމުގެ ގަޑީގައި ރެސްޓޯރަންޓްގައެވެ. ފިރިހެން މީހާއަށް ނޭވާލާން ކުޑަކޮށް އުނދަގޫވީއެވެ. އެވަގުތު އޭނާގެ މޭގައި އަތްކާއްތަމުން އަންހެންކުއްޖާ ވަރަށް ބާރަށް ބުންޏެވެ. 

"އަޅެމިތާ އެއްވެސް ޑޮކްޓަރަކު އެބައިންތަ؟ ބައްޕައަކީ ހާޓްޕޭޝަންޓެއް!"

އެއަޑާއިއެކު 2 ޑޮކްޓަރުން އެމުސްކުޅިމީހާއަށް އެހީތެރިވާން ފެށިއެވެ. އަދި ބައެއް ގޮތްގޮތް ހަދައިލުމުން ހަމައަކަށްވެސް އެޅިއްޖެއެވެ. 

އަނެއް ދުވަހު އެއަންހެން ކުއްޖާ އާއި ބައްދަލުވުމުން ކުޑަކޮށް ވާހަކަދައްކައިލީމެވެ. ބައްޕަގެ ޙާލު ކިހިނެއްތޯ އަހާލައި ކުޑަކޮށް "ކޮނެލީ"މެވެ. "އަހަރެންގެ ހުރީ ބައްޕަ އެކަންޏެވެ. މަންމަ މަރުވެއްޖެއެވެ. 2 ބޭބެ ކައިވެނިކޮށްގެން ގޮސް އުޅޭތަނެއްވެސް ނޭނގެއެވެ. އެކަމަކު 2 ބޭބެ ވަރަށް ސްމާޓްވާނެއެވެ. ބައްޕަ ހިތްހަމަޖެހޭހައި ކަންކަމަށް ޚަރަދުކުރާނެ ފައިސާ ފޮނުވާނެއެވެ. ރާއްޖެ އައިސްގެންވެސް މިއުޅެނީ ހަމަ ބައްޕަ ބޭނުންވެގެންނެވެ. 

އެއިގެ އަނެއް ދުވަހު ހުރިހާ ގެސްޓުންހައި ގިނަ އަދަދެއްގެ މީހުން ބައިވެރިވި ހަވީރުގެ ބާބަކިޔުއެއް އޮތެވެ. އެއިގެ މަޖާ އެންމެ ގަދަވީ ވަގުތު މައިކް އަތުލާފައި ބުނީމެވެ. 

"އަހަރެންގެ ދީންވެސް މައިން ބަފައިންވެސް ދަސްކޮށްދިނީ މީހަކާއިމެދު ނުބައި ޝައްކެއް ކުރެވިއްޖެނަމަ މަޢާފަށް އެދުމަށާއި ހެޔޮކޮށް ހިތުމަށާއި ހެޔޮ ދުޢާކުރުމަށެވެ! މާގްރެޓަށް އަހަރެންނަށް ވަނީ ވަރަށް ގިނައިން ބޮޑު ކުށެއް ކުރެވިފައެވެ. މިއޮތީ ކުޑަކުޑަ ހަދިޔާއެކެވެ. މާގްރެޓް ބަލައި އަންނާށެވެ! ބޭނުންވަނީ ވަރަށް ޝަރަފުވެރި އެއްޗެއްގެ ގޮތުގައި ޙަވާލުކުރަން ކަމުގައިވާތީއެވެ. އަހަރެން ތިބާއަށްޓަކައި ހެޔޮ ދުޢާކުރަމެވެ. އަބަދުވެސް ކުރާނަމެވެ!" 

އެކުއްޖާ ވަރަށް ހެމުން އެހެންނަވެސް ލަދުންވެސް ހުރެމެ ސްޓޭޖަށް އެރުމުން ކުޑަ ހަދިޔާއެއް ދިނީމެވެ. އެހިސާބުން އެކަންވީ ވަރަށް މަޖާ ކަމަކަށެވެ. ހަމަ އެންމެންހެން ވަނީ އަހަރެންނަށްވެސް ކުރެވުނު ކުށްކޮށްފައެވެ. ގެސްޓުންގެ އިތުރުން މުވައްޒިފުންވެސްމެއެވެ. އެހެންވެ ވަރަށް ގިނަ ބައަކު އޭނާއަށް ހަދިޔާދީ މާފަށް އެދުނެވެ. 

އެންމެންނަށްވެސް ކުރެވުނު ކުށަކީ އަންހެންކުއްޖާއަކީ ފައިސާގެ ދަހިވެތިކަމުގައި މުސްކުޅިޔާގެ ފަހަތުގަ އެލިގަނެގެން އުޅޭ އަންހެންކުއްޖެއް ކަމަށްބުނުމެވެ. އަދި ވަހުޝީ މީހެއް ކަމަށް ބުނެ މުސްކުލިޔާއަށް އެއްޗެތި ގޮވުމެވެ. ނަމަވެސް ޙަޤީޤަތް އެނގިގެންދިއައިރު މިވީ އެއްޗެތި ގޮވުމުގެ ބަދަލުގައި އެންމެން ތަޢްރީފްކުރަންޖެހޭނެ ފަދަ ދެމީހުންނަށެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ހަމަ އެއް ވާހަކައެކެވެ. ކަމެއް ފެންނައިރަށް ޙަޤީޤަތް ނުބަލައި ނަފްރަތުނުކުރާށެވެ! އެއްޗެތި ނުގޮވާށެވެ! އާޚިރަތް ދުވަހު ޖެހިދާނެ ނިކަމެތި ޙާލަތު ހިތަށް ގެންނާށެވެ! 

- ޖައު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން