ޙަޤީޤީ ޙާދިސާ: ސްކޭނަށް ބަލައި ދަރިފުޅު ވައްޓާނުލުމުން ޢާއިލާއިން އެއްލައިލި މައަކު ﷲ ތަޢާލާއަށް ވަކީލުކުރުމުން ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
ޙަޤީޤީ ޙާދިސާ: ސްކޭނަށް ބަލައި ދަރިފުޅު ވައްޓާނުލުމުން ޢާއިލާއިން އެއްލައިލި މައަކު ﷲ ތަޢާލާއަށް ވަކީލުކުރުމުން ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ!

އަހަރެންގެ އެންމެ ފުރަތަމަ ދަރިފުޅަށް ބަލިވެ އިނީ ކައިވެންޏަށް 5 ވަނަ އަހަރުއެވެ. އެ ޚަބަރުވެގެންދިއައީ އަހަރެމެން ދެމަފިރިންނަށާއި ދެފަރާތުގެ ޢާއިލާއަށްވެސް ވަރަށް އުފާވެރި ޚަބަރަކަށެވެ. 

ބަލިވެ އިނުމުން ސްކޭންކޮށް ޖިންސްބަލައި ހަދަން އަހަރެން ޝައުޤުވެރިއެއް ނުވަމެވެ. ކޮންމެ ޖިންސެއްގެ ނަމަވެސް ދަރިއަކު ދެއްވަވައިފިނަމަ އެނިމުނީކަމަށް ޤަބޫލުކުރީމެވެ. ދެއްވަވާނީ އެންމެ ފައިދާހުރި ގޮތަށް ކަމަށް ވެސް ޔަޤީންކުރީމެވެ. 

އުނދަގޫތަކެއްވާން ފެށުމުން 6 ވަނަ މަހުގައި ސްކޭނެއް ހަދަން ޖެހުނެވެ. ތަކުރާރުކޮށް 3 ހަފްތާގައި ސްކޭންކުރުމަށްފަހު ޑޮކްޓަރު ދިން ޚަބަރުން އުޑުވެއްޓި ބޮލުގައި ޖެހުނުފަދައެވެ. ހަތަރު އުދަރެސް ފެނުޖެހުނުފަދައެވެ. އެހެން ނުވާނީ ކީއްވެގެން ހެއްޔެވެ؟ ޑޮކްޓަރު ބުނީ ސްކޭނުން ދައްކަނީ ބަނޑުގައި އޮތީ އަތްފައި ނެތް ކުއްޖެއް ކަމަށެވެ. 

އެހިސާބުން ދެފަރާތުގެ ޢާއިލާގެ އެންމެންހެން ބޭނުންވީ އަވަހަށް ދަރިފުޅު ވައްޓާލުމަށެވެ. އެފަދަ ދަރިއަކު ލިބިއްޖެނަމަ ނުބެލެހެއްޓޭނެކަމަށާއި ކުރަންޖެހޭނެ ހިތާމަތައް މާބޮޑުވާނެ ކަމަށްބުނެއެވެ. ނަމަވެސް އަހަރެން ބޭނުންވީ ވިހާށެވެ. ﷲ ތަޢާލާ ދެއްވަވާ ދަރިފުޅު ބަލައިގަންނާށެވެ! އެ ދަރިފުޅަށް މަރުޙަބާކިޔާށެވެ! އަހަރެންގެ ހިތުގައި އުފެދޭ ސުވާލަކީ އަތްފައި ހުރި ދަރިއަކު ވިހާފަހުން އަތްފައި ގެންދަވައިފިނަމަ ދަރިފުޅު މަރާލާނީ ހެއްޔެވެ؟ 

އަޅުގަނޑަކީ ޓީޗަރަކީމެވެ. ނުލާހިކު ބުރަކޮށް މަސައްކަތްކޮށްފައި އަންނަތަނުން އެނޫން ވާހަކައެއް ނުދައްކާތީ އެންމެފަހުން ރާއްޖެތެރޭ ރަށަކަށް ވަޒީފާވެސް ބަދަލުކުރީއެވެ. ރަށަށް ބަދަލުވެފައި ފޯނުންވެސް ވާހަކަދެއްކުން ހުއްޓައިލީއެވެ. ފިރިމީހާ ބުނަމުން ދިއައީ ވިހައި ގަދަވުމުން ވަރިކުރާނެ ކަމަށެވެ. އަދި ދަރިފުޅަށް އެހީވެސް ނުވާނެ ކަމަށެވެ. 

އަޅުގަނޑު ބުނީމެވެ. "މާލެއިން ފުރައިގެން މިއައީ އެނބުރި މާލެ ދާން ބޭނުން ނުވާތީއެވެ. އިރާދަކުރެއްވިއްޔާ ދަރިފުޅަށް ޚަރަދުކުރާކަށްވެސް ނުޖައްސާނަމެވެ. ދަރިފުޅު ދެއްވެވި ފަރާތުން އެކަން ބަލަހައްޓަވާނެތެވެ. މިހުރީ އަހަރެންނާއި ދަރިފުޅުގެ ހުރިހާ ކަމެއް ﷲ އަށް ވަކީލުކޮށްގެންނެވެ!" 

އެއިގެފަހުން ސްކޭނެއްވެސް ނުކުރަމެވެ. ނަމަވެސް ޤަވާއިދުން ޑޮކްޓަރަށްދެއްކީމެވެ. ދުވަސްފުރާ ވިހެއީމެވެ. ވިއްސުމަށްފަހު ނަރުސްކުދިން ގެނެސް ކައިރީގައި ބޭއްވީ އަތްފައިން އެންމެ ކުޑަމިނުން ނިޔަފަތްޗެއްވެސް މަދުކުއްޖެއް ނޫނެވެ. އެހެން މީހުން ވެސް ވިހާފަދަ ކުއްޖެކެވެ.

އެކަން އެނގުމުން އެންމެންވެސް ޙައިރާންވިއެވެ. އަދި ކަންތައް ކުރެވުނު ގޮތާއިމެދު ހިތާމަވެސް ކުރިއެވެ. އެނބުރި މާލެއަންނަންވެސް އެދުނެވެ. ނަމަވެސް އަހަރެން ނިންމީ ދުވަހަކުވެސް މާލެ ނުދާށެވެ. ދަރިފުޅުވެސް މާލެ ނުގެންދާށެވެ. 

ދަރިފުޅުގެ އުމުރުން މިހާރު 7 އަހަރެވެ. ދެވަނަ ކައިވެނީގައި އިތުރު 2 ދަރިންވެސް ލިބިއްޖެއެވެ. އެންމެ ގުނަވަނެއްވެސް މަދެއްވެސް ނޫނެވެ. މިރަށުގައި އުޅެން މާހިތްހަމަޖެހެއެވެ. ފިރިމީހާގެ ކިބައިން ލިބޭ އެހީތެރިކަމާއި އަޅައިލުންވެސް މާބޮޑެވެ. 

- އާމިނަތު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ސްކޭނަކަށް ނުވަތަ އެނޫންވެސް ފޮޓޯއަކަށް އެހައި ބޮޑަށް އިތުބާރުނުކުރާށެވެ! ހެއްދެވިފަރާތަށް އިތުބާރުކުރާށެވެ! ދުޢާކުރީމާ ހުރިހާ ކަންކަންވެސް ހިންމަވައިދެއްވަވާނެތެވެ. ގުނަވަންތައް އުނިކުރައްވަވާފަދައިން ފުރިހަމަކޮށްދެއްވެވުންވެސް ވަނީ ހަމައެކަނި އެފަރާތަށެވެ.

މިއަދު އޮންލައިން