ޙަޤީޤީ ޙާދިސާ: ފިރިމީހާގެ ލޯބިވެރިޔާއާއެކު ނޫނީ ގޭގަ ނޫޅެވޭނެކަމަށްބުނެ އަނބިމީހާ ބޭރުކޮށްލި ފިރިމީހާއަށް އަނބިމީހާގެ ފިރިމީހާއާއެކު ގޭގަ އުޅެންޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 42ސ
ޙަޤީޤީ ޙާދިސާ: ފިރިމީހާގެ ލޯބިވެރިޔާއާއެކު ނޫނީ ގޭގަ ނޫޅެވޭނެކަމަށްބުނެ އަނބިމީހާ ބޭރުކޮށްލި ފިރިމީހާއަށް އަނބިމީހާގެ ފިރިމީހާއާއެކު ގޭގަ އުޅެންޖެހުނު ގޮތުގެ ވާހަކަ-

އަޅުގަނޑަކީ ވެސް ރާއްޖެތެރެއަށް ނިޞްބަތްވާ އަންހެނަކީމެވެ. މައިން ބަފއިން މާލެ ގެނައީ ކިޔަވާށެވެ. ކިޔަވައި ނިމުނުތަނުން ބައްދަލުވި ޒުވާނަކާއި ކައިވެނިކުރީމެވެ. ދެމަފިރިންވެސް ވަޒީފާ އަދާކުރީމުއެވެ. ދެމީހުން ގެ މުސާރައިން ފައިސާ އެއްކޮށްގެން ފިރިމީހާ ކުޑަ ފިހާރައެއް ހުޅުވައިގެން ފެށި ވިޔަފާރި ކުރިއަރައި ގޮސް ބޮޑު 3 ފިހާރައަށްވިއެވެ. 

އެއީ ހުކުރު ދުވަހެކެވެ. ކޮންމެ ހުކުރު ދުވަހަކުވެސް ޢިޝާ ނަމާދުކޮށްގެން ކައިހަދައިގެން ކުދިންގެ ކަންކަން ހަމަޖައްސާފައި އެކުވެރިންގެ ތެރެއިން ކޮންމެވެސް ބަލިމީހަކަށް ޒިޔާރަތްކުރަން ގަޑިއެއްހާއިރު ހޭދަކުރަމެވެ. އެދުވަހު ބައިގަޑިއެއްހައިއިރުގެ ތެރޭގައި އެނބުރި ގެއަށް ދިއައިރު ފިރިމީހާ އުޅެނީ ކޮޓަރިއަށް ހިލޭ އަންހެނަކު ވައްދައިގެންނެވެ. 

ޒުވާބެއް ނުކުރަމެވެ. ތައްޔާރުވީ އަންނައުނުކޮޅު ހިފައިގެން ގެއިން ނުކުތުމަށެވެ. އެވަގުތު ފިރިމީހާ ދިނީ ވަރުގަދަ އިންޒާރެކެވެ. އެ އަންހެން މީހާ އާއި ގުޅިގެން ގޭގައި އުޅުމަށެވެ. ނުކުމެގެން ހިނގައްޖެނަމަ ކޭޝްކާޑުވެސް ބްލޮކްކުރާނެ ކަމަށާއި އެއްވެސް ފައިސާއެއްވެސް ނުދޭނެ ކަމަށެވެ. އަދި އަނބުރާ ގެއަށް ނުވައްދާނެ ކަމަށެވެ. 

ގެގަނެފައިހުރީ ދެމީހުންކުރި މަސައްކަތުން ލިބުނު ފައިސާއަށެވެ. ބޭނުންކުރަމުން އައީ އޭނާގެ ނަމުގައި ނަގާފައިވާ ކޭޝްކާޑެކެވެ. މިފަދަ ދުވަހެއް އަތުވެދާނެކަމަށް ހުވަފެނުގައިވެސް ފެނިފައި ނުވުމުން ހުރެވުނީ ތައްޔާރު ނުވެއެވެ. 

ކޮންމެއަކަސް ފިރިމީހާ ހުށަހެޅި ޝަރުޠު ޤަބޫލުކުރަން އެއްބަހެއް ނުވެވުނެވެ. އަނގައިންވެސް ނުބުނެ ނުކުމެގެން ދިއައީއެވެ. ރައްޓެއްސެއްގެ ގެއަށެވެ. އަދި ވަރިވެސްވީމެވެ. ދިރިއުޅެމުން އައީ ރަޙްމަތްތެރިޔާގެ އެހީތެރިކަމުގައެވެ. ދުވާލު ގެއަށް ގޮސް ކުދިންގެ ކަންކަން ބަލަން ހުއްދަދީފައި އޮންނާތީ އެކަން ކުރީމެވެ. 

އެޙާލުގައި ދިރިއުޅޭތާ 3 އަހަރުފަހުން އެ ޢާއިލާގެ ޒުވާނަކު އަހަރެންނާއި ކައިވެނިކުރަން އެދުމުން ރަހްމަތްތެރިޔާގެ އެދުމާއިވެސް އެކު އޭނާ އާއި ކައިވެނިކުރީމެވެ. އަދި އޭނާގެ ގޭގައި ދިރިއުޅެން ފެށީމެވެ. 

ދެވަނަ މީހާ އާއި ކައިވެނިކުރިތާ 2 އަހަރު ފަހެވެ. އެއްދުވަހަކު ދަރިން ގާތަށް ދިއައިރު ކުރީގެ ފިރިމީހާ ހުރީ ވަރަށް ދެރަވެފައެވެ. ކަރު އެލުވާލައިގެންނެވެ. އެނގޭކަމަސްވެސް ނުހަދައި ދަރިންގެ ކަންކަމުގައި އުލެނިކޮށް އައިސް އަތުގައި ހިފާފައި ސޯފާގައި އިށީނުމަށް ބުންޏެވެ. އަތްފޮޅުވާލީމެވެ. ނަމަވެސް ސޯފާގައި އިށީނީމެވެ. 

"ސިތުނާއެވެ! މިއަދު މިވާހަކަ ދައްކަން ލަދުވެސް ގަނެއެވެ. ނަމަވެސް ސިތުނާއަކީ އަހަރެންގެ މުޅި ދިރިއުޅުމެވެ. 3 ދަރިންގެ މަންމައެވެ. ސިތުނާ އާއިމެދު ކަންކަން ކުރެވުނީ ވަރަށް ގޯސްކޮށްކަންވެސް ޤަބޫލުކުރަމެވެ. އަހަރެންނަށް ފާޑެއްގެ މަސްތެއް ވެވުނީއެވެ. ނަތީޖާއެއްގެ ގޮތުން ސިތުނާ ދޫކޮށްލައި އަދި ނިކަމެތިވެސް ކުރެވުނީއެވެ. ނަމަވެސް މިއަދު އެކަންކަމަށް ހިތާމަކުރަމެވެ." 

"އޭނާ ފިލައިގެން ހިނގައްޖެއެވެ. މައުލޫމާތު ލިބޭ ގޮތުން މިހާރު ހުރީ މެލޭސިޔާގައެވެ. އެދިއައީ އެކައުންޓުން 13 މިލިއަން ރުފިޔާވެސް ވަގަށްނަގައިގެންނެވެ. ވިޔަފާރިކުރެވޭނެ ގޮތެއްވެސް ނެތެވެ. ލޯނުތައް ދެއްކޭކަށްވެސް ނެތެވެ. އަހަރެން މިޙާލަތުން ސަލާމަތްކޮށްދެވޭނީ ހަމައެކަނި ސިތުނާއަށެވެ. އެނބުރި މިގެއަށް އަންނާށެވެ. ގެ އެކުގައިވެސް ސިތުނާއަށް ރަޖިސްޓްރީކޮށްދީފާނަމެވެ." 

ޖަވާބުގައި ބުނީމެވެ. "މިގެއިން އަހަރެން ބޭރުކޮށްލި ނަމަވެސް މިގޭގެ އެއްބައަކީ އަހަރެންގެ މިލްކެކެވެ. ދެމީހުންގެ ނަމުގައި ރަޖިސްޓްރީކުރާށެވެ. 4 ބުރިން 2 ބުރި ތިބާއަށެވެ. އަނެއް ދެބުރި އަހަރެންނަށެވެ. ދަރިންގެ ޙައްޤުގައި އެނބުރި އަތުވެދާނަމެވެ. ނަމަވެސް ގޭގައި އުޅެންޖެހޭނީ 3 މީހުން އެކުގައެވެ. އަހަރެންނާއި އަހަރެންގެ މިހާރުގެ ފިރިމީހާ އާއި ތިބާއެވެ. ލެޔަށް ޓީބީ ޖެހި ބޭސްކުރަމުންދާ ނިކަމެތި ބަލިޙާލުގައި ހުއްޓައި އަތުގައި ހިފި ފިރިމީހާ ދޫކޮށެއް ނުލާނަމެވެ. ދުވަހަކުވެސް ދޫކޮށެއް ނުލާނަމެވެ. 

މިގޮތާއި ރުހޭނަމަ މިގެއަށް އައިސް ކުރިން ބަލަހައްޓައިދިން ގޮތަށް ވިޔަފާރީގެ ކަންކަންވެސް ބަލަހައްޓާނަމެވެ. އެއީ ހަމަ އަހަރެންގެވެސް މަސައްކަތެވެ. އަހަރެންގެވެސް ވިޔަފާރިއެވެ. ވީމާ ޖެހޭނީ ދެ މީހުންގެ ނަމުގައި ކުންފުންޏެއް އުފައްދާށެވެ. ނޫން ނަމަ އަނެއްކާވެސް ތަނަވަސްކަން ލިބޭއިރަށް އަހަރެން ބޭރުކޮށްލާނެއެވެ." 

މިވާހަކަތައް ދެއްކިއިރު 15 އަހަރުގެ ފިރިހެން ދަރިފުޅު އަޑުއަހަން ފިލާހުރިކަމެއް ނޭނގެއެވެ. އެނގުނީ "ޔޭސް. މޮމް އިޒް ރައިޓް" ބުނުމުންނެވެ. 

އަހަރެން ބުނި ގޮތަށް އޭނާ ރުހި ކަންކަން ކުރުމުން ގެއަށް އައިސް އެކުގައި އުޅެން ފެށީމެވެ، ނަމަވެސް ދެމަފިިންގެ ގޮތަކު ނޫނެވެ. 2 ވިޔަފާރި ޕާޓްނަރުންގެ ގޮތުގައެވެ. ނަތީޖާވެސް ރަނގަޅެވެ. 2 އަހަރެއްހައި ދުވަހުގެ ތެރޭގައި އަލުން ތަނަވަސްކަން ލިބުނެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނޭވެ! ޚާއްޞަކޮށް ލޮބުވެތި ކަނބަލުންނޭވެ! ފޭރާމުގައި ފޮތިއަޅައިގެން ހެދުން ލެވިދާނެއެވެ! ނަމަވެސް ހިތުގައި ޕެޗްއަލައިގެން ނުއުޅެވޭނެއެވެ. ކެރިގެން ކުރިމަތިލުމުން ކާމިޔާބުވާނެއެވެ! އަނިޔާވެރިންގެ ކުރިމަތީގައި ނަމަނަމަ އަމާން ނުދޭށެވެ! ހިތްވަރުކުރުމުން މަގުދައްކަވާނެތެވެ! ދަތިޙާލ؛ުގައި އުޅެންޖެހޭނީ ކުޑަ ދުވަސްކޮޅަކުއެވެ. އަބަދަކު ނޫނެވެ. އިން ޝާ ﷲ 

- ސިތުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން