ޙަޤީޤީ ޙާދިސާ: ސީއީއޯ ބޭނުންވާ އަމިއްލަ ކަންކަން ކޮށްނުދޭންވެގެން ޕްރަމޯޝަނާ ވަޒީފާ ވެސް ދޫކޮށްލި އަންހެނަކު ތަނަވަސް ވިޔަފާރިވެރިއަކަށް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 33ސ
ޙަޤީޤީ ޙާދިސާ: ސީއީއޯ ބޭނުންވާ އަމިއްލަ ކަންކަން ކޮށްނުދޭންވެގެން ޕްރަމޯޝަނާ ވަޒީފާ ވެސް ދޫކޮށްލި އަންހެނަކު ތަނަވަސް ވިޔަފާރިވެރިއަކަށް-

އަޅުގަނޑު ކިޔެވީ މާކެޓިންގެ ދާއިރާއިންނެވެ. އަޅުގަނޑު މަސައްކަތްކުރި ކުންފުނީގެ މުދައު އެންމެ ގިނައިން ވިއްކި އެގްޒެކެޓިވްގެ އެވޯޑް ވިދިވިދިގެން 3 ވަނަ މަހު ހޯދިތަނާ ސީއީއޯ އަޅުގަނޑު ގެންގޮސްފައި ބުނީ އަޅުގަނޑަށް ޕްރަމޯޝަންދޭން ޤަޞްދުކުރާކަމަށެވެ. 

އެވަގުތު ވަރަށް އުފާވިއެވެ. ނަމަވެސް ވިއްދައިގެން ބުނިބަހުން ދިއައީ ސިއްސައިގެންނެވެ. "ބަދަލުގައި އަހަރެން ބޭނުންވާ އަމިއްލަ ކަންކަން ކޮށްދޭންޖެހޭނެ! މިބުނި އެއްޗެއް އެނގިއްޖެއެއްނު؟ އަހަރެންނަކީ ކުންފުނީގެ ސީއީއޯ! މި އޮފަރ ޤަބޫލުނުކޮށްފިނަމަ ހަމައެކަނި ޕްރަމޯޝަން ނުލިބޭނީއެއްވެސް ނޫން! ވަޒީފާއިންވެސް ވަކިކުރާނަން! އެނގިއްޖެއެއްނު!" 

ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަޅުގަނޑަކީ އެކަނި ދަރިއަކު ބަލަމުން އަންނަ މައަކީމެވެ. ދިރިއުޅެނީ ކުއްޔަށެވެ! ވަޒީފާއިން ވަކިކޮށްފިނަމަ ވާނީ ކިހިނެއްހެއްޔެވެ؟ ވަޒީފާގެ ބޭނުމުގައި ޙަރާމް ކަންކަން ކުރަން ހުރެއްޖެނަމަ މާތް ﷲ އަޅުގަނޑާއިމެދު ކޯފާވެވޮޑިގަންނަވާނެއެވެ!

އަޅުގަނޑު ނިންމީ ވަޒީފާއިން ވަކިވުމަށެވެ. އެހެންވެ ވަގުތުން އިސްތިއުފާދިނީމެވެ. ހުރިހާ ކަމެއް ވަކީލްކުރީ ﷲ އަށެވެ! އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑު ވަރިކުރީ ވިހޭތާ 2 ވަނަ މަހުގައެވެ. ދަރިފުޅުގެ އުމުރުން މިހާރު 4 އަހަރެވެ. ޙަލާލު ނޫން ގޮތުގައި ހޯދި އެންމެ ލާރިއެއްވެސް ބޭނުންކޮށްފައެއް ނުވާނެއެވެ. މަސައްކަތް ކުރުމުން ދިރިއުޅެވޭވަރަށް ފައިސާ ލިބެއެވެ. މާނައަކީ ބޭނުންވާ ހުރިހާ ކަމެއް ނުފުއްދުނު ނަމަވެސް އަސާސީ ބޭނުންތައް ފުއްދައިގެން ފިރިއުޅެލެވޭވަރަށް ދެއްވަވައެވެ. ވީމާ ޙަރާމް ގޮތުގައި ފައިށާ ހޯދާކަށް ނުޖެހެއެވެ. 

ކޮންމެއަކަސް އަޅުގަނޑު ވަޒީފާގައި ހުރެ ވިޔަފާރިކުރަމުން އައި ފަރާތްތަކަށް އަޅުގަނޑު ވަޒީފާއިން ވަކިވިކަން އެންގީމެވެ. ބައެއް ކުންފުނިތަކުން ވަގުތުން ވަޒީފާދޭންވެސް ހުށަހެޅިއެވެ. އަޅުގަނޑު ޤަޞްދުކުރީ އިހަށް ވަޒީފާއަކަށް ނުދިއުމަށެވެ. އަމިއްލައަށް ކޮންމެވެސް ކަމެއް ކުރެވޭތޯ ބެލުމަށެވެ. 

އެގޮތަށް ނިންމައި ހަމައެކަނި ނަމެއްގެ ބޭނުމުގައި ކުންފުންޏެއް ރަޖިސްޓްރީކުރީމެވެ. ކޮއްކޮއަކާއި ދެމީހުންގެ ނަމުގައެވެ. ކުރަންފެށި މަސައްކަތަކީ ހަމަ ކުރިންވެސް ކުރަމުން އައި މަސައްކަތެވެ. އެއިރު މާކެޓްކުރީ އެކުންފުންޏަށް އެތެރެކުރާ މުދަލެވެ. އަޅުގަނޑުގެ ކުންފުނިން މާކެޓްކުރަންފެށީ އެހެން ކުންފުނިތަކުން އެތެރެކުރާ މުދަލެވެ. 

މިބުނަނީ ހަމަ ތެދަށެވެ. ފުރަތަމަ 3 މަސް ދުވަހު ވެސް އެކުންފުނިން ދިން މުސާރައަށްވުރެ ގިނައިން ސާފު ފައިދާގެ ގޮތުގައި ލިބުނެވެ. އަހަރު ދުވަސްވީއިރު ކުންފުނީގައި 20 މުވައްޒިފުން ތިއްބެވެ. ހިންގަމުން އައީ ޢިމާރާތެއްގެ 2 ފަންގިފިލާގައެވެ. މިއަދު ހަމައެކަނި އެހެން ކުންފުނިތަކުގެ މުދައު މާކެޓްކުރަނީއެއް ނޫނެވެ. އަމިއްލައަށް މުދައު އެތެރެވެސް ކުރަމެވެ. މިފެންވަރަށް މަސައްކަތްތައް ކުރިއަށްގެންދެވުނީ ވިދައިލި ވިދުވަރެއް ފަދައަކުން ނޫނެވެ. ވަރަށް ބުރަ މަސައްކަތުންނެވެ. 

އެވަރުގަދަ ސީއީއޯއަށް ގޮންވެސް ޖެހީމެވެ. އެކުންފުންޏަށް އެތެރެކުރާ ބައެއް ބާވަތްތައް ފޮނުވައިދޭ ކުންފުނިތަކާއި މަޝްވަރާކޮށްގެން އެއިގެ ތެރެއިން 4 ކުންފުންޏެއްގެ އެޖެންޓުކަން އަޅުގަނޑަށް ބަދަލުވެސް ކުރެވުނެވެ. މިހާރު ތަފާތު 8 ކުންފުންޏަކާއިއެކު އެބަ ޑީލްކުރަމެވެ. 30 އަށްވުރެ ގިނަ ބާވަތް އެބަ މާކެޓްކުރަމެވެ. މިހުރިހާ ކުންފުނިތަކުންވެސް އަޅުގަނޑަށް އިތުބާރުކުރެއެވެ. ޓާރމްސް އެންޑް ކޮންޑިޝަންސްގެ ތެރެއިން މުދައު ފޮނުވައިދެއެވެ. އަޅުގަނޑު އޯޑަރުކުރަނީ ގަންނާނެ ކަސްޓަމަރުން ހޯދާފައެވެ. ކޮންޓޭނަރު ގެނެވޭއިރު ހުންނާނީ ވިކިނިމިފައެވެ.  

މިއަދުނޫސް ވިދާޅުވާ އަންހެން ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑަށް ކުރިމަތިވި ފަދަ ކަންކަން ކުރިމަތިވުމަކީ ހަމަ ވަރަށް ގިނައިން ކުރިމަތިވަމުން އަންނަ ކަމެއް ކަމަށެވެ. ޚާއްބަކޮށް އެކަނި ތިބޭ އަންހެނުންނަށް ދިމާވުން ގިނައެވެ. ބަލަންވީ ލިބޭ ޕްރަމޯޝަނާއި އިތުރު ފައިސާއަކަށް ނޫނެވެ. ބިރުވެތިވާންވީ މަރުވާނެ ކަމަށެވެ. ޙަލާލު ނޫން ގޮތުގައި ޛައްރެއްގެ މިންވަރުވެސް ލިބި ނުގަތުމަށެވެ. 

ﷲ އަށް ތެދުވެރިވީމާ ކޮންމެ މީހަކަށްވެސް މަގު ދައްކަވާނެ އެވެ. އަޅުގަނޑު ވަޒީފާއިން ވަކިވާން ޖެހުންވެގެންދިއައީ އަމިއްލަ ފައިމައްޗަށް ތެދުވަން މަގުފަހިވި ކަމަކަށެވެ. ވީމާ ވަޒީފާއިން ވަކިކޮށްފާނެތީ ބިރުގަންނާނެކަމެއް ނެތެވެ.  

ނިންމާލަމުން އެންމެ ވާހަކައެއް ބުނެލާނަމެވެ. އެއީ ރަނގަޅު ގޮތް މެދުވެރިކުރައްވަވާނީ ރަނގަޅު ގޮތަސް އުޅުމުންނެވެ. އަޅުގަނޑަކީ ދަމުނަމާދެއްވެސް ނާޅައިވޭތޯ އުމުރުން 20 ވަރަކަށް އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ އަންހެނަކީމެވެ. ތިއަ ކަނބަލުންވެސް އެގޮތް އިޚްތިޔާރުކުރައްވާށެވެ! 

- އާމިނަތު ޒާހިރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން