"އަޅުގަނޑަކީ އަބުރުވެރި ދިރިއުޅުމެއް އުޅޭ އަންހެނަކީމެވެ. ޒަވާޖީ ޙަޔާތްވެސް ހޭދަކުރަމުން މިގެންދަނީ ހަމަ އުފަލުގައެވެ.
މިދޭތެރެއިން އަޅުގަނޑު ފިރިމީހާގެ އިންތިޒާރުގައި މާވެޔޮމަގު މަޖިދީމަގު ކަންމަތީގައި ކުޑަ އިރުކޮޅަކު މަޑުކޮށްލަން ޖެހުނެވެ. 2، 3 ރޭ މަޑުކޮށްލަން ޖެހުނު އިރަށް ބިރުން ހަލާކުވެއްޖެއެވެ. އަގު އަހަމުން ބަންގްލަދޭޝް މީޙުންތައް ދުވަނީއެވެ. ކައިރީގައި ތިބެގެން ސުވާލުކުރަނީއެވެ.
މިވާގޮތެއް ޔަޤީންކުރެވުނީ މީސްމީހުންގެ ގާތު އަހައިގެންނެވެ. އެކަންމަތި މިވަނީ ވިކެން އަންހެނުން ގޮސް މަޑުކުރާ ތަނަކަށެވެ. ވީމާ ނޭނގިހުރެނަމަވެސް އަޅުގަނޑަށްވެސް މިހުރެވުނު ކަމަށްވީ އެސޭލުން ސޭލް އެޅުވިގެންނެވެ. ވީމާ ފަހަތުން ދުވީއެވެ."
މިއަދުނޫހުގެ ކިޔުންތެރިއަކު ފޮނުވި މި މައުލޫމާތާއި ގުޅިގެން މިއަދުނޫހުން ކުރި މަސައްކަތުން އެނގުނީ އެ ކަންމަތީގައި އެ ވިޔަފާރި ފައުޅުގައި ހިންގާތާ އަހަރުތަކެއް ވެއްޖަކަމަށާއި ފުލުހުންނަށްވެސް އެކަމުގެ މައުލޫމާތު އޮންނަންވާނީ ލިބިފައި ކަމެވެ.
ފުލުހުންނާ ކުރާ ސުވާލުތަކަށް މިހާރަކަށް އައިސް ޖަވާބު ނުދޭތީ ސުވާލުކުރުމުގެ ޝައުޤުވެރިކަމެއް ނެތެވެ. މިއަދު މެންދުރު ކުރި ސުވާލުތަކަށް ވެސް އަދިވެސް އެއްވެސް ޖަވާބެއް ނުދޭކަން ފާހަގަކުރަމެވެ.